ގ. ހިޔާ ރޯދީގައި އަލުފާން ރޯކޮށްލި މައްސަލާގެ ތުހުމަތުގައި ދައުވާކޮށްފައިވާ ހުސެއިން ޝަހުބާން، ފަރުވާއަށް ހޮސްޕިޓަލަށް ގެންދިއުމުން ފިލައިގެން ހޯދަން ކަރެކްޝަނަލް ސާވިސް އިން މިއަދު އިއުލާނުކޮށްފި އެވެ.

އުމުރުން 29 އަހަރުގެ ޝަހުބާން ހުރީ މިދިޔަ މާޗް މަހު 18 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގެ ތުހުމަތަށް ހައްޔަރުކޮށް 30 ދުވަހުގެ މުއްދަތަށް ބަންދުކޮށްފަ އެވެ.

ކަރެކްޝަނުން ބުނީ އޭނާ ފިލީ އަވަސްފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަތަނާ ކަމަށެވެ.

ފުލުހުންނަށް ރޭ އެ މައްސަލަ ހުށަހަޅާފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. ޝަހުބާނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ނަމްބަރު 3322111 އަށް ގުޅައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން އެދެ އެވެ.

ހިޔާ ރޯދީގައި ރޯވުމުގެ ހައެއްކަ މިނެޓު ކުރިން މީހަކު އެ ގެ އަށް ވަންނަ ސީސީޓީވީ ފުޓޭޖް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ގުދަނެއްގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ އެ ގޭގައި ރޯވީ މާޗް މަހުގެ 18 ވަނަ ދުވަހު ހެނދުނު 11 ޖަހަން އުޅެނިކޮށެވެ. ފުލުހުންގެ ތަހުގީގުން ކަށަވަރުވެފައިވާގޮތުގައި އެއީ ޝަހުބާނެވެ.