ފުލުހުން ރޭ އަދަދު ނޫހުގެ އޮފީހަށް ވަދެ އެ އޮފީހުގެ ހުރިހާ އިލެކްޓޯނިކް ސާމާނުތައް ގެންދިޔަ މައްސަލައާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާ ދެކޮޅަށް ބަސް ބުނުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި ސިޔާސީ މުވައްޒަފުންނަށް އަންގައިފި އެވެ.

އަދަދު ނޫހުގެ އޮފީހަށް ފުލުހުން ރޭ ވަދެފައި ވަނީ އައިޝާގެ ނަމުގައި އެ ނޫހުން ތައްޔާރުކުރި ޑޮކިއުމެންޓްރީއާ ގުޅިގެން ހެކި ހޯދުމަށް ކަމަށް ބުނެ އެވެ.

ފުލުހުން އަދަދު ނޫހަށް ވަނުމުން އެމަނިކުފާނާއި އާއިލާއއަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުން އަންނައިރު މެންބަރުން އެއްޗެއް ވިދާޅުނުވަނީ ކީއްވެގެންތޯ ރައީސް މުއިއްޒު މިއަދު ވަނީ ޕީއެންސީ މަޖިލީހުގެ މެންބަރުން ތިއްބަވާ ގްރޫޕެއްގައި ސުވާލުކުރައްވާފަ އެވެ.

އެކަމާ ގުޅިގެން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވަނީ ޓީމެއްގެ ގޮތުގައި އެކަމާ ދެކޮޅަށް ނުކުންނަން މަސައްކަތްކުރަމުން އަންނަ ކަމަށް ރައީސް މުއިއްޒަށް ދަންނަވާފަ އެވެ.

މިނިސްޓަރުންނާއި ސިޔާސީ މަގާމްތަކުގައި ތިބި އެންމެންނާއި ކުންފުނިތަކުގެ އިސްވެރިންނަށް އެންގި އެންގުމާއެކު ރައީސް މުއިއްޒުގެ ދިފާއުގައި އަންނަނީ ބަސް ބުނަމުންނެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން 'އަދަދު' ނޫހުގެ އޮފީހަށް ވަދެފައިވަނީ އެ ޑޮކިއުމަންޓްރީގައި ހިމެނޭ ވާހަކަތައް ދޮގުކުރައްވައި އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް ރައީސް މުއިއްޒު ގޮވާލައްވާފައި ވަނިކޮށެވެ.

އަދަދު ނޫހުން އެ ޑޮކިޔުމެންޓްރީ ގެނެސްދިނީ ބައެއް ހެކިތަކާއެކު އެވެ.