މުޅި އަހަރު ދުވަހުގެ ތެރޭގައިވެސް އަންނަ އެންމެ ބަރަކާތްތެރި އަދި އެންމެ މުގައްދަސް ދުވަސް އަހަރުމެންނާ ބައްދަލު ކޮށްފި އެވެ. ޛުލްހިއްޖާ މަހުގެ 9 ވަނަ ދުވަހެވެ. އެއީ ރަޙްމަތުން ފުރިގެންވާ ޢަރަފާތް ދުވަހެވެ.

މިއީ މުޅި އިސްލާމީ އުންމަތަށް ﷲ ތައާލާ ދެއްވާފައިވާ ހަދިޔާ އެކެވެ. މިއީ ދުވަސްތަކުގެ "ސައްޔިދު" (އެބަހީ: އެންމެ މާތް، އެންމެ މަތިވެރި ވެރިޔާ) އެވެ.

މި ބަރަކާތްތެރި ދުވަސް އެހެން ހުރިހާ ދުވަސްތަކެއްގެ މައްޗަށް ހާއްސަވެ މުގައްދަސްވާ ސަބަބުތަކެއްވެ އެވެ. އޭގެ ތެރެއިން ބައެއް ކަންކަމަށް ބަލާލާނަމެވެ.

1. އިސްލާމް ދީން ފުރިހަމަ ކޮށްދެއްވުން

އިސްލާމް ދީން ފުރިހަމަވެ، މާތް ﷲގެ ނިއުމަތްތައް މުސްލިމުންނަށް ފުރިހަމަ ކޮށްދެއްވި ކަމުގެ އާޔަތް (ސޫރަތުލް މާއިދާގެ 3 ވަނަ އާޔަތް) ބާވައިލެއްވީ އަރާފަތު ދުވަހެއްގަ އެވެ. މިއީ އިސްލާމް ދީނުގެ އެންމެ ބޮޑު އެއް ތާރީހީ މުނާސަބަތެވެ.

2. އަހަރުގެ އަންނަ އެންމެ މާތް ދުވަސް

ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވާ ގޮތުގައި، ދުނިޔޭގެ ދުވަސްތަކުގެ ތެރެއިން އެންމެ ހެޔޮ، އަދި އެންމެ މާތް ދުވަހަކީ އަރަފާތު ދުވަހެވެ.

3. ހައްޖުގެ އެންމެ ބޮޑު ރުކުން ހިމެނޭ ދުވަސް

ރަސޫލާ ޙަދީޘް ކުރެއްވި އެވެ "الحَجُّ عَرَفَةُ" (ޙައްޖަކީ އަރަފާތެވެ)." އެބަހީ އަރަފާތް ބިމުގައި މަޑު ނުކޮށްފިނަމަ މީހެއްގެ ހައްޖުގެ އަޅުކަން ފުރިހަމައެއް ނުވާނެ އެވެ. މިއީ މުޅި ހައްޖުގެ ރޫހެވެ.

4. ނަރަކައިން އެންމެ ގިނަ މީހުން މިންޖު ކުރައްވާ ދުވަސް

އަރަފާތް ދުވަހަކީ މާތް ﷲ އެކަލާނގެ އަޅުން ނަރަކައިން އެންމެ ގިނައިން މިންޖު ކުރައްވާ ދުވަހެވެ. މިއީ ފާފައިން އަމިއްލަ ނަފްސުގެ މައްޗަށް އިސްރާފު ކޮށްފައިވާ އަޅުންނަށް ލިބޭ ރަން ފުރުސަތެކެވެ.

5. ދެ އަހަރުގެ ފާފަ ފުއްސެވުން

ހައްޖުގެ އަޅުކަމުގައި ބައިވެރިނުވާ މީހުން މި ދުވަހު ހިފާ ރޯދައިގެ ސަބަބުން، އިސްވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ކުދި ފާފަތައް ފުހެވިގެންދެ އެވެ. މިއީ ވަރަށް ކުޑަ އަމަލަކުން ލިބޭ ބޮ ޑުވެގެންވާ ދަރުމަ އެކެވެ.

6. ދުއާ އިޖާބަ ކުރެއްވުން އެންމެ ގާތް ދުވަސް

ރަސޫލާ ބަޔާން ކުރައްވާފައިވާ ގޮތުގައި އެންމެ ހެޔޮ ވެގެންވާ ދުއާއަކީ އަރަފާތް ދުވަހުގެ ދުއާއެވެ. މި ދުވަހު އިހްލާސްތެރިކަމާއެކު ކުރާ ދުއާތައް ﷲ ތައާލާ ރައްދު ނުކުރައްވަ އެވެ.

7. މާތް ﷲ މަލާއިކަތުންގެ ކުރިމަތީގައި ފަހުރުވެރިވެ ވޮޑިގަންނަވާ ދުވަސް

އަރަފާތް ދުވަހުގެ ހަވީރު ވަގުތު މާތް اللهُ ދުނިޔޭގެ އުޑަށް ކުއްތަންވެ ވޮޑިގެން، އަރަފާތް ބިމުގައި ކިޔަމަންތެރިކަމާއެކު ތިބި އަޅުންނާ މެދު މަލާއިކަތުންގެ ކުރިފުޅު މަތީގައި ފަހުރުވެރިވެ ވޮޑިގަންނަވަ އެވެ.

8. ޝައިތާނާ އެންމެ ބޮޑަށް ނިކަމެތިވެ ލަދުގަންނަ ދުވަސް

ﷲގެ ރަހްމަތް ބާވައިލެއްވޭ މިންވަރާއި ގިނަ ބަޔެއްގެ ފާފަ ފުއްސެވޭކަން އެނގި ޝައިތާނާ އެންމެ ބޮޑަށް ދެރަވެ، ނިކަމެތިވެ، އަދި ރުޅި އަންނަ ދުވަހަކީ މިއީ އެވެ.

9. މާތް اللهُ ގަދަ ކީރިތި ވަންތަ ކަމާއެކު ހުވާ ކުރައްވާފައިވާ ދުވަހެއް

ސޫރަތުލް ބުރޫޖްގައި ވާ "وَشَاهِدٍ وَمَشْهُودٍ" މި އާޔަތުގައިވާ "މަޝްހޫދު" އަކީ އަރަފާތް ދުވަސް ކަމަށް މުފައްސިރުން ބަޔާން ކުރައްވަ އެވެ. ﷲ އެއްޗެއް ގަންދެއްވައި ހުވާ ކުރައްވައިފިނަމަ ދޭހަވަނީ އެ އެއްޗެއް ނުވަތަ ކަމެއްގެ މާތް ކަމެވެ.

10. އިންސާނިއްޔާތުގެ އަހުދު ކަށަވަރު ހަނދާން ކޮށްދޭ ދުވަސް

އާދަމްގެފާނުގެ ބުރަކަށި ފުޅުން ހުރިހާ އިންސާނުންގެ ފުރާނަ ނެރުއްވައި ތިމަންކަލާނގެއީ ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ކަމަށް ބަސްފުޅު ވަހީ ކުރައްވައި އަހުދު ކަށަވަރު ހިއްޕެވި ދުވަހަކީ ވެސް އަރަފާތް ދުވަހެއް ކަމުގައި ރިވާ ވެގެންވެ އެވެ.