ނިދާފައި ހޭލާއިރު ކަނދުރާގައި ރިއްސުން ނުވަތަ ބުރަކަށީގެ ތިރީގައި ރިއްސުމުގެ މައްސަލަ ކުރިމަތިވޭ ހެއްޔެވެ؟ މޭ އެންދުމުގެ ސަބަބުން ނިދިން ހޭލެވޭ ހެއްޔެވެ؟ ނުވަތަ ނިދީގައި ގުގުރި ދަމާތީ ބައިވެރިޔާގެ ޝަކުވާ ލިބޭ ހެއްޔެވެ؟
މި ސުވާލުތަކުގެ ތެރެއިން އެއްވެސް ސުވާލަކަށް "އާނއެކޭ" ބުނެވޭ ނަމަ، އޭގެ ސަބަބަކީ ތިބާ ނިދަން އޮންނަ ގޮތް ކަމަށް ވެދާނެ އެވެ. ޔުނިވާސިޓީ އޮފް ޕެންސިލްވޭނިއާގެ ޕްރޮފެސަރެއް ކަމަށްވާ ޑރ. އިންދިރާ ގުރުބަގަވަތުލާ ވިދާޅުވާ ގޮތުގައި، ނިދުމަށް ވަކި ހާއްސަ ގޮތެއް ކަނޑައެޅިފައެއް ނެތެވެ.
ނަމަވެސް، ހޭލާއިރު ހަށިގަނޑަށް އުނދަގޫވެ، މަސްތައް ގަނޑުވެފައި ހުންނަ ނަމަ ނުވަތަ ރަނގަޅަށް ނިދި ނުލިބޭ ނަމަ، ނިދާ ގޮތަށް ބައެއް ބަދަލުތައް ގެނައުމުން އެހީތެރިވެދޭނެ އެވެ. ތިރީގައި މިވަނީ ނިދާ ގޮތުގެ ސަބަބުން ދިމާވާ ބައެއް އާންމު މައްސަލަތަކާއި، އެ ކަންކަމަށް އޮތް ހައްލުތަކެވެ.
އަރިއަކަށް އޮވެގެން ނިދުން
އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ އަރިއަކަށް އޮވެގެން އެއްވެސް އުނދަގުލަކާ ނުލައި ނިދާ މީހުންނެވެ. ނަމަވެސް، ހުޅުތަކުގެ މައްސަލަ ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް މިގޮތަށް އޮތުމުން ކޮނޑާއި، އުނަގަނޑާއި، ކަކުލަށް ބާރުބޮޑުވެދާނެ ކަމަށް ނިއުޔޯކްގެ ޑރ. ރޯހަން ޖޮޓްވާނީ ވިދާޅުވެއެވެ.
މިކަމަށް އޮތް ހައްލަކީ 'މެމޮރީ ފޯމް' ނުވަތަ 'ޖެލް' ގޮދަޑިއެއް ބޭނުންކުރުމެވެ. މީގެ އިތުރުން، ދެ ކަކުލު ދޭތެރޭގައި ބާލީހެއް ބޭއްވުމުން އުނަގަނޑާއި، ކަކުލާއި، ބުރަކަށީގެ ތިރީގައި ރިއްސުން ކުޑަކޮށްދެ އެވެ. ސަބަބަކީ އޭގެ ސަބަބުން ފަޔާއި އުނަގަނޑު އެއްވަރަކަށް ހުންނާތީ އެވެ.
އަރިއަކަށް އޮންނައިރު މާ ބޯ ނުވަތަ މާ ތުނި ބާލީހެއް ބޭނުންކުރުމުން މައިބަދައިގެ ބައްޓަން ގެއްލި، މަސްތަކާއި ހުޅުތަކަށް ބާރުބޮޑުވެ އެވެ. އަދި ނާރުތަށް ފިތި، ކޮނޑާއި އަތް ނުވަތަ ބުރަކަށީގެ މަތީބައިގައި ރިއްސުން ނުވަތަ އައްސިވުން ފަދަ ކަންކަން މެދުވެރިވެދާނެ އެވެ.
އުއްޑުން އޮވެގެން ނިދުން
ނިދާއިރު އެންމެ މުހިންމު ކަމަކީ މައިބަދަ އާއި ކަރުގެ ގުދުރަތީ ބައްޓަން ނުގެއްލޭނޭހެން ބެހެއްޓުމެވެ. މިކަމަށް އެންމެ ރަނގަޅު ގޮތަކީ އުއްޑުން އޮވެ ނިދުމެވެ. ނަމަވެސް މީގެ ސަބަބުން އެހެން ބައެއް މައްސަލަތައް ކުރިމަތިވެދާނެ އެވެ.
އުއްޑުން އޮވެ ނިދުމުން ގުގުރި ދެމުމާއި، ނިދީގައި ނޭވާ ހާސްވުން ފަދަ މައްސަލަތައް އިތުރުވެ އެވެ. މީގެ އިތުރުން، މޭ އެންދުމުގެ މައްސަލަ ހުންނަ މީހުންނަށް ވެސް އުއްޑުން އޮތުމުން އުނދަގޫތައް އިތުރުވެދާނެއެވެ.
މޭ އެންދުމުގެ މައްސަލަ ހުންނަ ނަމަ، ބާލީސް ބޭނުންކޮށްގެން ހަށިގަނޑުގެ މަތީބައި ކުޑަކޮށް އުފުލައިލުމުން ލުއި ލިބޭނެ އެވެ. މާބަނޑު މީހުން 20 ހަފުތާއަށް ފަހު އުއްޑުން އޮތުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެންމެ ރަނގަޅީ ވައަތްފަރާތަށް އަރިއަކަށް އޮވެގެން ނިދުމެވެ.
ބަނޑުވަތަށް އޮވެގެން ނިދުން
މިއީ މީހުން އެންމެ މަދުން ނިދާ ގޮތެވެ. އަދި މިއީ މައިބަދައަށް އެންމެ ގެއްލުން ހުރި ގޮތް ވެސް މެއެވެ. ރޭގަނޑު މުޅިއަކު އެއްފަރާތަކަށް ބޯ އަނބުރައިގެން އޮތުމުން ކަރަށް ބާރުބޮޑުވެއެވެ. އަދި ބުރަކަށީގެ ތިރީބަޔަށް ވެސް މީގެ ސަބަބުން ތަދުވެއެވެ.
ބަނޑުވަތަށް އޮވެ ނިދަން ބޭނުންވާ ނަމަ، އުނަގަނޑުގެ ދަށަށް ކުޑަ ބާލީހެއް ލެއްވުމުން ބުރަކަށީގެ ތަދު ކުޑަކޮށްދޭނެ އެވެ. ނަމަވެސް އެންމެ ރަނގަޅީ އަރިއަކަށް ނުވަތަ އުއްޑުން އޮވެ ނިދުމެވެ.
ނިދާ ގޮތް ބަދަލުކުރާނީ ކިހިނެއް؟
އާ ގޮތަކަށް ނިދަން ފެށުމަކީ ފުރަތަމަ އުނދަގޫ ކަމަކަށް ވެދާނެ އެވެ. ނަމަވެސް މަޑުމަޑުން ކޮންމެ ރެއަކު ކުޑަވަގުތުކޮޅަކު އެގޮތަށް އޮތުމުން ހަށިގަނޑު އެކަމަށް އާދަވާނެ އެވެ. އެއްފަރާތަކަށް އޮވެ ނިދުމަށްޓަކައި ބުރަކަށި ފަހަތުގައި ދިގު ބާލީހެއް ބޭއްވިދާނެ އެވެ.
ނިދީގެ ފެންވަރު ރަނގަޅު ކުރުމަކީ ހަމައެކަނި އޮންނަ ގޮތުން ނިންމޭ ކަމެއް ނޫނެވެ. ވަކި ގަޑިއަކަށް ނިދުމާއި، ކަސްރަތު ކުރުމާއި، އަދި ނިދާ ކޮޓަރިއަކީ އަނދިރި އަދި ފިނި ތަނަކަށް ހެދުމަކީ ވެސް މުހިންމު ކަންކަމެވެ. ނަމަވެސް، ހަމައެކަނި އަރިއަކަށް އެނބުރިލުމުން އަރާމު ނިންޖެއް ލިބޭ ނަމަ، އެކަން ކޮށްލުމަކީ ބުއްދިވެރި ކަމެކެވެ.
"ދުރަންދަރް"އިން ރަންވީރަށް %100 ބޮޑު އާމްދަނީއެއް!
މިދިޔަ 10 ދުވަހު ޑެންގީގެ 107 ކޭސް، އެންމެ ގިނައީ ކުޅުދުއްފުށީގަ
އީރާން ދުނިޔޭގެ ޗާޓުން ފޮހެލާނެކަމުގެ އިންޒާރު ޓްރަމްޕް ދީފި