އީރާނުގެ ހަބަރު ފަތުރާ ވަސީލަތްތަކުން ހޮރްމޫޒު ކަނޑުއޮޅީގެ މުއާމަލާތްތަކާ ގުޅޭގޮތުން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ބުނާ ރިޕޯޓްތައް ރައީސް ޑޮނަލްޑް ޓްރަމްޕް ދޮގުކުރެއްވުމާ ގުޅިގެން، އެމެރިކާގެ އަސްކަރިއްޔާއިން އަނެއްކާވެސް އީރާނަށް ހަމަލާދީފި ކަމަށް އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓްކޮށްފި އެވެ.

އެމެރިކާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި ހަމަލާތައް އަމާޒުކޮށްފައިވަނީ ހޮރްމޫޒު ކަނޑުއޮޅިން ދަތުރުކުރާ އެމެރިކާގެ އަސްކަރީ އުޅަނދުތަކަށާއި ވިޔަފާރި އުޅަނދުތަކަށް ނުރައްކާ ކުރަމުންދިޔަ އީރާނުގެ ޑްރޯން އޮޕަރޭޝަނަކަށެވެ. ނަން ހާމަނުކުރުމަށް އެދި ރޮއިޓާސްއަށް މައުލޫމާތު ދިން މި އޮފިޝަލް ބުނި ގޮތުގައި، ބުދަ ދުވަހު އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނުގެ ހަމަލާދޭ ހަތަރު ޑްރޯން ވައްޓާލައި، ބަނދަރު އައްބާސް ސިޓީގައި ހުރި ގްރައުންޑް ކޮންޓްރޯލް ސްޓޭޝަނަކަށް ހަމަލާދީފަ އެވެ.

އެ އޮފިޝަލް އިތުރަށް ވިދާޅުވީ، މިއީ ހަމައެކަނި ދިފާއީ ގޮތުންނާއި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމުގެ މަގްސަދުގައި ދިން ބަދަލު ހަމަލާތަކެއް ކަމަށެވެ.

ނަމަވެސް އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ބުނާ ގޮތުގައި، އިސްލާމިކް ރިވަލޫޝަނަރީ ގާޑްސްގެ ކަނޑުގެ ސިފައިން ވަނީ އެ ކަނޑުއޮޅިން ދަތުރުކުރަން އުޅުނު އެމެރިކާގެ ތެޔޮ ޓޭންކަރަކަށް އަމާޒުކޮށް ހަމަލާދީ، އެ އުޅަނދު އަނބުރާ ފޮނުވާލާފަ އެވެ. އަދި އޭގެ ރައްދުގައި އެމެރިކާއިން ބަނދަރު އައްބާސްގެ ހުސްބިންތަކަކަށް ހަމަލާދިން ނަމަވެސް، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އީރާނުން ބުނެއެވެ.

މި ހަމަލާތަކާ ގުޅިގެން ތެލުގެ އަގު ވަނީ އުފުލިފަ އެވެ. ބުދަ ދުވަހު ތެލުގެ އަގު %5 ދަށަށް ދިޔަ ނަމަވެސް، ބުރާސްފަތި ދުވަހު އޭޝިއާގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ވަނީ 90.38 ޑޮލަރަށް އަރާފަ އެވެ.

ކަނޑުއޮޅީގެ ކޮންޓްރޯލް އެއްވެސް ގައުމަކަށް ނޯންނާނެ ކަމަށް ޓްރަމްޕް ވިދާޅުވުން

ބުދަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ރައީސް ޓްރަމްޕް ވަނީ، ހޮރްމޫޒު ކަނޑުއޮޅީގެ ދަތުރުފަތުރުތައް އީރާނާއި އޮމާނުން ގުޅިގެން ބެލެހެއްޓުމަށް އެއްބަސްވުމެއްގެ ދެލިކޮޕީއެއް އެކުލަވާލާފައިވާ ކަމަށް ބުނެ އީރާނުގެ ދައުލަތުގެ މީޑިއާއިން ފެތުރި ހަބަރުތައް ދޮގުކުރައްވާފަ އެވެ. ޓްރަމްޕް ވިދާޅުވީ އެއްވެސް ގައުމަކަށް އެ ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް ނޯންނާނެ ކަމަށެވެ. އަދި އޮމާނަށް އިޝާރާތް ކުރައްވައި ވިދާޅުވީ، އެއީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދެއް ކަމަށާއި، އެހެން ގައުމުތަކެކޭ އެއްފަދައިން އޮމާނުންވެސް އަމަލުކުރަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓުން ވަނީ އީރާނުން އެ ސަރަހައްދު ބެލެހެއްޓުމަށް އުފައްދާފައިވާ "ޕާޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީ" އަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ކަނޑައަޅައި، އެ އިދާރާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ.

އީރާނުގެ މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހީމް އަޒީޒީ ވިދާޅުވީ، ޓްރަމްޕްގެ ބިރުދެއްކުންތަކުގެ ސަބަބުން ޔުރޭނިއަމް މުއްސަނދިކުރުމާއި ކަނޑުއޮޅީގެ ބާރުވެރިކަން ހޯދުމަށް އީރާނުން ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.

ފެބްރުއަރީ 28 ގައި އެމެރިކާއާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާއެކު ފެށުނު މި ހަނގުރާމައަށް މިހާރު ތިން މަސް ވެފައިވާއިރު، މިހާތަނަށް އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ. ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މި ކަނޑުއޮޅީގެ މައްސަލައަކީ މި ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަޝްވަރާތަކުގައި އޮތް އެންމެ ބޮޑު ހުރަހެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ އީރާނަށް ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރެއް އުފެއްދުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. ނަމަވެސް އީރާނުން ބުނަމުންދަނީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ހަމައެކަނި ސުލްހަވެރި ބޭނުންތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.