ސަރުކާރަށް ބޭރުން ފައިސާ ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާއިރު، މީގެ ސަބަބުން އެކްސްޗޭންޖް ރޭޓުގެ ނުރައްކާތައް އިތުރުވުމަކީ އެކަށީގެންވާ ކަމެއްކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން އިންޒާރުދީފި އެވެ.

ރާއްޖޭގެ ކަންބޮޑުވާންޖެހޭ މިންވަރަކަށް އޮތް ދަރަނީގެ މައްސަލަ ޙައްލުކުރުމަށްޓަކައި، އަވަސް މާލީ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ރާއްޖެއަށް ގޮވާލާތާ މިހާރު ވަނީ އަހަރުތަކެއް ވެފައެވެ.

ދައުލަތުގެ މެދު ރާސްތާގެ ދަރަނީގެ ދެމެހެއްޓެނިވިކަމުގެ ސިޔާސަތު 2025-2027 އާ ގުޅޭ ގޮތުން އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައި، ސްޓްރެޓީޖިކް ބަޖެޓާއި ދަރަނި ނެގުމުގެ ލިމިޓުތަކާ ސަރުކާރުން ގިނަގިނައިން ހިލާފުވަމުންދާކަމާއި، ބޭރުން ފައިސާ ހޯދުމުގައި ހުރި ހުރަސްތައް ފާހަގަކޮށްފައިވެ އެވެ.

ފާއިތުވި މަދު އަހަރުތަކުގެ ތެރޭގައި، ބަޖެޓު އެކުލަވާލުމުގެ މަރުހަލާގައާއި އަދި އޭގެ ފަހުން ބަޖެޓު ތަންފީޒުކުރުމުގެ މަރުހަލާގައިވެސް، މެދުރާސްތާގެ ފިސްކަލް ސްޓްރެޓެޖީ އަދި މެދުރާސްތާގެ ދަރަނީގެ ސްޓްރެޓެޖީގެ އޮނިގަނޑުތަކުގެ ދަށުން ކަނޑައަޅާފައިވާ ބަޖެޓާއި ދަރަނީގެ ލިމިޓުތަކާ ސަރުކާރުން ގިނަގިނައިން ހިލާފުވެފައިވާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ރިވިއުއިން ދައްކަ އެވެ.

އެ އޮފީހުން މިކަން ގުޅުވާފައިވަނީ މައިގަނޑު ގޮތެއްގައި 'މުހިންމު ފިސްކަލް އިސްލާހުތައް ތަންފީޒުނުކުރުމާއި، ސަރުކާރުގެ ސިޔާސަތުތަކަށް އަންނަ ގިނަ ބަދަލުތަކާ' އެވެ.

ފަހުގެ އަހަރުތަކުގައި ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ހުރި ނުރައްކާތައް އިތުރުވަމުންދިޔަ ނަމަވެސް، ބަޖެޓުކުރެވިފައިވާ ފައިސާ ހޯދުމުގެ ޕްލޭންތަކާ ބޮޑެތި ހިލާފުވުންތަކެއް ހުރިކަން އޮޑިޓާ ޖެނެރަލްގެ އޮފީހަށް ފާހަގަކުރެވިފައިވެ އެވެ.

ފައިސާގެ ބޮޑު ބައެއް ބޭރުގެ ފަރާތްތަކުން ހޯދުމަށް ފުރަތަމަ ރާވާފައިވީ ނަމަވެސް، އެތެރޭގެ ދަރަންޏަށް ބަރޯސާވާ މިންވަރު އިތުރުވެފައިވާކަން އެ އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.

2024 އަދި 2025 ވަނަ އަހަރުގެ ބަޖެޓުގެ އެނަލިސިސްއިން ދައްކާގޮތުގައި ބަޖެޓަށް ބޭނުންވާ ފައިސާ އެއްކޮށް ހަމަޖެހިފައެއް ނުވެ އެވެ.

2025 އިން 2027 އަށް އެކުލަވާލާފައިވާ މެދުރާސްތާގެ ދަރަނީގެ ސްޓްރެޓެޖީގައި ބޭރުގެ ފަރާތްތަކުން ދަރަނީގެ ބޮޑު ބައެއް ހޯދުމަށް ރާވާފައިވީ ނަމަވެސް، ބޭރުން ފައިސާ ހޯދުމަށް ހުރި ދަތިތައް ދެމިއޮތުމުގެ ސަބަބުން މި ޕްލޭން ކާމިޔާބުވުމުގެ ފުރުޞަތު ވަރަށް ބޮޑަށް ހަނިވެގެންދާނެކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދެކެ އެވެ.

މީގެ ނަތީޖާއެއްގެ ގޮތުން، ކުރު އަދި މެދު ރާސްތާގައި އެކްސްޗޭންޖް ރޭޓުގެ ނުރައްކާތައް އިތުރަށް ބޮޑުވުމަކީ އެކަށީގެންވާ ކަމެއްކަމަށް އެ އޮފީހުން އިންޒާރުދީފައިވެ އެވެ.

2026 ވަނަ އަހަރު ދައްކަންޖެހޭ ބޮޑެތި ދަރަނިތައް ރީފައިނޭންސް ކުރުމަށް ސަރުކާރުން މިހާރު ރާވާފައިވާ ގޮތުގެ ސަބަބުން އިންޓަރެސްޓް ރޭޓުގެ ނުރައްކާ އިތުރަށް ބޮޑުވެދާނެކަމަށްވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އިންޒާރުދީފައިވެ އެވެ.

އެކްސްޗޭންޖް ރޭޓު ހިފެހެއްޓުމުގެ ގޮތުން، ސަރުކާރުން ފުރަތަމަ ރާވާފައިވަނީ އޭޕްރީލް މަހު ދައްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކުގެ ތެރެއިން 300 މިލިއަން ޑޮލަރު ރީފައިނޭންސް ކުރުމަށާއި، ބާކީ 200 މިލިއަން ޑޮލަރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުން ހަމަޖެއްސުމަށެވެ. އެހެންނަމަވެސް، ސަރުކާރަށް މިކަން ތަންފީޒުކުރެވިފައެއް ނުވެ އެވެ.

ކޮންޓިންޖެންޓް ލައިބިލިޓީ ނުވަތަ ކުއްލިއަކަށް ކުރިމަތިވެދާނެ މާލީ ޒިންމާތަކުގެ ނުރައްކާތައް މެނޭޖުކުރާނެ ޕްލޭނެއް ނެތުމުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ސަރުކާރުން ގެރެންޓީދީފައިވާ ދަރަނި ވަނީ އިންތިހާއަށް މަތިވެ 21.1 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އެނަލިސިސްއިން ދައްކާގޮތުގައި ސަރުކާރުން ގެރެންޓީދީފައިވާ ދަރަނީގެ ތެރެއިން ގިނަ އަދަދެއްގެ ދަރަނި ދައްކަންޖެހޭ މުއްދަތު ހަމަވާން ގާތްވެފައިވާއިރު، މީގެ ތެރޭގައި ގިނައީ މެދުރާސްތާގައި ދައްކަންޖެހޭ ބޭރުގެ ދަރަންޏެވެ.

މި ދަރަނިތައް އަދާކުރުމަށްޓަކައި މަރުކަޒީ ސަރުކާރުގެ އެހީތެރިކަން ނުވަތަ ސަރުކާރުގެ ބޭރު ފައިސާގެ ރިޒާވް ބޭނުންކުރަން ޖެހިދާނެކަމަށް ހޯދުންތަކުން ދައްކާކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.

މި ނުރައްކާތައް ހުރި ނަމަވެސް، ސަރުކާރުގެ ގެރެންޓީތަކާ ގުޅިފައިވާ ކޮންޓިންޖެންޓް ލައިބިލިޓީގެ ނުރައްކާތަކަށް ހައްލެއް ހޯދުމަށް 2025 އިން 2027 އަށް އެކުލަވާލާފައިވާ މެދުރާސްތާގެ ދަރަނީގެ ސްޓްރެޓެޖީގައި ބަލައިގަނެފައި ނުވާކަމާއި، ވަކި ޕްލޭންތަކެއް ހިމަނާފައިނުވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފާހަގަކުރެވިފަ އެވެ.

ދައުލަތުގެ ބަޖެޓުތައް ފިސްކަލް ގޮތުން ދެމެހެއްޓެނިވި މިންގަނޑުތަކެއްގައި ރަނގަޅަށް ޕްލޭންކުރެވިފައިވާކަން ކަށަވަރުކުރުމަށާއި، ދަރަނި ނަގަންޖެހޭ މިންވަރު އެކަށީގެންވާ ލިމިޓުތަކެއްގެ ތެރޭގައި ހިފެހެއްޓުމަށާއި، ބަޖެޓުގެ ދަރަނީގެ ލިމިޓުތައް މެދުރާސްތާގެ ދަރަނީގެ ސްޓްރެޓެޖީއާއި މެދުރާސްތާގެ ފިސްކަލް ސްޓްރެޓެޖީގެ ދަށުން ރާވާފައިވާ މިންވަރަށްވުރެ އިތުރުނުވާނެކަން ކަށަވަރުކުރުމަށާއި، ބޭރުނުވެ ފައިސާ މެނޭޖުކުރުން ކަށަވަރުކުރުމަށް ގާތުން މަސައްކަތްކުރުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފިނޭންސް މިނިސްޓްރީއަށް ވަނީ ގޮވާލާފަ އެވެ.

ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށާއި، ސަރުކާރުގެ ގެރެންޓީތަކުން އުފެދޭ ކޮންޓިންޖެންޓް ލައިބިލިޓީގެ ނުރައްކާތަކަށް ހައްލެއް ހޯދުމަށް ޕްލޭންތައް އެކުލަވާލުމަށާއި، ސަރުކާރުގެ އެހީތެރިކަމާ ނުލައި ކުންފުނިތަކަށް ދަރަނި އަދާކުރެވޭނެގޮތަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމާއި މާލީ ހަރުދަނާކަން އިތުރުކުރުމަށްވެސް އެ އޮފީހުން ސަރުކާރަށް ގޮވާލާފައިވެ އެވެ.

އެތެރޭގެ މާލީ އިދާރާތަކަށް ބަރޯސާވާ މިންވަރު އިތުރުވުމުގެ ސަބަބުން މާލީ ދާއިރާއަށް ކުރިމަތިވެދާނެ ނުރައްކާތައް ވަޒަންކުރުމަށާއި، މި ނުރައްކާތައް ކުޑަކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށްވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފިނޭންސް މިނިސްޓްރީއަށް ގޮވާލާފައިވެ އެވެ.

މެދުރާސްތާގެ ފިސްކަލް ސްޓްރެޓެޖީއާއި ބަޖެޓުގައި ބަޔާންކޮށްފައިވާ ފިސްކަލް އިސްލާޙުތައް ތަންފީޒުކުރުމުގައާއި، މެދުރާސްތާގެ ދަރަނީގެ ސްޓްރެޓެޖީ ހަރުކަށިކަމާއެކު ތަންފީޒުކުރުމުގައި ސަރުކާރު ޖަވާބުދާރީކުރުވުމަށް ރައްޔިތުންގެ މަޖިލީހަށްވެސް އެ އޮފީހުން ވަނީ ގޮވާލާފަ އެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ރިޕޯޓުގައި ކަންބޮޑުވުން ފާޅުކޮށްފައިވާ ބައެއް ދަރަނިތައް ސަރުކާރުން އޭގެ ފަހުން ވަނީ އަދާކޮށްފަ އެވެ.

މީގެ ތެރޭގައި ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި 2021 ވަނަ އަހަރު ނަގާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކަކާއި، އިންޑިއާއާއެކު ވެފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގެ ދަށުން ނަގާފައިވާ 400 މިލިއަން ޑޮލަރު ހިމެނެ އެވެ. މީގެ ތެރެއިން ފަހުން ބުނެވުނު ދަރަނި ސަރުކާރުން ދައްކާފައިވަނީ ދެ ފަހަރެއްގެ މަތިން މުއްދަތު އިތުރުކުރުމަށްފަހު އޭޕްރީލް މަހުގަ އެވެ.

ސަރުކާރުން 400 މިލިއަން ޑޮލަރުގެ ދަރަނި އަދާކުރި ދުވަހު، އޮކްޓޯބަރު 2024 ގައި ސޮއިކޮށްފައިވާ ބައިލެޓަރަލް ސްވޮޕް އެއްބަސްވުމުގެ އިންޑިއަން ރުޕީސް ސްވޮޕް ވިންޑޯގެ ދަށުން 30 ބިލިއަން އިންޑިއަން ރުޕީސް ނެގުމަށް އިންޑިއާއިން ވަނީ ހުއްދަދީފައެވެ. މީގެ ސަބަބުން އަވަށްޓެރި ގައުމަށް ރާއްޖެއިން ދައްކަންޖެހޭ ދަރަނީގެ ބޮޑު ބައެއް ވަނީ ރީފައިނޭންސް ކުރެވިފަ އެވެ.

އިތުރުވަމުންދާ ދަރަންޏާއި ރީފައިނޭންސް ކުރުމުގެ ނުރައްކާތައް ބޮޑުވަމުންދާއިރު، ރާއްޖެއަށް މާލީގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ދަނީ ކުރިމަތިވަމުންނެވެ. ރާއްޖޭގެ އާމްދަނީގެ 14 އިންސައްތައަށްވުރެ ބޮޑު ބައެއް މިހާރު ހޭދަކުރަމުންދަނީ އިންޓަރެސްޓް ދެއްކުމަށެވެ.

މީގެ ސަބަބުން، ހަރަދުތައް ކުޑަކޮށް އިސްލާޙުތައް ތަންފީޒުކުރުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ރާއްޖެއަށް ގޮވާލަމުންދާ ދިއުން ވަނީ މެދުނުކެނޑި ކުރިއަށްގޮސްފަ އެވެ