މިއަދު ފާހަގަ ކުރާ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނުވަ ޑިމާންޑެއް ސަރުކާރަށް ހުށަހަޅައިފިއެވެ.
އެމްޖޭއޭއިން މިއަދު ވަނީ ރައީސް އޮފީސް ކުރިމަތީ ހިމޭން އިހުތިޖާޖެއް ވެސް ކޮށްފަ އެވެ. މުޒާހަރާގައި ރަމްޒީ ގޮތުން ބެހެއްޓި ސަންދޯއް ފުލުހުން ވަނީ ގެންގޮސްފަ އެވެ. އެ އިހްތިޖާޖަށްފަހު އެ ޖަމިއްޔާ އިން ވަނީ ސަރުކާރަށް ނުވަ ޑިމާންޑެއްކޮށް ބަޔާނެއް ނެރެފަ އެވެ.
އެމްޖޭއޭއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ރާއްޖޭގެ ނޫސްވެރިކަމުގެ މާހައުލު އޮތް ނުރައްކާތެރި ހާލަތާ މެދު އެ ޖަމިއްޔާއިން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. ވަކިން ހާއްސަކޮށް، ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން ނެރުނު 2026 ވަނަ އަހަރުގެ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ވަރަށް ބޮޑަށް ފަހަތަށް ސޮއްސާލާފައިވާތީ، މިއީ ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމަށް ވަގުތުން ފިޔަވަޅު އަޅަންޖެހިފައިވާ ވަގުތެއް ކަމުގައި ދެކޭ ކަމަށް ބަޔާނުގައިވެ އެވެ.
."ނޫސްވެރިންނަށް ބިރުދެއްކުމާއި ނޫސް އިދާރާތަކަށް ފުލުހުން ވަދެ ހިންގާ އަމަލުތަކަކީ ޑިމޮކްރެޓިކް މުޖުތަމައުއެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ. އެއީ ސަރުކާރު ޖަވާބުދާރީ ކުރުވަން ނޫސްވެރިން ކުރާ މަސައްކަތްތައް ހުއްޓުވައި ބިރުދެއްކުމަށް ހިންގާ އަމަލުތަކެއް ކަމުގައި މި ޖަމިއްޔާއިން ދެކެމެވެ،" އެ ބަޔާނުގައިވެ އެވެ.
އެމްޖޭއޭގެ ޑިމާންޑްތައް
1-ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރުމަށް ވުޖޫދުކުރި 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނު' އުވާލައި މީޑިއާ ކޮމިއުނިޓީއާ އެކު މަޝްވަރާކޮށްގެން 'ސެލްފް ރެގިއުލޭޓަރީ' މެކޭނިޒަމެއް ގާއިމުކުރުމުގެ މަސައްކަތް ވަގުތުން ފެށުން
2-'އަދަދު' ނޫހާއި އެ ނޫހުގެ ނޫސްވެރިންނަށް ކުރާ ޖިނާއީ ތުހުމަތުތަކާއި ތަހުގީގުތައް ހުއްޓާލައި ފުލުހުން އެ އިދާރާ ބަލާފާސްކޮށް ގެންދިޔަ ތަކެތި ޝަރުތެއް ނެތި އަނބުރާ ހަވާލު ކުރުމަށް
3-'އަދަދު' ނޫހުގެ އެޑިޓަރުންގެ ފުރުން މަނާ ކުރުމުގެ އަމުރު އުވާލުމަށް
4-ނޫސްވެރިންނާއި މީޑިއާތަކުގެ މައްޗަށް ޖިނާއީ ތަހުގީގުތައް ނުކުރުން
5-ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި އަނިޔާވެރިކޮށް މަރާލި ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލައިގައި 'މަރާލާފައިވާ މީހުންނާއި ގެއްލުއްވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން' އެކުލަވާލާފައިވާ ރިޕޯޓުތައް އާންމުކޮށް، ހުޅުވާލެވިގެން މިނިވަން ޕަބްލިކް އިންކުއަރީއެއް ހިންގުން
6-ނޫސްވެރިންނަށާއި އެ މީހުންގެ އާއިލާތަކަށް ދޭ އިންޒާރުތަކުގެ މައްސަލަ ސީރިއަސްކޮށް ބަލައި އެކަށީގެންވާ ފިޔަވަޅު އެޅުން އަދި ނޫސްވެރިކަން ރައްކާތެރިކަން ކަވަރުކުރަން ހަރުދަނާ ގައުމީ ނިޒާމެއް ގާއިމުކުރުން. އަދި މުޒާހަރާތައް ފަދަ ހާލަބޮލި ހާލަތްތައް ކަވަރުކުރާ ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން އެކަށީގެންވާ ރައްކާތެރިކަން ލިބޭނޭކަން ކަށަވަރުކުރަން ވަގުތުން ފިޔަވަޅު އެޅުން
7-މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް ފުރިހަމައަށް އަމަލުކޮށް، ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހާމަކުރުމުގައި ހުރި ހުރަސްތައް ނައްތާލުން8-ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ހެއްކާ ބެހޭ ގާނޫނުގައި ހުރި މާއްދާތައް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް އިސްލާހުކުރުން
9-މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ދޭ ގްރާންޓް މިނިވަންކަމާއި އިންސާފުވެރިކަމާ އަދި ދެ ފުށް ފެންނަ ގޮތެއްގައި ދެވޭނޭކަން ކަށަވަރުކުރުން. އަދި އެކަމަށްޓަކައި ނޫސްވެރިންނާއި އެޑިޓަރުންނާއި ނޫސް އިދާރާތަކާއި މަދަނީ ޖަމްއިއްޔާތައް އަދި ބައިނައަގުވާމީ ފަރާތްތަކާ އެކު މަޝްވަރާކޮށް އެފަދަ ނިޒާމެއް އެކުލަވާލުން
ރައީސް މުއިއްޒުގެ ދެކަނބަލުން ސްރީލަންކާއަށް ފުރާވަޑައިގެންފި
މެޓް ގާލާ 2026: މިފަހަރު ކަރަން ޖޯހަރް އަލަށް ބައިވެރިވަނީ
އީރާނު ހަނގުރާމަ ނިމިފައިވާކަން ކޮންގްރެސްއަށް އަންގައިފި
