ބޮލީވުޑްގެ މަޝްހޫރު ތަރި އާލިއާ ބަޓް މިހާރުވެސް އަންނަނީ އޭނާގެ ތިން އަހަރުގެ ދަރިފުޅު ރާހާ ކަޕޫރުގެ މުސްތަގުބަލާ މެދު ފޮނި ހުވަފެންތަކެއް ދެކެމުންނެވެ. ފާހަގަކޮށްލެވޭ ކަމަކީ، އާލިއާގެ މި އުންމީދުތައް ބޮލީވުޑާ މުޅިން ދުރުވުމެވެ. ފެމިނާ މެގަޒިންއަށް ދިން އިންޓަވިއުއެއްގައި އާލިއާ ބުނީ، ރާހާ ކޮންމެވެސް ދުވަހަކުން ކުޅިވަރުގެ ދާއިރާއިން ކުރިއަށްދާތަން ދެކެން އޭނާ ވަރަށް ބޭނުންވާ ކަމަށެވެ.

އޭނާގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނައި އަންހެނުންނާ ބެހޭގޮތުން ވާހަކަ ދައްކަމުން އާލިއާ ބުނީ، އޭނާގެ މަންމައަކީ އެންމެ ނުފޫޒުގަދަ، އެންމެ ވަރުގަދަ އެހީތެރިޔާ ކަމަށެވެ. އާލިއާ އާއި އޭނާގެ ދައްތަ ބަލާބޮޑުކުރުމުގައި މަންމަ ކުރި ބުރަ މަސައްކަތާއި، އެ ހުރިހާ ކަމެއްގެ ތެރެއިންވެސް އެކްޓްކުރުމަށް މަންމަގެ ހިތުގައި އޮތް ޝައުގުވެރިކަން ދެމެހެއްޓި ގޮތް އޭނާ ފާހަގަކުރި އެވެ.

މީގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަމާއި މާޔޫސްކަމާ ގުޅޭގޮތުން އޭނާގެ ދައްތަ ފާޅުކަން ބޮޑުގޮތެއްގައި ދައްކާ ވާހަކަތަކަކީވެސް އާލިއާއަށް ލިބޭ ބޮޑު ހިތްވަރެކެވެ. އަދި އޭނާގެ މަސައްކަތުގެ ޓީމުގައި ހިމެނޭ އަންހެނުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި، ތަފާތު ހިޔާލުތަކާއި، ދިރިއުޅުމަށް ގެނެސްދޭ އާ ހަކަތައަކީ އޭނާގެ ކުރިއެރުމުގެ މުހިންމު ބައެއްކަމަށް އާލިއާ ބުންޏެވެ.

ރާހާގެ މުސްތަގުބަލާ މެދު ތަފާތު ގޮތަކަށް ވިސްނާ ސަބަބާ ގުޅޭގޮތުން އާލިއާ ބުނީ، ގުޅިގެން މަސައްކަތް ކުރުމާއި އޭގެއިން ލިބޭ އުފަލަށް އޭނާ ވަރަށް ބޮޑަށް ލޯބިކުރާ ކަމަށެވެ. "އަހަރެންނަކީ އެތުލީޓެއް ނަމަ، ޔަގީނުންވެސް ކުޅޭނީ ޓީމެއްގެ ގޮތުގައި ކުޅޭ ކުޅިވަރެއް. ބައެއް ފަހަރު އަހަރެން އެކަމާ ވިސްނަން. އަހަރެން އެދެނީ ދަރިފުޅަކީ އެތުލީޓަކަށް ވުން،" އާލިއާ ބުންޏެވެ.

އާލިއާ ސިފަކުރި ގޮތުގައި ރާހާއަކީ ވަރަށް ހަކަތަ ހުރި، އަދި ކަންކަމުގައި ވާދަވެރިކަން ބޮޑު ކުއްޖެކެވެ. ރާހާގެ އުމުރުން އަދި ކިތަންމެ ހަގު ނަމަވެސް، އޭނާގެ ހަރަކާތްތަކުން އެކަން ވަރަށް ބޮޑަށް ފާހަގަވާ ކަމަށް އާލިއާ ބުންޏެވެ.

މަންމައަކަށް ވުމަށްފަހު މަސައްކަތާ މެދު އޭނާ ދެކޭގޮތް ބަދަލުވެފައިވާ ކަމަށާއި، ކާމިޔާބީ ހޯދުމާއި ދަރިން ބެލުމަކީ އެކުއެކީގައި ކުރެވިދާނެ ކަންކަން ކަމަށް އާލިއާ ގަބޫލުކުރެ އެވެ. މިހާރު އޭނާ އިސްކަންދެނީ ގިނަ މަސައްކަތްތަކެއް ކުރުމުގެ ބަދަލުގައި، ފެންވަރު ރަނގަޅު މޮޅު މަސައްކަތްތަކެއް ކުރުމަށެވެ. އާލިއާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" އާއި ސްޕައި ތުރިލާ ފިލްމު "އަލްފާ" ހިމެނެ އެވެ.