ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ދެމުން އަންނަ މެޑިކަލް ވެލްފެއާގެ ހިދުމަތްތައް މާދަމާ އިން ފެށިގެން އާސަންދަ ކުންފުނީގެ ދަށަށް ބަދަލު ކުރުމަށް ނިންމައިފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ އެންސްޕާއިން ދެމުން ދިޔަ މެޑިކަލް ވެލްފެއާގެ ހިދުމަތްތައް އާސަންދަ ކުންފުނީގެ ދަށަށް ބަދަލު ކުރުމަށް ނިންމީ މިހާރު ސިއްހީ ނިޒާމުގެ އެހީގެ ހިދުމަތް ދެ ތަނަކުން ދޭތީ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމަށެވެ. އޭގެ ތެރޭގައި އެންސްޕާއިން ކުރިން ދިން 16 ހިދުމަތެއް ހިމެނޭ ކަމަށް އެ އިއުލާނުގައިވެ އެވެ.
އާސަންދަ ކުންފުނީގެ ދަށަށް ބަދަލުވާ ހިދުމަތްތައް:
- ގޯޝަން ބަލި ތަޙައްމަލްކުރަމުންދާ ފަރާތްތަކަށް ބޭސް ގެނައުމާއި ފޯރުކޮށްދިނުން
- ކެންސާ ބަލީގެ ފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުން
- ފަރުވާ ކުރިއަށްގެންދިއުމަށް ބޭނުންވާ ބޭހުގެ ތެރެއިން ރާއްޖެއިން ލިބެން ނެތް ނުވަތަ އެޕްރޫވުޑް ޑްރަގް ލިސްޓްގައި ނުހިމެނޭ ބޭސް ހޯދުމަށް އެދޭ ފަރާތްތަކަށް އެހީވުން
- ފަރުވާ ކުރިއަށް ގެންދިއުމަށް ރާއްޖެއިން ނުލިބޭ ބޭސް އަދި އާންމުކޮށް ބޭނުންވާ ބޭސް ހޯދުމަށް ދެވޭ ފައިސާގެ އެހީ
- އާސަންދަ ހަމަޖެހިގެން ބޭރުން ފަރުވާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ޓިކެޓް
- ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ދިމާވާ ސިއްހީ ކަންކަމަށް ދެވޭ އެހީ
- ޕަބްލިކް ހޮސްޕިޓަލުންނާއި އާސަންދައިން ކަވާ ނުކުރާ ޓެސްޓްތަކާއި ތަހުލީލްތަކަށް ދެވޭ އެހީ
- ފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ އެކިއެކި އާލަތްތަކާއި، މެޝިން (އެސިސްޓިވް ޑިވައިސަސް) އަދި މެޑިކަލް ކޮންސިއުމަބަލްސް ފަދަ ތަކެއްޗަށް ފޯރުކޮށްދޭ އެހީ
- ދެވޭ އިތުރު އެހީއެއް ނެތް ކަމަށް ކަމާބެހޭ ހާއްސަ ޑޮކްޓަރަކު ލަފާ ދިނުމަށްފަހު އެނބުރި ރާއްޖެ އަންނަން ނުވަތަ ފަރުވާ ފުރިހަމަ ކުރުމަށްފަހު އެނބުރި ރަށަށް ދިއުމަށް ބޭނުންވާ އެހީ ބޭނުންވާ ފަރާތްތަކަށް (ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން) އެހީވުން
- ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހެދުމަށްފަހު ފޮލޯއަޕް ހެދުން
- އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރަށް ފަރުވާ ކުރުމަށް ދިއުމަށްފަހު ދިމާވާ ދަތިތަކާއި ގުޅިގެން ދެވޭ އެހީ
- ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ރިފަރަލް ހެދުން
- ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް ބަދަލުކުރުމާއި ކޮންސެންޓް ނެގުން
- މެރަނަ ސްކީމުގައި ރަޖިސްޓަރީ ކޮށްފައިވާ ދިވެހިންނަށް އިމަޖެންސީ ހާލަތެއް މެދުވެރިވެއްޖެ ނަމަ، މެރަނަ ސްކީމުގެ ކަވަރޭޖް ބޮޑުކޮށްދިނުން
- ރަށަކުން ފޯމު ފުރައި ދެއްވާ ޑޮކްޓަރަކީ ކަމުގެ ހާއްސަ ޑޮކްޓަރަކަށް ނުވާނަމަ، އިތުރު އޮޕީނިއަންނެއް ހޯދުމަށް ބަލި މީހާއަށް އެންގުމުން، އިތުރު ތަކުލީފްތަކެއް ދިމާވުމުން، އަދި ރިފާކުރަން ހުށަހަޅާ ސަބަބަކީ ރަށުން ލިބޭ ފަރުވާއަކަށް ނުވި ނަމަވެސް މާލެއިން ލިބޭ ފަރުވާއެއް ނަމަ ރިޖެކްޓްވުން
- ވެލްފެއާގެ ސްކީމްގެ ދަށުން ލިމިޓެއް ކަނޑައަޅައިގެން ފޮނުވާ ފަރާތްތައް ރީކޮންސިޑެރޭޝަނަށް ހުށަހެޅުމުން ކޮމިޓީން ރިކޮންސިޑާ ކުރުމަށްފަހު އެ ލިމިޓް އިތުރު ކުރުން ނުވަތަ އިތުރު އެހީ ފޯރުކޮށްދިނުން
މި ބަދަލާއި ގުޅިގެން ހެލްތު މިނިސްޓަރު ގީލާ ޢަލީ މިއަދު ވިދާޅުވީ މިބަދަލާއެކު ބޭސްފަރުވާގެ އެކި ކަންކަމުގައި ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން އެއް އެޕްލިކޭޝަނެއްގެ ތެރެއިން ލިބޭ ގޮތަށް ބަދަލުވެގެން ދާނެ ކަމަށެވެ. އަދި ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަން ރައްޔިތުންނަށް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ރައްޔިތުންނަށް އެންމެ ދަތިވާ ކަމަކީ އެހީތެރިކަމަށް ބަލާއިރު އާސަންދަ ކުންފުނިން މި އެދެވެނީ ވަކި ކަންކަމަކަށް. އެންސްޕާއިން އިތުރު ކަންކަމަށް އެހީތެރިކަމަށް އެދެމުން މިދަނީ. އެހެންވީމަ މިގޮތަށް ބަދަލުވުން އެއްތަނަކުން މީހުންގެ މައުލޫމާތު ވެސް ބެލެހެއްޓިގެންދާނެ އަދި ފޯރުކޮށްދެވޭ އެހީތެރިކަން މާ ސާފުކޮށް އޮޅުން ފިލައިގެންދާނެ،" ގީލާ ވިދާޅުވި އެވެ.
އެންސްޕާގެ ދަށުން ދެމުން އައި މެޑިކަލް ވެލްފެއާ ޚިދުމަތްތައް އާސަންދަ ސްކީމުގެ ދަށަށް ބަދަލުވުމާއެކު މިހާރު އެންސްޕާއަށް އެހީތެރިކަމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޖޫން 1 އިން ފެށިގެން ދެން ޖަވާބު ދެމުންދާނީ އާސަންދަ ކުންފުނިން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އަދި ދެން މި ޚިދުމަތްތަކާ ގުޅޭ މައުލޫމާތު ވެސް ދޭނީ އާސަންދަ ކުންފުނީގެ ފަރާތުން ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.
ވޭޕް ކުރުމަކީ ވަކި ރަނގަޅު ކަމެއް ނޫން!
މަޖިލީހުގެ އާ ނައިބު ރައީސަކު ހޮވުމަށް މިއަދު އިތުރު ޖަލްސާއެއް
މަޖިލީހުގެ ނައިބު ރައީސަކު އިންތިހާބު ކުރުން މާދަމާއަށް