ހައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ދިވެހި ހައްޖުވެރިންގެ ތެރެއިން އެކަކު ފިޔަވާ ހުރިހާ ހައްޖުވެރިން އަރަފާތު ބިމަށް ގޮސްފި އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ އެކަކު ފިޔަވާ ހުރިހާ ހައްޖުވެރިން މިހާރު ތިބީ އަރަފާތު ބިމުގައި ކަމަށެވެ. އަދި ބަލިވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިއުމުގެ ސަބަބުން ނުދެވުނު ހައްޖުވެރިޔާވެސް މިއަދު އަރަފާތަށް ގެންދިއުމަށް ދަނީ މަސައްކަތްކުރަމުން ކަމަށް ވަނީ ބުނެފަ އެވެ.

މިއަދު އަރަފާތުގައި ތިބުމަށްފަހު ހައްޖުވެރިން މިރޭ ދަތުރުކުރާނީ މުޛްދަލިފާއަށް ކަމަށްވެސް ކޯޕަރޭޝަނުން ބުންޏެވެ.

ހައްޖުވެރިން އަރަފާތު ބިމަށް ދިޔުން --- ފޮޓޯ: ހައްޖު ކޯޕަރޭޝަން

ރާއްޖެއިން މި އަހަރު 1000 މީހުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ވަނީ ގޮސްފަ އެވެ.

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން ރަސްމީކޮށް ހޯމަ ދުވަހު ފެށުނުއިރު، ބޭރު ގައުމުތަކުން 1.5 މިލިއަނަށް ވުރެ ގިނަ ހައްޖުވެރިން ސައުދީ އަރަބިއްޔާއަށް ގޮސްފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.

ސައުދީގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، މިހާ ގިނަ އަދަދެއްގެ މީހުން އެއްފަހަރާ ޖަމާވަމުން ދާއިރު، ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު ސަލާމަތީ ބާރުތަކުން ދަނީ ތައްޔާރީ ހާލަތެއްގައި ހަރަކާތްތެރި ވަމުންނެވެ.