ދުނިޔޭގެ އެންމެ ބޮޑު އެއް ފިލްމު ފެސްޓިވަލް ކަމަށްވާ "ކޭންސް ފިލްމު ފެސްޓިވަލް" އިން އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ އެއް ތަރިއަކީ ބޮލީވުޑްގެ ރާނީ އައިޝްވާރިޔާ ރާއީ ބައްޗަން އެވެ.

ނަމަވެސް، މިއަހަރުގެ ފެސްޓިވަލްގެ ތެރެއިން މަޝްހޫރު ކޮސްމެޓިކް ބްރޭންޑް "ލޮރިއަލް ޕެރިސް" އިން އާއްމުކުރި ވީޑިއޯއެއްގައި އައިޝްވާރިޔާ ނެތުމުން ފޭނުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވީޑިއޯއިން ފެނުނު ތަރިން ލޮރިއަލް އިން އިންސްޓަގްރާމްގައި އާންމުކުރި މި "ރީލް" ވީޑިއޯގައި އެ ބްރޭންޑްގެ ގްލޯބަލް އެމްބަސެޑަރުން ކަމަށްވާ އާލިއާ ބަޓް، ހެލެން މިރެން، އަދި އެހެނިހެން ބައިނަލްއަގުވާމީ ތަރިން ފެނިގެންދެ އެވެ.

އެހެން ނަމަވެސް، ފާއިތުވި ދެ ދަހަައެއްހާ ދުވަހު ލޮރިއަލްގެ އެންމެ މުހިއްމު އެއް މޫނުގެ ގޮތުގައި ހުރި އައިޝްވާރިޔާ މި ވީޑިއޯއިން ފެނިފައެއް ނުވެ އެވެ.

މި ވީޑިއޯއާ އެކު އައިޝްވާރިޔާގެ ސަޕޯޓަރުން ވަނީ ސޯޝަލް މީޑިއާގައި ސުވާލުތައް އަމާޒުކުރަން ފަށާފަ އެވެ. އެގޮތުން އައިޝްވާރްޔާ ކޮބައިތޯއާއި އޭނާއާނުލާ އެ އިވެންޓް ފުރިހަމަ ނުވާނެ ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ބައެއް ފޭނުން ތުހުމަތު ކުރާ ގޮތުގައި، އާލިއާ ބަޓް އަލަށް ލޮރިއަލްގެ އެމްބަސެޑަރަކަށް ވުމާއެކު، އެ ބްރޭންޑުން އައިޝްވާރިޔާގެ މަގާމު ކުޑަކުރަން އުޅެނީ އެވެ.

އައިޝްވާރިޔާ ރާއީ އަކީ 2002 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ކޭންސް ފެސްޓިވަލްގެ ރެޑް ކާޕެޓުން ފެންނަ ތަރިއެކެވެ. ކޮންމެ އަހަރަކުވެސް އޭނާގެ ހެދުންތަކާއި ލުކްސް އަކީ މުޅި ދުނިޔޭގެ ސަމާލުކަން ލިބޭ ކަމެކެވެ.

މިއަހަރުގެ ފެސްޓިވަލްގައިވެސް އައިޝްވާރިޔާ ބައިވެރިވެ، އޭނާގެ ތަފާތު ދެ ސްޓައިލެއް ރެޑް ކާޕެޓުން ވަނީ ފެނިގެން ގޮސްފަ އެވެ. ނަމަވެސް ބްރޭންޑްގެ ރަސްމީ ވީޑިއޯތަކުން އޭނާ ނުފެނުމަކީ ފޭނުންނަށް ބަލައިގަންނަން އުނދަގޫވި ކަމަކަށް ވަނީ ވެފަ އެވެ.