ނިމިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކުން އިދިކޮޅު އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބީއާއެކު، އެ ޕާޓީގެ އަމާޒަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، މި ސަރުކާރުގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރުން ކަމަށް އެމްޑީޕީގެ މޭޔަރުން ވިދާޅުވެއްޖެ އެވެ.
މި ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި 'ހޭވައްލާ ތައްޔާރު' ޖަލްސާގައި މޭޔަރުން ވަނީ ސަރުކާރަށް ވަރުގަދަ ރައްދެއް ދެއްވާފަ އެވެ.
ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކުން ވެރިކަން ކުރާ ޕީއެންސީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިފަ އެވެ. ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި މާލެ، އައްޑޫ، ފުވައްމުލައް، ކުޅުދުއްފުށި އަދި ތިނަދޫ ސިޓީގެ މޭޔަރުކަން ވެސް ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. މީގެ އިތުރުން މައި ދެ އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ވެސް ގިނަ ރައްޔިތުން ވަނީ އެމްޑީޕީން ވަކާލާތު ކުރި ގޮތަށް އެކަމާ ދެކޮޅަށް ވޯޓު ދީފަ އެވެ.
2028 ކާމިޔާބު ކުރާނީ ބުރަ މަސައްކަތުން:
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ 17 މެންބަރުންގެ ތެރެއިން 15 މެންބަރުންނާއެކު ދެން ކައުންސިލަށް ވަންނަނީ 'ރަން ރީނދޫ ލަޝްކަރު' ގޮވައިގެން ކަމަށެވެ. އަދި އެމްޑީޕީއަކީ ފައިސާއާއި ނުފޫޒުން ކަންކަން ކުރާ ބައެއް ނޫން ކަމަށާއި، އެއީ ބުރަ މަސައްކަތުން ކާމިޔާބީ ހޯދާ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނިންމާލާނީ 2028 ކާމިޔާބުކޮށްގެން!" އާޒިމް ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ މާލެއަށް ކަނޑައަޅާފައިވާ މެނިފެސްޓޯ ތަންފީޒުކުރަން ސަރުކާރުން ހުރަސް އަޅައިގެން ނުވާނެ ކަމަށާއި، އެއްބާރުލުން ނުލިބޭ ނަމަ މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަން ވެސް ފަސްނުޖެހޭނެ ކަމަށެވެ.
ސަރުކާރުގެ އިހުމާލަށް ރައްޔިތުން ދިން މެސެޖެއް:
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، މި އިންތިޚާބުގެ ނަތީޖާއަކީ ގައުމުގެ ކަންކަން ގޯސްކޮށްދާ ދިއުން ހުއްޓުވަން ރައްޔިތުން ދިން މެސެޖެއް ކަމަށެވެ. އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައާއި ނަޖިސް ބޭރުވުމުގެ މައްސަލަ ދެ އަހަރާއި ބައި ވީއިރު ވެސް ހައްލުނުވުމަކީ ސަރުކާރުގެ ސީދާ އިހުމާލެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
މި ޖަލްސާގައި ވާހަކަދެއްކެވި ހުރިހާ މޭޔަރުން ވެސް ވަނީ އެއް އަޑަކުން 2028 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރުމަށް 'ހޭވައްލާ ތައްޔާރު' ކަމަށް ވިދާޅުވެ، ސަރުކާރަށް ގޮންޖައްސަވާފަ އެވެ.
ކޯހެއްގެ ގޮތުގައި ބިޔޯންސޭގެ ކެރިއަރު ކިޔަަވައިދެނީ!
ޕީޖީ މުވައްޒަފުން އަންގާރައިގައި ގޭގައި މަސައްކަތް ކުރަނީ
މެނިފެސްޓޯ ތަންފީޒުކުރަން ފުރުސަތު ނުދީފި ނަމަ ގޯސްވާނެ: އާޒިމް