ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް ބާރުއެޅުމުގެ ގޮތުން އދ ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު، އެ މަޖިލީހުން އަންގާރަ ދުވަހު ބޭރުކޮށްލައިފި އެވެ.
ޖަލްފުގެ ގައުމުތަކުން ބޭނުންވި ބާރުގެ ބޭނުންކުރުމުގެ ހުއްދަ ލިބޭ މާއްދާތައް ހަނިކޮށް، އެކުލަވައިލި މި ގަރާރު ފާސްވާގޮތް ވަނީ ނުވެފަ އެވެ.
މި ވޯޓު ނަގާފައިވަނީ، އީރާނުން އެ ކަނޑުއޮޅި ނުހުޅުވައިފިނަމަ އެ ގައުމުގެ މަދަނީ އުމްރާނީ ވަސީލަތްތަކަށް ހަމަލާދޭނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި މުހުލަތު ހަމަވާން މަދު ގަޑިއިރުތަކަކަށް ވެފައި ވަނިކޮށެވެ. އަންގާރަ ދުވަހުގެ ހެނދުނު ޓްރަމްޕް ވަނީ، އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީރާނުގެ "މުޅި އާބާދީ" ފުނޑުފުނޑުކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.
ސަލާމަތީ މަޖިލީހަށް ހުށަހެޅި މި ގަރާރު ބޭރުކޮށްލާފައިވަނީ ޗައިނާ އާއި ރަޝިއާއިން ވީޓޯ ކުރުމާ ގުޅިގެންނެވެ. ގަރާރަށް ތާއީދުކޮށް 11 ގައުމަކުން ވޯޓު ދިންއިރު، ކޮލަމްބިއާ އާއި ޕާކިސްތާނުން ވަނީ ވޯޓުގައި ބައިވެރިނުވެ ވަކިފަރާތަކަށް ނުޖެހި ތިބެފަ އެވެ.
މި ގަރާރުގައި ބަޔާންކޮށްފައިވަނީ، ހޮރްމޫޒް ކަނޑުއޮޅީގައި ދަތުރުފަތުރުކުރުމުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، ހާލަތާ ބައްދަލުވާ ފަދަ ދިފާއީ މަސައްކަތްތަކެއް ވިލަރެސްކުރުމަށް މެންބަރު ގައުމުތަކަށް ބާރުއަޅާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އުޅަނދުފަހަރަށް ކުރިމަތިވާ ހަމަލާތަކާއި ކުރިމަތިލުންތަކުން ދިފާއުވުމުގެ ހައްގު މެންބަރު ގައުމުތަކަށް ލިބިގެންވާކަން މި ގަރާރުގައި އަލުން ކަށަވަރުކޮށްދީފައިވެ އެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން ހަނގުރާމަ ފެށި ފަހުން އީރާނުން ވަނީ އެ ކަނޑުއޮޅި ބަންދުކޮށްފަ އެވެ. މީގެ ސަބަބުން ދުނިޔޭގެ މާލީ ބާޒާރުތަކަށް ލޮޅުން އަރައި، ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ.
ދުނިޔޭގައި ބޭނުންކުރާ ތެލުގެ ފަސްބައިކުޅަ އެއްބައި އާންމުކޮށް އުފުލާ މި ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ މިހާރު ދެނީ ޗައިނާ، ރަޝިއާ، އިންޑިއާ، ޕާކިސްތާނު އަދި އީރާނާ ގާތް ގުޅުން އޮންނަ އެހެނިހެން ގައުމުތަކުގެ މަދު އުޅަނދުތަކަކަށެވެ. މުހިންމު މި ކަނޑުއޮޅި ހިމާޔަތްކުރުމަށް އެމެރިކާގެ ބައިވެރި ގައުމުތަކުން މަނަވަރުތައް ނުފޮނުވާތީ ޓްރަމްޕް ވަނީ އެ ގައުމުތަކަށް ފާޑުވިދާޅުވެފަ އެވެ. އަދި ހަނގުރާމަ ނިމުމުން އެ ސަރަހައްދު އަމިއްލައަށް ހުޅުވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިއަދު ހުށަހެޅި މި ގަރާރު އެކުލަވައިލީ ސަލާމަތީ މަޖިލީހުގެ ރިޔާސަތު މިވަގުތު ބަލަހައްޓާ ބަހްރޭނުން، ޖީ.ސީ.ސީ ގެ މެންބަރު ގައުމުތަކާއި އުރުދުންއާ ގުޅިގެންނެވެ.
ގަރާރުގެ އަސްލު ދެލިކޮޕީގައި، ކަނޑުއޮޅި ހުޅުވުމަށްޓަކައި ބޭނުންވާ ހުރިހާ ވަސީލަތެއް ބޭނުންކުރުމުގެ ހުއްދަ ދިނުމަށާއި، ދަތިކުރުމުގެ ފިޔަވަޅު އެޅުމާއި ބާރުގެ ބޭނުންކުރުމުގެ ބާރު ލިބިދޭ އދ. ގެ ޗާޓަރުގެ ހަތްވަނަ ބާބަށް ރިއާޔަތްކޮށްފައިވެ އެވެ. ނަމަވެސް، ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ފަރަންސޭސިވިލާތް، ޗައިނާ އަދި ރަޝިއާ ފަދަ ގައުމުތަކުން ގަރާރުގެ ފުޅާދާއިރާއާމެދު ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން، ގަރާރުގެ ބާރު ވަނީ ވަރަށް ބޮޑަށް ދަށްކޮށްފަ އެވެ.
މީގެ އިތުރުން، އީރާނުން ގަލްފުގެ ގައުމުތަކަށް ދެމުންދާ ނުރައްކާތެރި ހަމަލާތައް ކުށްވެރިކޮށް ބަހްރޭނުން އިސްނަގައިގެން މިދިޔަ މަހު ހުށަހެޅި ވަކި ގަރާރެއް ވަނީ 13-0 ވޯޓުން ސަލާމަތީ މަޖިލީހުން ފާސްކޮށްފަ އެވެ. އެ ވޯޓުގައި އީރާނާ ގާތް ގުޅުމެއް ބާއްވާ މޮސްކޯ އާއި ބެއިޖިންއިން ބައިވެރިވެފައެއް ނުވެއެވެ.
މެނިފެސްޓޯ ތަންފީޒުކުރަން ފުރުސަތު ނުދީފި ނަމަ ގޯސްވާނެ: އާޒިމް
އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީކަމުން ޝާހިދު ވަކިކޮށްފި
އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ މުޅި އީރާން މިރޭ ނެތިކޮށްލާނަން