ދިރިއުޅުމުގެ ބާރު ދުވެއްޔާއި، އަބަދުވެސް ކޮންމެވެސް މަސައްކަތެއްގައި އުޅެ، "ޕްރޮޑަކްޓިވް" ވުމަށް ކުރެވޭ މަޖުބޫރުކަމުގެ ސަބަބުން މިއަދުގެ ޒުވާނުންނަށް ވަނީ ބޮޑެތި ސިއްހީ އަދި ނަފްސާނީ ނުރައްކާތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.
ގިނަ ފަހަރަށް އާދައިގެ ވަރުބަލިކަމެއް ނުވަތަ "ނޯމަލް ސްޓްރެސް" އެއް ކަމަށް ހީކޮށް ދޫކޮށްލެވޭ ކަމަކީ އަސްލު 'ބާންއައުޓް' ނުވަތަ ދިރިއުޅުމުގެ އާދަތަކުގެ ސަބަބުން މީހާ މުޅިން ވަރުބަލިވުން ކަމަށް މާހިރުން ބުނެ އެވެ.
ކަމާ ބެހޭ މާހިރުން ވަނީ ޒުވާނުންނާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ މެދުގައި މި މައްސަލަ އާދަޔާޚިލާފަށް އިތުރުވަމުންދާ ކަމަށް ބުނެ އިންޒާރު ދެއްވާފަ އެވެ.
އަބަދު އަވަސްއަރުވާލުމާއި ހަށިގަނޑުގެ ސިގްނަލްތަކަށް ފަރުވާކުޑަކުރުން
މިއަދުގެ މުޖުތަމައު ބައްޓަންވެފައިވަނީ އަބަދުވެސް ބިޒީކޮށް އުޅުމަށެވެ. މީގެ ސަބަބުން މީހުންނަށް އަމިއްލަ ޖިސްމާނީ އަދި ނަފްސާނީ ބޭނުންތަކަށް ސަމާލުކަން ނުދެވި، ނިދުމާއި ގަޑިއަށް ކެއުމުން މަހްރޫމްވެ އެވެ.
މިފަދަ ބަދަލުތަކަށް ގިނަ ދުވަސް ވުމުގެ ސަބަބުން ދާއިމީ ސްޓްރެސް އުފެދި، ހަށިގަނޑު އަލުން އާރާސްތުވުމަށް ހުރަސް އެޅެ އެވެ. އެއާއެކު ގަވާއިދުން ނުކެއުމުން ހަށިގަނޑުގެ ހަކަތަ ދަށްވާއިރު، ނިދި މަދުވުމުގެ ސަބަބުން ސިކުނޑިއާއި ޖިސްމާނީ ދިރުންތައް އައުވުމަށް ހުރަސްއެޅެ އެވެ.
ބާންއައުޓް އަކީ ހަމައެކަނި ވަޒީފާ އަދާކުރާ މީހުންނަށް ދިމާވާ ކަމެއް ނޫން
މީގެ ކުރިން ބާންއައުޓް އަކީ ހަމައެކަނި ބުރަކޮށް ވަޒީފާ އަދާކުރާ މީހުންނަށް ދިމާވާ ކަމެއް ކަމަށް ބެލެވުނު ނަމަވެސް، މިހާރު ކިޔަވާ ކުދިންނާއި ޒުވާނުންގެ މެދުގައިވެސް މި މައްސަލަ ވަނީ ބޮޑުވެ ފައެވެ. މީގެ މައިގަނޑު ސަބަބުތަކަކީ:
- ތަޢުލީމީ ގޮތުން ކުރިމަތިވާ ފިއްތުންތަކާއި ވާދަވެރިކަން.
- ވަޒީފާ ލިބުމުގެ ނުވަތަ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު.
- ޑިޖިޓަލް މުވާޞަލާތުތަކަށް (ފޯނާއި ސޯޝަލް މީޑިއާ) މާ ބޮޑަށް ބަރޯސާވުމުގެ ސަބަބުން، ހަގީގީ ދިރިއުޅުމުގައި މީހުންނާ ބައްދަލުވެ ވާހަކަދެއްކުން މަދުވެ، ނަފްސާނީ އެހީތެރިކަން ކުޑަވުން.
'ނިދާލުމަކުން' މިކަމެއް ހައްލެއް ނުވާނެ!
މާހިރުން ފާހަގަ ކުރައްވާ ގޮތުގައި، ބާންއައުޓް އަކީ ހަމައެކަނި އާދައިގެ ވަރުބަލިކަމެއް ނޫނެވެ. އެހެންކަމުން، ހަމައެކަނި ރޭގަނޑު ރަނގަޅަށް ނިދާލުމަކުން މި މައްސަލައެއް ހައްލެއް ނުވާނެ އެވެ. މިއީ މީހާ އުޅޭ ދިރިއުޅުމުގެ އާދަތަކުގެ ނަތީޖާއެއް ކަމުން، ދިރިއުޅުން ބަދަލުނުކޮށް ހަމައެކަނި ނިދައިގެން މި ވަރުބަލިކަމެއް ފިލައިގެންނެއް ނުދާނެ އެވެ.
ބާންއައުޓްގެ އަލާމާތްތައް
ގިނަ މީހުންނަށް މިއީ ބަލިމަޑުކަމެއްކަން ނޭނގި ކުރިއަށްދާއިރު، ފެންނަ އާންމު އަލާމާތްތަކަކީ:
- ބޮލުގައި ރިއްސުމާއި ބޯއެނބުރުން.
- އަވަހަށް ރުޅިއައުން ނުވަތަ މޫޑު ބަދަލުވުން.
- ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވުން.
- ހަށިގަނޑުގެ މަސްތަކުގައި ރިއްސުން.
- ސިކުނޑި ސާފުނުވުން ނުވަތަ 'ބްރެއިން ފޮގް' އިހުސާސްވުން.
މި އަލާމާތްތަކަށް ފަރުވާނުދެވި ގިނަދުވަސް ވެއްޖެނަމަ، މީހާގެ މަސައްކަތުގެ ފެންވަރު ދަށްވެ، އާއިލީ އަދި އެކުވެރިންގެ ގުޅުންތަކަށް ބުރޫއަރައި، އެންޒައިޓީ އަދި ޑިޕްރެޝަން ފަދަ ސީރިއަސް ނަފްސާނީ ބަލިތަކަށް މަގުފަހިވެ އެވެ.
މިކަމުން ސަލާމަތްވުމަށް ކުރެވިދާނެ ކަންތައް
- ނިދި ހަމަކުރުން: ކޮންމެ ރޭގަނޑަކުވެސް އެއް ގަޑިއަކަށް، ފުރިހަމަ ނިދި ހޯދުން.
- ހަމަހަމަ ކާނާ: ގަވާއިދުން ގަޑިއަށް، ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރުން.
- ސްޓްރެސް މެނޭޖްކުރުން: ކަސްރަތު ކުރުމާއި، އަބަދު މަސައްކަތުގެ ތެރޭގައި އުޅުމުގެ ބަދަލުގައި ބްރޭކްތައް ނެގުން
- .އިޖުތިމާއީ ގުޅުން: ފޯނާ ދުރުވެ، އާއިލާ އަދި އެކުވެރިންނާއެކު ވަގުތު ހޭދަކޮށް ނަފްސާނީ ހިތްހަމަޖެހުން ހޯދުން.
ތިމާގެ ސިއްހަތަށާއި އުފާވެރިކަމަށް ބުރޫއަރާ ވަރަށް އަބަދު ވަރުބަލިވެފައި ހުރުމަކީ ދިރިއުޅުމުގެ އާދައަކަށް ހަދައިގެން ނުވާނެ އެވެ. ހަށިގަނޑުން ދޭ ސިގްނަލްތައް ދެނެގަނެ، ކުރިއާލާ ފިޔަވަޅު އެޅުން މުހިއްމެވެ.
ފަތުރުވެރިން ޑައިވިނަށް ދިޔަ އުޅަނދުގެ ލައިސަންސް ހިފަހައްޓައިފި
ސިފައިންގެ ޑައިވަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ އިއްޒަތުގައި މިރޭ