އިންސާނާގެ މުޅި ހަށިގަނޑުގެ ދިފާއީ ނިޒާމާއި، ސިއްހަތު ސާފުކޮށް ބެހެއްޓުމުގައި ބަނޑާއި ގޮހޮރުގެ ސިއްހަތު ވަރަށް މުހިއްމު ދައުރެއް އަދާކުރެ އެވެ.

ނަމަވެސް، އަހަރެމެންނަށް ނޭނގި ގެންގުޅެވޭ ބައެއް އާދަތަކުގެ ސަބަބުން މި ނިޒާމު އެއްކޮށް ހަލާކުވަމުންދާ ކަމަށް ބަނޑާއި ގޮހޮރުގެ ބަލިތަކަށް ހާއްސަ ތަޖުރިބާކާރު ޑޮކްޓަރެއް ކަމަށްވާ ޑރ. ސައުރަބް ސޭތީ ވަނީ އިންޒާރު ދެއްވާފަ އެވެ.

ޑރ ސައުރަބް ހާމަކުރެއްވި ގޮތުގައި ގޮހޮރުގެ ސިއްހަތު ހަލާކުކޮށްލާ އާއްމު 8 އާދަތަކުގެ ތެރެއިން އެންމެ މަދުވެގެން ހަތަރު އާދައެއް ގިނަ މީހުންގެ ކިބައިގައި ހުރެ އެވެ.

1. ފޯނު ބަލަމުން ނުވަތަ ޓީވީ ބަލަމުން ކެއުން:

ކާ ގަޑީގައި ސްކްރީން ތަކަށް ސަމާލުކަން ދިނުމުން ބަނޑު ފުރުނުކަމުގެ ސިގްނަލް ސިކުނޑިއަށް ދެނެގަންނަން އުނދަގޫވެ އެވެ. މީގެ ސަބަބުން ކޮންމެ ފަހަރަކުވެސް ބޭނުންވާ މިންވަރަށްވުރެ 30 ޕަސެންޓް އިތުރަށް ކެވޭ ގޮތްވެ އެވެ.

2. ހެނދުނުގެ ނާސްތާ ދޫކޮށްލުން

ބައެއް މީހުން ހެނދުނުގެ ނާސްތާ ނުކޮށް ހުރުމަކީ "އިންޓާމިޓެންޓް ފާސްޓިންގ" ކަމަށް ހީކުރެ އެވެ. ނަމަވެސް، ރޭވުމެއް ނެތި ކާ ގަޑިތައް ދޫ ކޮށްލުމުން ހަށިގަނޑުގައި ސްޓްރެސް ހޯމޯން (ކޯޓިސޯލް) އިތުރުވެ، މެންދުރު ވާއިރު ގޮހޮރުގެ ހަރަކާތްތެރިކަން ދަށްކޮށްލަ އެވެ. މިއީ އިންޓަމިޓެންޓް ފާސްޓިންއެއް ނޫނެވެ. އެއީ ހަށިގަނޑަށް ދެވޭ ސްޓްރެސްއެކެވެ.

3. ކޮންމެ ކެއުމަކަށްފަހު ފޮނި އެއްޗެހި ކެއުން

ކެއުމަށްފަހު ފޮނި އެއްޗެހި ކެއުމުން ގޮހޮރުގައި ހުންނަ ނުބައި ޖަރާސީމު ތަކަށް ކާނާ ލިބި އެތަކެތި އިތުރުވެ އެވެ. މީގެ ސަބަބުން ކޮންމެ ދުވަހަކު ފޮނި އެއްޗެހި ކެއުމަށް ހުންނަ ޝައުގުވެރިކަން ބޮޑުވެ އެވެ.

4. ކުދި ކުދި ތަދު ތަކަށް ބާރުގަދަ ބޭސް ކެއުން

ބޮލުގައި ރިއްސުން ފަދަ ކުދި ކުދި ކަންކަމުގައި އިބުޕްރޯފަން ފަދަ ތަދު ކަނޑުވާ ބޭސްތައް ގަވާއިދުން ބޭނުން ކުރުމުން އެއްވެސް އިންޒާރަކާ ނުލާ ގޮހޮރުގެ އެތެރޭގެ ދުލިފަށް މަޑުމަޑުން ހަލާކު ކޮށްލައެ ވެ.

5. ހަމައެކަނި ރޭގަނޑު ގިނައިން ފެންބުއިން

ހަށިގަނޑު ހައިޑްރޭޓް ކުރަންޖެހެނީ މުޅި ދުވަހަށް ބަހާލައިގެންނެވެ. އެއްފަހަރާ ގިނައިން ފެން ބުއިމަކުން ގޮހޮރާއި ކިޑްނީއަކަށް ފައިދާއެއް ނުކުރާނެ އެވެ. ރޭގަނޑު އެކަނި ގިނައިން ފެންބުއިމުން ލިބޭ ފައިދާ ވަރަށް ކުޑަ އެވެ.

6. ބޮޑުކަމުދިއުން ލަސް ކުރުން

ބޮލުކަމުދާން ޖެހުމުން އެކަން ފަސްކުރާ ފަހަރަކު، ގޮހޮރުން އެ ސިގްނަލް ސިކުނޑިއަށް ފޮނުވުން ހުއްޓާލަން ދަސްކުރެ އެވެ. މިކަން ތަކުރާރު ވާނަމަ ދާއިމީކޮށް ބަނޑު ހަރުވުމުގެ މައްސަލަ ކުރިމަތިވެ އެވެ.

7. ގަޑިއެއް ނެތި އަބަދު އެއްޗެހި ކެއުން

އަހަރެމެންގެ ގޮހޮރުގައި އަމިއްލައަށް ސާފުކުރާ ނިޒާމެއް އެކުލެވިގެންވެ އެވެ. މި ނިޒާމު ހިނގަނީ ބަނޑު ހުސްކޮށް ހުންނަ ވަގުތުތަކުގަ އެވެ. އަބަދު ކޮންމެވެސް އެއްޗެއް ކައިކައި ހުންނަނަމަ ސާފުކުރުމުގެ މި މަރުހަލާއަށް ބުރޫ އަރަ އެވެ.

8. ނިދަން އެއް ގަޑިއިރަށް ވުމުން ކެއުން

ރޭގަނޑު ނިދާ ވަގުތަކީ ގޮހޮރުގެ މަސްތަކާއި ސެލްތައް އަމިއްލައަށް މަރާމާތުވާ ވަގުތެވެ. ނިދަން އޮށޯންނައިރު ބަނޑުގައި ކާނާ ހުންނަނަމަ، މި މަރާމާތުވުމުގެ މަރުހަލާ މުޅިން ހުއްޓުމަކަށް އާދެ އެވެ.

އެހެންކަމުން، މިފަދަ އާދަތަކުން ދުރުހެލިވެ، ސިއްހަތަށް ފައިދާހުރި ދިރިއުޅުމުގެ ވައްޓަފާޅިއެއް ގެންގުޅުމަކީ މުޅި ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.