އީރާނުގެ ހަނގުރާމަ ހުއްޓުވުމަށް މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނަށް އެމެރިކާގެ ދެ މަންދޫބުން ކުރަން އޮތް ދަތުރު، ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ކެންސަލް ކުރައްވައިފި އެވެ. މިއީ އީރާނުގެ ހާރިޖީ ވަޒީރު ޕާކިސްތާނުގެ އޮފިޝަލުންނާ ބައްދަލުކުރެއްވުމަށްފަހު އެނބުރި ވަޑައިގަތުމާ ގުޅިގެން، ސުލްހައިގެ އުންމީދުތަކަށް ލިބުނު އިތުރު ހީނަރުކަމެކެވެ.
ސުލްހައިގެ މަޝްވަރާތައް ހޮނިހިރު ދުވަހު ނާކާމިޔާބުވެފައި ވަނިކޮށް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ލުބުނާނުގައި ހުރި ހިޒްބުاللهގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް އަމުރުކޮށްފަ އެވެ.
ފްލޮރިޑާގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އަދި ޖެރެޑް ކުޝްނާގެ ދަތުރު ކެންސަލް ކުރަން ނިންމެވީ، އެ ދަތުރަށް ބޮޑު ހޭދައެއް ހިނގާފައި ގިނަ ވަގުތުތަކެއް ހޭދަވާތީ އާއި، އީރާނުން އެންމެ ފަހުން ހުށަހެޅި ސުލްހައިގެ ހުށަހެޅުން އެކަށީގެން ނުވާތީ ކަމަށެވެ. ވޮޝިންޓަނަށް އެނބުރި ވަޑައިގަތުމުގެ ކުރިން ޓްރަމްޕް ވިދާޅުވީ، ދަތުރު ކެންސަލް ކުރުމާ ގުޅިގެން އީރާނުން އެމީހުންގެ ހުށަހެޅުން ކޮންމެވެސް ވަރަކަށް ރަނގަޅު ކުރި ނަމަވެސް، އެއީ އަދި ފުދޭވަރެއް ނޫން ކަމަށެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނުގެ ވެރިކަމުގެ ތެރޭގައި ބޮޑެތި ފިތުނަވެރިކަމާއި އޮޅުންބޮޅުންތަކެއް ހުރި ކަމަށެވެ.
އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ޕާކިސްތާނަށް ވަޑައިގެންނެވިނަމަވެސް އެމެރިކާގެ މަންދޫބުންނާ ބައްދަލު ނުކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
އައްބާސް އަރަގްޗީ ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އެހެނިހެން އިސް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށްފަހު، މިހާރު އިސްލާމްއާބާދުން ފުރާވަޑައިގެންފަ އެވެ. އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން، ޝަރީފަށް ފޯނުން ގުޅުއްވައި ވިދާޅުވީ، ބިރުދެއްކުމާއި އެހެން ގައުމުތަކުން މަޖުބޫރުކޮށްގެން ކުރާ އެއްވެސް މަޝްވަރާއެއްގައި އީރާނުން ބައިވެރިނުވާނެ ކަމަށެވެ.
ޕެޒެޝްކިއާން އިތުރަށް ވިދާޅުވީ، މައްސަލަތައް ހައްލުކުރުމަށް މަގުފަހިކުރުމުގެ ގޮތުން އެމެރިކާއިން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ހުރަސްތައް ހިމެނޭހެން، ކުރިމަތިކޮށްފައިވާ އޮޕަރޭޝަނަލް ހުރަސްތައް ނައްތާލުން ކަމަށެވެ.
އީރާނާއި އެމެރިކާގެ ގުޅުން މަރުތަޅަކަށް
ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހޮރްމޫޒް ކަނޑުއޮޅި އީރާނުން ބަންދުކޮށްފައިވާއިރު، އެމެރިކާއިން އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރުމަށް ހުރަސްއަޅަމުންދާތީ، ދެ ގައުމުގެ މަޝްރަހު މިވަނީ ވަރަށްބޮޑަށް ގޯސްވެފަ އެވެ.
މިދިޔަ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ވައިގެ ހަމަލާތަކާއެކު ފެށުނު މި ހަނގުރާމައިގެ ސަބަބުން، ހަކަތައިގެ އަގުތައް އިންތިހާއަށް އުފުލި، ދުނިޔޭގެ އިގްތިސާދަށް ވަނީ ނޭދެވޭ އަސަރުތަކެއް ކުރަން ފަށާފަ އެވެ. އީރާނުން ވެސް ވަނީ މީގެ ބަދަލުގައި އިޒްރޭލަށާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަދި ގަލްފުގެ ބައެއް ގައުމުތަކަށް ހަމަލާދީފަ އެވެ.
އަރާގްޗީގެ ރަސްމީ ޓެލެގްރާމް އެކައުންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހަނގުރާމަ ހުއްޓާލުމާއި އީރާނާ ދެކޮޅަށް ފަށާފައިވާ މި ހަނގުރާމަ މުޅިން ނިމުމަކަށް ގެނައުމާ ގުޅޭގޮތުން އީރާނުން ގެންގުޅޭ މައިގަނޑު އުސޫލުތައް އޭނާ ހުށަހަޅުއްވާފައިވާ ކަމަށެވެ. މަޝްވަރާތަކުގައި އެމެރިކާގެ ވިސްނުން ހުރި ގޮތާ މެދު އީރާނުން ދެކޭ ގޮތާ ބެހޭގޮތުން ސުވާލު ކުރުމުން، އިސްލާމްއާބާދުގައި ހުރި އީރާނުގެ ޑިޕްލޮމެޓިކް މަސްދަރަކުން ރޮއިޓާސްއަށް ބުނީ، އީރާނުން އެއްވެސް ހާލެއްގައި އެމެރިކާގެ ދައުވާތަކަށް އިޖާބަ ނުދޭނެ ކަމަށެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް ވިދާޅުވެފައިވަނީ، ފާއިތުވި ދުވަސްތަކުގައި އީރާނުގެ ފަރާތުން ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ފެނިފައިވާ ކަމަށާއި، ހަފުތާ ބަންދުގައި އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ނައިބު ރައީސް ޖޭޑީ ވެންސް ވެސް ޕާކިސްތާނަށް ވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް އޭނާ ވިދާޅުވި އެވެ. ވެންސް ވަނީ މި މަހުގެ ކުރީކޮޅު އިސްލާމްއާބާދުގައި އީރާނާއެކު ކުރިއަށްދިޔަ ފުރަތަމަ ބުރުގެ މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގެންފަ އެވެ. އެހެންނަމަވެސް އެ ފަހަރުގެ މަޝްވަރާތައް ވެސް ނިމުނީ ނާކާމިޔާބީއާ އެކުގަ އެވެ.
ޒުވާންކޮށް ހުރުމަށް މާފަސޭހަ ގޮތެއް!
އިޓަލީ ވޯލްޑް ކަޕަށް ގެންނަން އުޅޭތީ ފާޑުކިޔުން
ވޯލްޑް ކަޕްގައި އީރާނަށް ކުޅެވޭނެ، އެއްވެސް ހުރަހެއް ނެތް: ރޫބިއޯ