ގާތްގަނޑަކަށް 40 ޑިގްރީގައި ހޫނުމިން ހުރި ނަމަވެސް، ބަރަކާތްތެރި ހައްޖުގެ އަޅުކަމުގެ އެންމެ މުހިންމު ރުކުން ކަމަށްވާ އަރަފާތު ދުވަހުގެ "ވުގޫފް" ފުރިހަމަކުރުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އައިސް ތިބި 1.5 މިލިއަނަށް ވުރެ ގިނަ ހައްޖުވެރިން އަރަފާތު ބިމަށް ޖަމާވެއްޖެ އެވެ.
ސައުދީ ގެޒެޓުން ރިޕޯޓުކުރި ގޮތުގައި ހައްޖުވެރިން މިއަދު އިރުއޮއްސުމާ ހަމައަށް ތިބޭނީ އަރަފާތް ބިމުގަ އެވެ. ހާއްސަކޮށް "ޖަބަލުއް ރަހުމާ" ނުވަތަ ރަހްމަތުގެ ފަރުބަދަ ކައިރީގައި ގިނަ އަދަދެއްގެ ހައްޖުވެރިން ދަނީ ތައުބާވެ، ފާފަ ފުއްސެވުމަށް އެދި ދުއާކުރަމުންނެވެ. ކީރިތި ރަސޫލާ އެންމެ ފަހުގެ ހުތުބާ ދެއްވީ ވެސް މި ބިމުގައި ކަމަށްވުމާއެކު، މިއީ ހައްޖުގެ އެންމެ މުހިންމު އެއް ވަގުތުކޮޅެވެ.
ރޭ ފަތިހުން ފެށިގެން، ހުދު އިހުރާމް ހެދުމުގައި ތިބި އެތައް ހާސް ހައްޖުވެރިންނެއް މައްކާ ކައިރީގައިވާ 70 މީޓަރު (230 ފޫޓު) އުސްމިނުގެ ހިލަ ފަރުބަދަ އަރަފާތް ބިމުގައި ކީރިތި ގުރުއާނުގެ އާޔަތްތައް ކިޔަވަމުންދިޔަ އެވެ. އެއީ ކީރިތި ރަސޫލާ (ސައްލަﷲ އަލައިހި ވަސައްލަމަ) އެކަލޭގެފާނުގެ އެންމެ ފަހުގެ ޚުތުބާ (ވަދާއުގެ ޚުތުބާ) ދެއްވި ކަމަށް ގަބޫލުކުރެވޭ ބިމެވެ.
އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މުޅި މެދުއިރުމައްޗަށް ހަނގުރާމައިގެ ހިޔަނި އެޅިފައިވީ ނަމަވެސް، މިއަހަރު 1.5 މިލިއަނަށް ވުރެ ގިނަ މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވެ އެވެ.
އެހެންވެ މި އަހަރުގެ ހައްޖުގެ ކަންކަން އިންތިޒާމުކުރުމުގައި ސައުދީ ސަރުކާރުން ވަނީ ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް ވެސް އަޅާފަ އެވެ. ހާއްސަކޮށް ހޫނުގަދަވުމުގެ ސަބަބުން ދިމާވެދާނެ ސިއްހީ މައްސަލަތަކުން ހައްޖުވެރިން ސަލާމަތްކުރުމަށްޓަކައި އަރަފާތު ބިމުގެ އެކި ސަރަޙައްދުތަކުގައި ފެން ބުރުވާ ނިޒާމުތަކާއި، ބޮޑެތި ފަންކާތަކުގެ އިތުރުން މެޑިކަލް ޓީމުތައް ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފަ އެވެ.
ހަނގުރާމަ ހިނގަމުންދިޔަ ނަމަވެސް، މިދިޔަ ހަފުތާ ބަންދުގައި 2025 ވަނަ އަހަރަށް ވުރެ ގިނަ މީހުން މިއަހަރު ބޭރު ގައުމުތަކުން ހައްޖުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށް ސައުދީގެ އޮފިޝަލުން ވިދާޅުވި އެވެ.
ހަމައެއާއެކު މި އަހަރުގެ ހައްޖު މޫސުން ކުރިމަތިވެފައި ވަނީ ސަރަހައްދީ ގޮތުން ސިޔާސީ ނުތަނަވަސްކަން ބޮޑު ދަނޑިވަޅެއްގަ އެވެ. ހާއްސަކޮށް މެދުއިރުމަތީގެ މަސްރަހާ ގުޅުންހުރި ހަމަނުޖެހުންތަކުގެ ސަބަބުން އުފެދިފައިވާ ބިރުވެރިކަމުގެ ތެރޭގައި ވެސް، ސައުދީގެ ސަލާމަތީ ބާރުތަކުން ދަނީ އެއްވެސް ހުރަހެއްނެތި ހައްޖުގެ ކަންކަން އަމާންކަމާއެކު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ.
އަރަފާތު ބިމުގައި ތިބެ، މިއަދު އިރުއޮއްސުމާއެކު ހައްޖުވެރިން ދެން މިސްރާބު ޖަހާނީ މުޒްދަލިފާއަށެވެ. އެތަނުގައި މަގްރިބު ނަމާދާއި އިޝާ ނަމާދު ގުޅުވައިގެން ކުރުމަށްފަހު، ރޭގަނޑު ހޭދަކުރާނީ ބިމުގެ އަލިކަމުގެ ދަށުގަ އެވެ. އަދި މާދަމާއަކީ ބޮޑު އީދު ދުވަސް ކަމަށް ވުމާއެކު، މާދަމާ ހެނދުނު އެނބުރި މިނާއަށް ގޮސް ޖަމްރާތަކަށް ހިލަ އުކުމުގެ އަޅުކަން ފަށާނެ އެވެ.
ރާއްޖެއިން ވެސް އެތައް ބަޔަކު މިވަގުތު ތިބީ އަރަފާތު ބިމުގައި
މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ރާއްޖެއިން ވެސް ގިނަ އަދަދެއްގެ މީހުން ބައިވެރިވަމުން ދާއިރު، ހުރިހާ ހައްޖުވެރިންގެ ހާލު ވެސް ރަނގަޅުކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި ރާއްޖެއިން ދިޔަ ހުރިހާ ހައްޖުވެރިން ވެސް މިހާރު ތިބީ އަރަފާތު ބިމުގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިއަދަކީ އަރަފާތު ދުވަސް ކަމަށްވާއިރު، މިއަދު އަރަފާތު ބިމުގައި ތިބުމަކީ ހައްޖުގެ ރުކުނެކެވެ.
މިއަދުގެ މެންދުރު ނަމާދަށްފަހު، އިމާމު ޚުތުބާ ދެއްވާނެ އެވެ. އެއަށްފަހު ހައްޖުވެރިން މެންދުރު ނަމާދާއި އަސްރު ނަމާދު ޖަމްއުކޮށް ގަސްރު ކުރާނެ އެވެ. އިރުއޮއްސެންދެން ހައްޖެވެރިން އެ ތަނުގައި ތިބޭނެ އެވެ.
އެ ވަގުތު އެ މީހުން ހޭދަކުރާނީ ދުއާކުރުމާއި އިސްތިޣުފާރު ކުރުމާއި ޒިކުރު ކުރުމުގައެވެ. އެ ގޮތުން ޚުޝޫޢަތްތެރިކަމާއެކު ﷲ ތައާލާއަށް ކުރިމަތިލައިގެން ހުރެ، އަމިއްލަ ނަފުސަށާއި، އަހުލުންނާއި މުސްލިމުން އަޚުންނަށް ހެޔޮ ދުއާ ކުރާނެ އެވެ.
ހައްޖު ދުވަހުގެ މާތްކަން ހާމަވާ 10 ކަމެއް!
އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އެމެރިކާއިން ހަމަލާތަކެއް ދީފި
ދަރަވަންދޫ އެއާޕޯޓަށް ކޮންޓްރެކްޓަރަކު ހޯދަނީ