މާލޭ ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށް ތައްޔާރުކުރި މާލޭ ޓެކްސީ އެޕް ހެދުމުގައި ކޮރަޕްޝަން އޮތްކަމަށް ބުނާ މައްސަލަ ބެލުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފެށި މާލޭ ޓެކްސީ ހިދުމަތުގައި އެޕް މެދުވެރިކޮށް ޓެކްސީއަށް އެދެވޭ ގޮތް ހަމަޖެއްސި ނަމަވެސް، ގިނަ މައްސަލަތަކެއް ފެންމަތިވެ އެޕް ބޭނުންކުރުން ވަނީ މެދުކަނޑާލާފަ އެވެ. އެއާ އެކު މިހާރު ޓެކްސީގެ ހިދުމަތް ލިބެނީ 1655 ހޮޓްލައިނަށް ގުޅައިގެންނެވެ.

ސޯޝަލް މީޑިއާގައި ފެތުރިފައިވާ ތުހުމަތުތަކުގައި ބުނާ ގޮތުން، އެ އެޕް ހެދުން ހަވާލުކުރި ފިކްސްޑް މޯލްޑިވްސްއަކީ މިފަދަ މަސައްކަތުގެ ތަޖުރިބާ ނެތް ކުންފުންޏެކެވެ. އަދި މި މުއާމަލާތުގައި 13 މިލިއަނެއްހާ ރުފިޔާގެ ކޮރަޕްޝަން ހިންގާފައިވާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

ކުޑޫ މަޖިލީހަށް ހުށަހެޅުއްވި ސިޓީގައި ގިނަ ސުވާލުތަކެއް ހިމެނެ އެވެ. އެގޮތުން ބީލަމުގައި ބައިވެރިވާން ދައުވަތު ދިނީ ހަމައެކަނި ވަކި ފަރާތްތަކަކަށް ކަމަށް ފާހަގަވާތީ، އެގޮތަށް އެކަން ކުރި ސަބަބު ހާމަކޮށްދިނުމަށާއި އެ ކުންފުނިތައް ހޮވި މިންގަނޑުތައް ސާފުކޮށްދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ. މީގެ އިތުރުން ޓެންޑާ އިވެލުއޭޝަން ކޮމިޓީ އެކުލަވާލާފައި ވަނީ އެމްޓީސީސީގެ ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތަށްތޯ ސާފުކޮށްދިނުމަށާއި، މަސައްކަތް ހަވާލުކުރި ކުންފުންޏަށް އެފަދަ ތަޖުރިބާ ލިބިފައިވާ ކަމުގެ ހެކި ހުށަހެޅުމަށާއި، އެމްޓީސީސީގެ އައިޓީ ޑިޕާޓްމަންޓުން މީގައި ބައިވެރިވީ ކިހާ މިންވަރަކަށްތޯ ވެސް ވަނީ އައްސަވައިފަ އެވެ.

ކުޑޫގެ ސިޓީގައި އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި، ސަރުކާރު ކުންފުންޏެއް ކަމަށްވާ އެމްޓީސީސީން މިފަދަ މަސައްކަތަކަށް އެތައް މިލިއަން ރުފިޔާއެއް ހޭދަކުރުމަކީ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެކެވެ.