މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ޓީމުތަކަށް ދޭ ފައިސާގެ އަދަދު 900 މިލިއަން ޑޮލަރާ ގާތްކުރާ މިންވަރަކަށް އިތުރުކޮށްފި ކަމަށް ފީފާއިން އިއުލާންކޮށްފި އެވެ. މި ބަދަލު ގެނެސްފައިވަނީ މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ހަރަދުތައް އިންތިހާއަށް ބޮޑުވަމުންދާތީ އެކަމުގެ ކަންބޮޑުވުންތައް ފާޅުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
މެކްސިކޯ، ކެނެޑާ އަދި އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތަށް ކަނޑައެޅި ފައިސާގެ ޖުމްލަ އަދަދު މިހާރު ވަނީ 871 މިލިއަން ޑޮލަރަށް އުފުލިފަ އެވެ. މީގެ ކުރިން މިދިޔަ ޑިސެމްބަރު މަހު ފީފާއިން އިއުލާންކޮށްފައިވަނީ 727 މިލިއަން ޑޮލަރު ބަހާ ގޮތަށެވެ. މި ނިންމުން ނިންމާފައިވަނީ ވެންކޫވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ކޮންގްރެސްގެ ކުރިން ބޭއްވި ކައުންސިލް ބައްދަލުވުމުގަ އެވެ.
މުބާރާތުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން ބައެއް ގައުމުތަކަށް މުބާރާތުން މާލީ ގޮތުން ގެއްލުންވެދާނެ ކަމުގެ ބިރު އޮތުމުން، ފީފާއިން ވަނީ ކޮންމެ ޓީމަކަށް ތައްޔާރުވުމަށް ދޭ 1.5 މިލިއަން ޑޮލަރު 2.5 މިލިއަން ޑޮލަރަށް އިތުރުކޮށްފަ އެވެ. އަދި މުބާރާތަށް ކޮލިފައިވުމުން ދޭ 9 މިލިއަން ޑޮލަރު މިހާރު ވަނީ 10 މިލިއަން ޑޮލަރަށް ބޮޑުކޮށްފައެވެ. މީގެ އިތުރުން ޓީމުތަކުގެ ވަފުދުތަކުގެ ހަރަދާއި ޓިކެޓް އެލޮކޭޝަންތަކަށް ވެސް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފަ އެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ "ފީފާގެ މާލީ ހާލަތު މިހާރު އޮތީ މީގެ ކުރިން ދުވަހަކުވެސް ރަނގަޅު ނުވާ މިންވަރަށް ވަރުގަދަކޮށް" ކަމަށެވެ. އަދި މިއީ ފީފާއަށް ލިބޭ އާމްދަނީ އަނބުރާ ފުޓްބޯޅައިގެ ކުރިއެރުވުމަށް އިންވެސްޓް ކުރާކަމުގެ ހެއްކެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. މި ފަހަރުގެ ވޯލްޑް ކަޕް ސައިކަލްގައި ފީފާއަށް 13 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.
މި އަހަރުގެ މުބާރާތުގެ އިނާމު ފައިސާއަކީ 2022 ވަނަ އަހަރުގެ މުބާރާތާ އަޅާބަލާއިރު 50 އިންސައްތަ އިތުރު އަދަދެކެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 50 މިލިއަން ޑޮލަރު ލިބޭއިރު، ދެވަނަ އަށް ދާ ޓީމަށް 33 މިލިއަން ޑޮލަރު ލިބޭނެއެވެ. އަދި ތިންވަނަ ޓީމަށް 29 މިލިއަން ޑޮލަރު އަދި ހަތަރުވަނަ ޓީމަށް 27 މިލިއަން ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މުޒާހަރާގައި ބޭނުންކުރި އެލް ސޯފާ ނީލަމުގައި ވިއްކާލަނީ
މިހާރު ހިންގާ މީޑިއާތައް 6 މަސްތެރޭ ރަޖިސްޓްރީކުރުން ލާޒިމްކޮށްފި