ސިޔާސީ ޕާޓީތަކާއެކު ސަރުކާރުން މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަކީ ރައްޔިތުން ހަވާލުކުރި މެންޑޭޓުން ބޭރު ކަމެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ނޫސްވެރިއަކު އެމަނިކުފާނާ ކުރި ސުވާލަކީ ގާނޫނުއަސާސީއަށް ގެންނަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ހުށަހެޅުއްވި ކަންތައްތަކާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާއަށް ވަޑައިގަތުމަށް ރައީސް މުއިއްޒަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައިވާތީ އެވެ.

ނޫސްވެރިޔާކުރި ސުވާލަކީ ނަޝީދު އެދިވަޑައިގަތްގޮތަށް ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާނަންތޯ އެވެ. ނަޝީދުގެ އިތުރުން ފައްޔާޒު ވެސް ވަނީ އެފަދަ މަޝްވަރާ ބައްދަލުވުމަކަށް ވަޑައިގަތުމަށް ރައީސް މުއިއްޒަށް ގޮވާލައްވާފަ އެވެ.

އެކަމާ ގުޅޭގޮތުން ރައީސް މުއިއްޒު ވިދާޅުވީ އެފަދަ މަޝްވަރާ ބައްދަލުވުމަކަށް ވަޑައިގަތުމަކީ ރައްޔިތުން އެމަނިކުފާނާ ހަވާލުކުރެއްވި މެންޑޭޓުން ބޭރު ކަމެއް ކަމަށެވެ. އެހެންވެ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ނުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.