ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މި އަހަރު ނިމުމުގެކުރިން ރައީސް މުއިއްޒުގެ އިތުބާރުނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރަންޖޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ޕީއެންސީގެ ފަރާތުން ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާ އަހްމަދު ސައީދުގެ ކެމްޕޭން ޖަލްސާގައި ރޭ ވާހަކަދައްކަވަމުން އަބްދުއްރަހީމް ވަނީ އެކަމަށް ރައްދުދެއްވާފަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއިކުރައްވާނެ މެންބަރެއް މަޖިލީހަށް ބޭނުންނުވާ ކަމަށެވެ. މިދިޔަ މަޖިލިސް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީއަށް ސުޕަ މެޖޯރިޓީ ރައްޔިތުން ދިނީ ވެސް ރައީސް މުއިއްޒުގެ ސަރުކާރު ރައްޔިތުން ބޭނުންވާ ގޮތަށް ހިންގުމަށް ޓަކައި، މަޖިލިސް ތެރެއިން ކުރަން ޖެހޭ ކަންކަން ކުރުމަށް ފަހިކުރަން ވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫ ރައްޔިތުންގެ އެ ވިސްނުމަށް އަދިވެސް ބަދަލުނާންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވަނީ. ނަނާ ހުވަފެން ނުދައްކަވާށޭ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ތިބޭފުޅުންނަކަށް ނުނެންގެވޭނެ. އެކަން ކުރާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަމޭ." އަބްދުއްރަހީމް ވިދާޅުވި އެވެ.