ރާއްޖޭން ލިބެން ހުރި ބޭސްތަކުގެ މައުލޫމާތު އޮންލައިންކޮށް ބެލޭނެ ޑިޖިޓަލް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވެއްޖެ އެވެ.
ޝާހު ވިދާޅުވީ، ބޭހަށް ބޮޑު ހޭދައެއް ކުރާއިރު ބޭސް ނުލިބުމުގެ މައްސަލައަށް ދާއިމީ ހައްލެއް ބޭނުންވާ ކަމަށެވެ. އަދި އަލަށް ތައާރަފުކުރާ ސިސްޓަމްގެ އެހީގައި ރާއްޖޭގައި ހުރީ ކޮން ބޭހެއްތޯ އާއި، ކޮން މިންވަރަކަށްތޯ އަދި އެ ބޭސް ހުރީ ކޮން ފާމަސީއެއްގައިތޯ ފަސޭހައިން ބަލައިލެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ޝާހު ފާހަގަކުރެއްވި ގޮތުގައި މިހާރު ބޭނުންކުރާ ނިޒާމުގެ ތެރެއިން ރާއްޖޭގައި ލިބެން ހުރި ބޭސްތަކުގެ މައުލޫމާތު ޑޮކްޓަރުންނަށް ވެސް ސާފުކޮށް ފެންނާކަށް ނުހުރެ އެވެ. ނަމަވެސް އައު ސިސްޓަމާއެކު މި މައްސަލައަށް ހައްލެއް ލިބި، ބޭސް ހޯދުމުގައި އާންމުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ސިސްޓަމް އައީމަ އަޅުގަނޑުމެނަށް އިނގޭނެ ރާއްޖޭގައި ހުރީ ކޮން ބޭހެއްތޯ. ކޮން ކުއަންޓިޓީއެއްގައިތޯ ހުރީ. ކޮން ފާމަސީއެއްގައިތޯ ހުރީ" ޝާހު ވިދާޅުވިއެވެ.
ބޭހުގެ ކަންކަމަށް ހާއްސަކޮށްގެން ސަރުކާރުން "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން" އުފެއްދީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. އެ ކުންފުނިން ބޭސް އެތެރެކުރަން ފަށާފައިވަނީ މިދިޔަ މަހުގައެވެ. ބޭސް ހޯދުން ފަސޭހަކުރުމަށްޓަކައި އެ ކުންފުނިން މިހާރު ވެސް ވަނީ ޕޯޓަލަކާއި ހޮޓްލައިނެއް ތައާރަފުކޮށްފަ އެވެ.
މިހާރު ރާއްޖެއަށް ބޭހާއި މެޑިކަލް އިކުއިޕްމަންޓް އެތެރެކޮށް ވިއްކުމުގެ މަސައްކަތް ކުރަމުންދާ އެސްޓީއޯގެ ހުރިހާ ބޭސްފިހާރަތަކެއް، އަލަށް އުފެއްދި ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފަ އެވެ.
މީގެ އިތުރުން، ޔޫއެންޑީޕީއާ ގުޅިގެން ޔޫރަޕްގެ ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
ރިޓަޔާ ކުރަން ފަރުހާދު ފިކުރީއަށް ރައީސް މުއިއްޒު އަންގަވައިފި
މޮރޮކޯގެ ފުޓުބޯޅަ ތަރި ޒިޔެޗަށް އިޒްރޭލުން މަރުގެ އިންޒާރު ދީފި
ފެނަކައިގެ ޑީއެމްޑީ އާރިފް ވެސް އިސްތިއުފާ ދެއްވައިފި