މާލޭގެ މަގެއްގެ މަތީގައި އަނގައިން ލޭ އައިސް، ހަބަރު ހުސްވެފައި އޮއްވާ ފެނުނު މީހާ މަރުވެއްޖެ އެވެ.

ފުލުހުން ރޭ ބުނީ އޭނާގެ މަރުގައި އެހެން މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށެވެ.

ހޯމަ ދުވަހުގެ ރޭ ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި، އަނގައިން ލޭ އައިސް ޚަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މަގުމަތިން ފެނުނު މި މީހާއަކީ އިންޑިއާގެ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އޭނާ ފެނުނުއިރު އޮތް ހާލަތުގެ ސަބަބުން ވަގުތުން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވީ ނަމަވެސް، އޭނާގެ ސިއްހީ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް ހޮސްޕިޓަލުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން ރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ރޭގެ ވަގުތެއްގައި މަރުވެފައިވާ ކަމަށެވެ.