ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރް، ދުނިޔޭގެ އެންމެ ބޮޑު ފެޝަން އިވެންޓް ކަމަށްވާ "މެޓް ގާލާ" ގައި އަލަށް ބައިވެރިވެ، އޭނާގެ ތަފާތު ފެނިލުމާއެކު ގިނަ ބައެއްގެ ސަމާލުކަން ހޯދައިފި އެވެ.
2026 ވަނަ އަހަރުގެ މެޓް ގާލާގެ ރެޑް ކާޕެޓުން ކަރަން ފެނިގެންދިޔައީ އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތުރާ ފަރުމާކޮށްފައިވާ "ފްރޭމްޑް އިން އިޓާނިޓީ" ނަމަކަށް ކިޔާ ހާއްސަ ހެދުމެއްގަ އެވެ. މި ހެދުމަކީ އިންޑިއާގެ ލެޖެންޑަރީ ކުރެހުންތެރިޔާ ރާޖާ ރަވީ ވަރުމާގެ ކުރެހުންތަކުން އިންސްޕިރޭޝަން ހޯދައިގެން ތައްޔާރުކޮށްފައިވާ ހެދުމެކެވެ.
ކަރަންގެ މި ހެދުމުގައި ހިމެނެނީ ކޮނޑު ފުޅާކޮށް ހުރި ވިންޓޭޖް ޖެކެޓަކާއި، ހަ ފޫޓު ދިގު، އަތުން ކުރެހުން އަޅާފައިވާ ކޭޕް އެކެވެ. މީގެ އިތުރުން އޭނާގެ އަމިއްލަ ބްރޭންޑް ކަމަށްވާ "ތިއާނީ"ގެ އަގުބޮޑު ގަހަނާތަކުން އޭނާގެ ލުކް ފުރިހަމަކޮށްފައިވެ އެވެ.
މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ކަރަން ބުނީ، ރާޖާ ރަވީ ވަރުމާގެ މަސައްކަތްތައް ހިޔާރުކުރީ އޭނާގެ ކުރެހުންތަކުން އިހުސާސްތައް ދައްކުވައިދޭތީ ކަމަށެވެ. އަދި ހުވަފެނެއްގައި އުޅޭ ކުއްޖެއްގެ ގޮތުން ފެށިގެން މެޓް ގާލާގެ ސިޑިބަރިއާ ހަމައަށް އާދެވުމަކީ އޭނާގެ ހަޔާތުގައި އައި ވަރަށް މުހިއްމު ވަގުތެއް ކަމަށް އޭނާ ބުންޏެވެ.
އެއާއެކު މިއީ ހަމައެކަނި ފެޝަނެއް ނޫން ކަމަށާއި މިއީ "ވާހަކައެއް ކިޔައިދިނުން" ކަމަށްވެސް ކަރަން ފާހަގަ ކޮށްފައިވެ އެވެ.
ސޯޝަލް މީޑިއާގައި ކަރަންގެ މި ފެނިލުމަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ. ބައެއް ފޭނުން ބުނެފައިވާ ގޮތުގައި މިއީ މެޓް ގާލާގެ ތީމާ އެންމެ ބޮޑަށް ގުޅުވައިލި އެއް ހެދުމެވެ. އަދި ބައެއް މީހުން ވަނީ ޝާހްރުކް ޚާން ފަދަ ތަރިންގެ ސްޓައިލަށްވުރެ ވެސް ކަރަންގެ މި ފަހަރުގެ ފެނިލުން މާ ބޮޑަށް ވެސް ފުރިހަމަ ކަމަށް ބުނެފަ އެވެ.
ކަރަންގެ މަސައްކަތްތަކަށް ބަލާއިރު، އޭނާގެ ކުރިއަށް އޮތް ފިލްމު "ޗާންދް މޭރާ ދިލް" މި މަހުގެ 22 ގައި ސިނަމާތަކަށް އަންނާނެ އެވެ. މި ފިލްމުން ފެނިގެންދާނީ އަނަންޔާ ޕާންޑޭ އަދި ލަކްޝްޔާ އެވެ.
އެމެރިކާގެ ނޭވީއިން ބޯޓުތަކަށް ދިން ހަމަލާގައި 5 މީހުން މަރުވި
އޭސީޕީ ޝިފާންގެ މައްސަލައެއް ބަލަނީ
އީރާން ދުނިޔޭގެ ޗާޓުން ފޮހެލާނެކަމުގެ އިންޒާރު ޓްރަމްޕް ދީފި