ގއ. ކޫއްޑޫ ކައިރީގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދިނުމުގެ ސަބަބުން ލިބުނު ޒަހަމްތަކާ ގުޅިގެން އޭނާގެ އެއް ފައި ބުރިކޮށްލަން ޖެހިއްޖެ އެވެ.

ފުލުހުން ރޭ ބުނީ އެކަމުގެ ރިޕޯޓު ލިބުނީ މިމަހުގެ 11 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށެވެ.

މި ހާދިސާގައި އަނިޔާވެފައި ވަނީ ސްޕެއިންގެ ފިރިހެން ފަތުރުވެރިއަކަށެވެ. އޭނާއަށް ފުރަތަމަ ގއ. އަތޮޅު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފަ އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި މިޔަރު ބަލަން އެ މީހުން ފޭބީ މިފްކޯ މަސް ފެކްޓްރީއާ ދިމާލު ބޭރަށެވެ. އަދި އެތަނަށް އެ މީހުން ފޭބިއިރު މިޔަރަށް ކާން ނުދޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ވެ އެވެ. އެހެންވެ އެ ޓޫރިސްޓު މީހާ ފޭބުމުން މިޔަރު ހަމަލާދިނީ ކަމަށް ވެ އެވެ.

https://www.instagram.com/p/DV25247ExRv/?img_index=2

މި ހަމަލާގައި ފަތުރުވެރިޔާގެ ދެ ފަޔަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާއިރު، އެ މީހާގެ އެއް ފައި، ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ވަނީ ބުރިކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ. އަދި ފުރިހަމަކުރަންޖެހޭ އިޖުރާއީ ކަންކަމާއި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.