ވިކްޓޯރިއާ ބެކަމް އާއި އޭނާގެ ފިރިމީހާ ޑޭވިޑް ބެކަމްއަކީ އަބަދުވެސް އެންމެ ރަނގަޅު މައިންބަފައިންނަށް ވުމަށް މަސައްކަތްކުރާ ބައެއް ކަމަށް ވިކްޓޯރިއާ ބުނެފި އެވެ. މިއީ އެ ދެމަފިރިންގެ ދޮށީ ދަރިފުޅު ބްރުކްލިން އާއި އާއިލާއާ ދެމެދު ޖެހިފައިވާ މައްސަލަތަކާ ގުޅޭގޮތުން ވިކްޓޯރިއާ އާންމުކޮށް ވާހަކަދެއްކި ފުރަތަމަ ފަހަރެވެ.
މިދިޔަ ޖެނުއަރީ މަހު ބްރުކްލިން ޕެލްޓްޒް ބެކަމް އިންސްޓަގްރާމްގައި ޝާއިއުކުރި ދިގު ބަޔާނެއްގައި، އޭނާގެ މައިންބަފައިން އޭނާއާއި އޭނާގެ އަންހެނުން ނިކޮލާއާ ދެމެދު އޮތް ގުޅުން ހަލާކުކޮށްލަން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި އާއިލީ ލޯތްބަކީ "ބްރޭންޑް ބެކަމް" އިޝްތިހާރު ކުރުމުގެ މައްޗަށް ބިނާވެފައިވާ އެއްޗެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
"އަހަރެމެން އަބަދުވެސް އަހަރެމެންގެ ދަރިންދެކެ އިންތިހާއަށް ލޯބިވޭ. އަހަރެމެން އަބަދުވެސް މަސައްކަތް ކުރަނީ އެންމެ ރަނގަޅު މައިންބަފައިންނަށް ވުމަށް. އަހަރެމެން އާންމުންގެ ތެރޭގައި އުޅޭތާ މިހާރު 30 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ. އަދި އަހަރެމެން އަބަދުވެސް މަސައްކަތް ކުރަނީ ދަރިން ރައްކާތެރިކޮށް، އެކުދިންދެކެ ލޯބިވުމަށް،" ވޯލް ސްޓްރީޓް ޖާނަލްއަށް ދިން އިންޓަވިއުއެއްގައި ވިކްޓޯރިއާ ބެކަމް ބުނެފައިވެއެވެ.
ވޭތުވެދިޔަ މަހު ސޯޝަލް މީޑިއާގައި ވިކްޓޯރިއާ ބްރުކްލިންއަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވި ނަމަވެސް، މިއީ އާއިލީ މައްސަލައާ ގުޅޭގޮތުން އޭނާ ސީދާ ގޮތެއްގައި ވާހަކަދެއްކި ފުރަތަމަ ފަހަރެވެ.
ހަ ސަފުހާގެ މައްޗަށް އެކުލެވޭ ބްރުކްލިންގެ ބަޔާނުގައި، އޭނާގެ މައިންބަފައިންނާ އޮތް ގުޅުން ކެނޑިފައިވާކަން ހާމަކޮށްފައިވެއެވެ. އޭނާ ބުނި ގޮތުގައި މައިންބަފައިން ތަކުރާރުކޮށް މީޑިއާތަކަށް މައުލޫމާތު ދެމުންދާތީ، އެކަމަށް ރައްދު ދޭން އޭނާއަށް މަޖުބޫރުވީ އެވެ.
ބްރުކްލިންގެ ތުހުމަތުތަކުގެ ތެރޭގައި، ކައިވެނީގެ އެންމެ ފަހު ވަގުތު ނިކޮލާގެ ކައިވެނި ހެދުން ފެހުން އޭނާގެ މަންމަ ހުއްޓާލި ކަމަށް ބުނެފައިވެއެވެ. އަދި އާއިލާގެ އެންމެ މުހިންމު އަސާސަކީ އާންމުންގެ ތެރޭގައި މަޝްހޫރުވުމާއި އިޝްތިހާރު ކުރުން ކަމަށާއި، އާއިލީ ލޯބި ބިނާވަނީ ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓްތަކުގެ މައްޗަށް ކަމަށްވެސް އޭނާ ބުންޏެވެ.
ނަމަވެސް، ކައިވެނީގެ ހަފުލާގައި ހިނގި ކަންތައްތަކާ މެދު ބައެއް މީހުންގެ މެދުގައި ހިޔާލު ތަފާތެވެ. ޑީޖޭ ފެޓް ޓޯނީ، ބްރުކްލިންގެ ވާހަކަތަކަށް ތާއީދުކުރި ނަމަވެސް، މަޝްހޫރު ލަވަކިޔުންތެރިޔާ މާކް އެންތަނީ ބުނީ ބްރުކްލިން އެކަންކަން ސިފަކޮށްދީފައިވަނީ ހަގީގަތާ އެއްގޮތަށް ނޫން ކަމަށެވެ.
މިކަމާ ގުޅޭގޮތުން ޑޭވިޑް ބެކަމް ސީދާ އެއްޗެއް ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް، ބްރުކްލިންގެ ބަޔާނަށްފަހު ދާވޯސްގައި ބޭއްވި ޕެނަލްއެއްގައި ސޯޝަލް މީޑިއާއާ ގުޅޭގޮތުން ވާހަކަދައްކަމުން އޭނާ ބުނީ، ކުދިންނަށް ކުށްތައް ކުރެވުމުގެ ފުރުސަތު އޮންނަންވާނެ ކަމަށެވެ.
ދިރާގުޕޭއިން ރިލޯޑްކޮށްގެން ހިލޭ ކްރެޑިޓް!
"ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް" އުފައްދަވައިފި
މާލެއިން ޓެކްސީއެއް ހޯދުން: ކުޑަ ވަރެއްގެ ހަނގުރާމައެއް!