ޗެއާޕާސަން އިންތިހާބުން ބަލިވިޔަސް ދެމިހުންނަވާނީ އެމްޑީޕީގައި ކަމަށާއި ދުނިޔެ ދޫކުއްރައްވާނީ ވެސް އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ފ. ބިލެތްދުއަށް އިއްޔެ ކުރެއްވި ކެމްޕޭން ދަތުރުފުޅުގައި ސަޕޯޓަރުންނާ ބައްދަލުކުރެއްވުމުން އިންތިހާބުން ބަލިވެއްޖެނަމަ ޕާޓީ ދޫކޮށްލާނަންތޯ އާންމު މެންބަރަކު ނަޝީދާ ސުވާލު ކުރި އެވެ.
ޖަވާބުގައި ނަޝީދު ވިދާޅުވި ގޮތުގައި، އެމްޑީޕީ އަކީ އެ މަނިކުފާނުގެ ހަޔާތާ ގުޅިފައިވާ ޕާޓީއެކެވެ. އެމްޑީޕީ އުފެއްދުމަށް ކުރި މަސައްކަތްތަކާއި، އެ މަސައްކަތުގެ ތެރެއިން އެ މަނިކުފާނަށާއި އާއިލާއަށް ލިބުނު އަނިޔާތަކަކީ ނުހަނު ބޮޑު ކަންތައްތަކެއް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. އެ މަނިކުފާނުގެ ގައިން މިހާރު ވެސް ކަނޑާލައިފިނަމަ އަންނާނީ އެމްޑީޕީގެ ލޭ ކަމަށާއި، އެ ޕާޓީން އެއްލާ ނުލާހާ ހިނދަކު ޕާޓީގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.
ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބީއަށް ފަހު ޕާޓީން ވަކިވެވަޑައިގެންނެވި ނިންމެވުމަކީ އެ މަނިކުފާނު މިހާރު ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމެއް ކަމަށް ވިދާޅުވި އެވެ. ނަޝީދު ވަނީ އެ މަނިކުފާނުގެ އެ ނިންމެވުމާމެދު މެންބަރުންގެ ކިބައިން މާފަށް އެދިވަޑައިގެންފަ އެވެ. އެ މަނިކުފާނު ވިދާޅުވީ ޕާޓީން ވަކިވެވަޑައިގަތުމުން ވެސް ޕާޓީ ނުރޫޅި ކުރިއަށްދިޔުމަކީ ފަހުރުވެރިވާ ކަމެއް ކަމަށެވެ.
ޕާޓީގެ އާންމު މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އިންތިހާބަކުން ބަލިވެއްޖެ ނަމަ މަޑުމަޑުން ގޭގައި ހުންނަވާނެ ކަމަށާއި ނަމަވެސް ޕާޓީއާ ދުރަށް ނުދާނެ ކަމަށެވެ. އަދި އެ މަނިކުފާނު ޕާޓީން ދިޔުމާ ގުޅޭގޮތުން އުފެދޭ ސުވާލުތައް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ކުރިމަތި ކުރުމަށް ނަޝީދު އެދިވަޑައިގެންނެވި އެވެ.
"މޮބްލޭންޑް"އިން ޓޮމް ހާޑީ ބޭރު ކޮށްލީ ކީއްވެ؟
އީރާނުން ރައްދުގައި އެމެރިކާގެ ބޭސްއަކަށް ހަމަލާދީފި
އީރާނަށް ވާގިވެރިވާނަމަ އޮމާން ގޮއްވާލާނެ ކަމަށް ޓްރަމްޕް ބުނެފި
