ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބުގެ ނަތީޖާއާ މެދު އުފެދުނު ޚިޔާލުތަފާތުވުންތަކަށް ފަހު، ހައިކޯޓުން މިއަދު ކުރި ހުކުމާއެކު އެ ރަށުގެ ކައުންސިލް ރައީސް ހޮވަން އަލުން ވޯޓުލާން ޖެހިއްޖެ އެވެ.
މި މައްސަލަ ހައިކޯޓަށް ހުށަހެޅީ ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމްގެ ފަރާތުންނެވެ. އެއީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އޭނާއަށް ލިބުނު ވޯޓެއް ބާތިލުކުރުމުން ހުށަހެޅި މައްސަލައެކެވެ.
އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައި ވަނީ، އީސީން ބާތިލުކުރި ވޯޓަކީ ސައްހަ ވޯޓެއް ކަމަށެވެ. މި ބަދަލާއެކު ނަތީޖާއަށް އައި ބަދަލަކީ ސުހާ އިބްރާހީމަށް 392 ވޯޓު ލިބުނު ކަމަށެވެ. އަދި އެމްޑީއޭގެ ކެންޑިޑޭޓު މުޙައްމަދު ޝާހިދަށް 392 ވޯޓު ލިބުނު ކަމަށެވެ.
ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމުން، ގާނޫނީ ގޮތުން ދެން ޖެހޭނީ އެ މަގާމަށް މީހަކު ހޮވުމަށް އަލުން އިންތިޚާބެއް ބޭއްވުމަށެވެ.
އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން، ހައިކޯޓުން މިއަދު ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ދެ ފަރާތަށް ވެސް އޮންނާނެ އެވެ.
ނަމަވެސް، އިތުރު ބަދަލެއް ނާންނަނަމަ، އީސީން ޖެހޭނީ މީދޫގައި އަލުން ވޯޓުލުން ބޭއްވުމަށް ތައްޔާރުވާށެވެ.
މި ހަފުތާގައި ހައިކޯޓުން ވަނީ މިފަދަ އެހެން މައްސަލައެއްގައި ވެސް ނިންމުމެއް ނިންމާފައެވެ. އެ މައްސަލައަކީ ވޭވަށު ކައުންސިލްގެ މެންބަރުކަމަށް ވާދަކުރި އެމްޑީޕީ ކެންޑިޑޭޓުގެ ތިން ވޯޓެއް ބާތިލުކުރުމާ ގުޅިގެން، އެ ރަށުގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓަށް ކާމިޔާބުވި މައްސަލައެކެވެ.
'ބޮޑު އީދަށް ރިސޯޓަށް' ފުރަތަމަ ނަސީބުވެރިޔާ އިއުލާންކޮށްފި
މައްސަލަ ހުށަހަޅާފައި ވަނިކޮށް ނާޒިމް މެލޭޝިޔާއަށް