އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރެއްވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، މިއީ އާ ލީޑަރުންނަށް ފުރުސަތު ދޭންވީ ވަގުތު ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ސޯލިހު ތާއީދުކުރައްވަނީ އެ ޕާޓީގެ ޗެއާޕާސަން ކަމަށް ނަޝީދާއެކު ދެން ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމަށެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިމެނިވަޑައިގަންނަވާހެން ތިން ރައީސުން ބައްދަލުކުރެއްވި ބައްދަލުވުމަށް ފަހު ސޯލިހު ވަނީ އެކަން ހާމަކުރައްވާފަ އެވެ.
މީކާއިލަށް ތާއީދު ހޯއްދެވުމަށްޓަކައި ސޯލިހުގެ އަމިއްލަ ރަށް، ޅ. ހިންނަވަރުގައި ރޭ ބޭއްވި ޖަލްސާގައި ވިދާޅުވީ އެމަނިކުފާނާއި ރައީސް ނަޝީދާއި ރައީސް ޔާމީން ކުރައްވަންވީ ކަމަކީ ގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މި ސަރުކާރު ބަދަލުކުރުމުގެ މަސައްކަތުގައި ތިން ރައީސުން ދެމިތިއްބެވުމަކީ މާ މުހިއްމު ކަމެއް ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.
އޭގެ ބަދަލުގައި ޗެއާޕާސަން އިންތިޚާބުގައި ނަޝީދު ބައިވެރިވެވަޑައިގަތުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ސޯލިހު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ އަކީ ރައީސް ނަޝީދު ވާދަކުރައްވަންވީ އިންތިހާބެއް ނޫން. މިއީ އެމަނިކުފާނު އަޅުގަނޑުމެންނާއެކު ގައުމު އިސްލާހުކުރުމަށްޓަކައި މިއަދު ކުރިމަތިވެފައި އޮތް މަސައްކަތްތައް ކުރުމަށްޓަކައި ޔުނައިޓެޑް ޑިމޮކްރެޓިކް ފްރޮންޓުގައި އަޅުގަނޑުމެން ތިން ރައީސުން ފެށި މަސައްކަތުގައި ދެމިހުންނަންވީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ ޕާޓީއަށާއި ގައުމަށް ނަޝީދު ކުރައްވާފައިވާ މަސައްކަތަކަށް އިހުތިރާމް ކުރައްވާ ކަމަށެވެ. ނަމަވެސް މި އިންތިހާބުގައި މީކާއީލަށް ތާއިދު ކުރައްވަން ނިންމެވީ އެމަނިކުފާނުގެ ސިޔާސީ ތަޖުރިބާގެ އަލީގައި ޕާޓީގެ މުސްތަގުބަލަށްޓަކައި ކަމަށް ސޯލިހު ވިދާޅުވި އެވެ. އަދި އެމްޑީޕީއަކީ އަބަދުވެސް އާ ލީޑަރުން އުފައްދާ، ވާދަވެރިކަމަށް ފުރުސަތު ދޭ ޕާޓީއެއްކަން ފާހަގަކުރެއްވި އެވެ.
އެހެންކަމުން ޒުވާން ލީޑަރުންނަށް ފުރުސަތު ނުދެވިއްޖެ ނަމަ ޕާޓީއަށް އޮތް ތާއިދު ކުޑަވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މީކާއިލް ނުކުމެ ހުންނެވީ ޕާޓީ ކުރިއެރުވުމުގެ ސާފު މެނިފެސްޓޯއަކާއެކު ކަމަށާއި، ވަކި ފަރާތަކަށް ނުޖެހި ރިޔާސީ ޕްރައިމަރީއެއް ބޭއްވުމުގެ ގާބިލުކަން މީކާއިލްގެ ކިބައިގައި ހުންނާނެ ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.
އެމްޑީޕީގެ އެތެރޭގައި މިހާރު އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ޗެއާޕާސަން އިންތިޚާބަށެވެ.
ހައްޖު 2026: މައްކާގެ ހޫނުމިން 47 ޑިގްރީގައި!
އީރާން މަޝްވަރާތައް އަވަސްކުރަން ޕާކިސްތާނުން މަސައްކަތް ފަށައިފި
"މެ ވާޕަސް އާއުންގާ"ގެ ޓްރެއިލާ ދައްކާލައިފި