ދުނިޔޭގެ އެކި ކޮޅުތަކުގައި ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް އާދަޔާޚިލާފަށް އިތުރު ވަމުން ދާކަން ހާމަކޮށް ބައިނަލްއަގްވާމީ ގޮތުން އެންމެ މަޤްބޫލު ސިއްހީ މަޖައްލާ 'ދަ ލާންސެޓް'ގައި ކަންބޮޑު ވާންޖެހޭ ފަދަ އާ ތަފާސް ހިސާބުތަކެއް ހިމެނޭ ދިރާސާއެއް ޝާއިއު ކޮށްފި އެވެ.
ދުނިޔޭގެ 204 ޤައުމެއްގެ ބަލިމަޑުކަމުގެ ހާލަތު ދިރާސާކުރާ "ގްލޯބަލް ބާޑަން އޮފް ޑިޒީޒަސް"ގެ މައުލޫމާތުތަކަށް ބިނާކޮށް ހަދާފައިވާ މި ދިރާސާ ދައްކާ ގޮތުން، 2023 ވަނަ އަހަރާ ހަމައަށް އައިއިރު ދުނިޔޭގައި 1.2 ބިލިއަން މީހުން (ނުވަތަ ކޮންމެ 8 މީހަކުން 1 މީހަކު) ކޮންމެވެސް ބާވަތެއްގެ ނަފްސާނީ ބައްޔެއް ތަހައްމަލު ކުރަމުންދެ އެވެ. މިއީ 1990 ވަނަ އަހަރާ އަޅާބަލާއިރު 95.5 ޕަސެންޓްގެ އިތުރު ވުމެކެވެ.
އާއްމު ނަފްސާނީ ބަލިތައް އިތުރުވި މިންވަރު
މި ދިރާސާގައި ޖުމްލަ 12 ބާވަތެއްގެ ނަފްސާނީ ބަލިތަކަށް ބަލާފައިވާއިރު، އޭގެ ތެރެއިން އެންމެ ބޮޑަށް އިތުރުވެފައިވަނީ އެންޒައިޓީ (ހާސްކަމާއި ކަންބޮޑުވުން) އަދި ޑިޕްރެޝަން (މާޔޫސްވުން) އެވެ.
އެގޮތުން 1990 ވަނަ އަހަރާ އަޅާ ބަލާއިރު އެންޒައިޓީ އިތުރުވި މިންވަރު 158 ޕަސެންޓަށް އަރާއިރު ޑިޕްރެޝަން ވަނީ 131 ޕަސެންޓަށް އިތުރު ވެފަ އެވެ.
މީގެ އިތުރުން ބައިޕޯލާ ޑިސްއޯޑާ، ސްކިޒޮފްރީނިއާ، އޯޓިޒަމް، އަދި އޭޑީއެޗްޑީ ފަދަ މައްސަލަތައް ވެސް ދުނިޔޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
މި ބަދަލު އަންނަން މެދުވެރިވި ސަބަބުތަކަކީ ކޮބާ؟
ދިރާސާގެ އިސް ސައިންސްވެރިޔާ ޑރ. ޑޭމިއަން ސަންޓަމައުރޯ ހާމަ ކުރެއްވި ގޮތުގައި މި އަދަދުތައް މިހާ މައްޗަށް ދިއުމުގައި އެކި ކަހަލަ ގުދުރަތީ އަދި އިޖުތިމާޢީ ސަބަބުތައް އެކުލެވިގެންވެ އެވެ.
- ނަފްސާނީ ބަލިތަކަށް ހޭލުންތެރިވުން: ކުރިއާ އަޅާބަލާއިރު ނަފްސާނީ ބަލިތަކާ މެދު މުޖުތަމަޢު ދެކޭގޮތް ބަދަލުވެ، އެކަމާ ގުޅިފައިވާ ލަދުވެތިކަންކުޑަވުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ އެހީތެރިކަމަށް އެދި ބަލި ރިޕޯޓް ކުރަމުންނެވެ.
- ދުނިޔޭގެ ފިއްތުންތައް އިތުރުވުން: އިޤްތިޞާދީ ނުތަނަވަސްކަން، ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުން، ސިޔާސީ ހަމަނުޖެހުންތަކާއި ހަނގުރާމަ، އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންސާނުންގެ ނާރުގެ "ސިސްޓަމް" އަބަދުވެސް ހުންނަނީ ހާސްކަމެއްގެ ތެރޭގަ އެވެ.
- ކޮވިޑް-19 ގެ ދިގުދެމިގެންދާ އަސަރު: ބަލިމަޑުކަމުގެ ތެރޭގައި ޑިޕްރެޝަންއާއި އެންޒައިޓީގެ މައްސަލަތައް އެންމެ މައްޗަށް ދިޔަ ގޮތަށް، ބަލިމަޑުކަން ނިމުމަކަށް އައި ނަމަވެސް އެ އަދަދުތައް އަދިވެސް ދަށަށް ގޮސްފައެއް ނުވެ އެވެ
.އެންމެ ބޮޑު އަސަރެއް ކުރަނީ ކޮން ބަޔަކަށް؟
ދިރާސާއިން އެނގުނު ގޮތުގައި ނަފްސާނީ ބަލިތަކުގެ ޝިކާރައަކަށް އެންމެ ބޮޑަށް ވަމުން ދަނީ އުމުރުން 15 އަހަރާއި 19 އަހަރާ ދެމެދުގެ ޒުވާނުންނެވެ. އެއާއެކު ފިރިހެނުންނަށް ވުރެ އަންހެނުންގެ މެދުގައި އެންޒައިޓީ އާއި ޑިޕްރެޝަން ގިނަކަން ވެސް ފާހަގަ ކުރެވުނެވެ. ނަމަވެސް އޯޓިޒަމް އާއި އޭޑީއެޗްޑީ ފަދަ މައްސަލަތައް ގިނައީ ފިރިހެނުންގެ މެދުގަ އެވެ.
ދިރާސާގެ އެންމެ މުހިންމު ނިންމުން
1990 ވަނަ އަހަރު ދުނިޔޭގައި އިންސާނުންގެ ދިރިއުޅުން ކުރު ކޮށްލާ ނުވަތަ ނުކުޅެދުންތެރިކަން ކުރިމަތިކުރުވާ ބަލިތަކުގެ ލިސްޓުގެ 12 ވަނައިގައި ނަފްސާނީ ބަލިތައް އޮތްއިރު، 2023 ގައި މިއީ ދުނިޔޭގެ 5 ވަނަ އަށް އެންމެ ބޮޑު ބަލިމަޑުކަމަށް ވަނީ ވެފަ އެވެ.
ކެންސަރާއި ހިތުގެ ބަލިތަކަށްވުރެ ވެސް ބޮޑަށް އިންސާނާ ނުކުޅެދުންތެރިކަމަށް ވައްޓާލާ ކަމަކަށް ނަފްސާނީ ބަލިތައް މިވަނީ ވެފަ އެވެ. ޞިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި މިއީ ދުނިޔޭގެ ވެރިންނާއި ސަރުކާރުތަކުން ވަގުތުން ފިޔަވަޅު އަޅަން ޖެހިފައިވާ ކަމެކެވެ.
ނަފްސާނީ ބަލިތައް އިތުރުވަމުންދާ މިންވަރަށް ގައުމުތަކުގެ ސިއްހީ ނިޒާމުގެ ތެރެއިން އެހީތެރިކަމާއި ފަރުވާގެ ހިދުމަތްތައް ފުޅާވަމުން ނުދިއުމަކީ މިހާރު ކުރިމަތި ވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.
ޒުވާން ޖީލު މިކަމުން ސަލާމަތްކު ރުމަށްޓަކައި ނަފްސާނީ ފަރުވާ ފަސޭހައިން ލިބޭނެ މަގުތައް ތަނަވަސް ކޮށްދިނުމަކީ އިހްތިޔާރީ ކަމެއް ނޫން ކަމަށާއި އެއީ މަޖުބޫރު ކަމެއް ކަމަށް ދިރާސާވެރިން ބުނެ އެވެ.