ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން މި ސަރުކާރުން ބޭނުންވަނީ ރައްޔިތުންގެ ބާރު ކަނޑުވާލަން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ އިންތިހާބުތައް ގިނަވުމަކީ ގައުމު ހިންގުމަށް، ރައްޔިތުންގެ ބަސް އިއްވުމުގައި ލިބޭ ފުރުސަތެއް ކަމަށެވެ. އޭގެ ސަބަބުން، ރާއްޖޭގެ ރަށްތަކަށް އަދި ހާއްސަކޮށް އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރު ކުރިއެރުން އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިހާރުވެސް އިންތިހާބެއް ބޯމަތިވެފައި އޮތުމުގެ ސަބަބުން، ސަރުކާރުން އެ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށް ފައިސަލް ވިދާޅުވި އެވެ.
"މިގޮތުން އެތައް ސަތޭކަ ބަޔަކަށް ވަޒީފާ ދިނުމާއި ޕްރޮމޯޝަން ދިނުން އަދި މުސާރަ ބޮޑުކުރުން، ދައްކަން ޖެހޭ ކުލި މައާފު ކުރުމާއި އެތައް ހާސް ފްލެޓެއްގެ ބިންގާ އަޅަމުން އިންތިހާބެއް އޮތީތީ ގިނަ މަޝްރޫއުތަކެއް ދަނީ ފަށަމުން. އުއްމީދަކީ، މިހުރިހާ ކަންކަމަކީވެސް، އިންތިޚާބަށް ޖެހި ކަޑަ ކަމުގައި ނުވެ، ދުނިޔެ ހަނގުރާމައިގެ ކަޅު ވިލާގަނޑެއްގެ ދަށުގައި އޮތް އިރުވެސް، ހަރުދަނާ އިޤުތިޞާދީ ސިޔާސަތެއް އޮވެގެން ކުރެވޭ ކަންކަމަށް ވުން،" ފައިސަލް ވިދާޅުވި އެވެ.
އިންތިހާބު ނިމުމާއިއެކު، މުސާރައިން ކެނޑުމާއި، ކަރަންޓު ކެނޑުމާއި، ވަޒީފާއިން މީހުން ވަކިކުރުމާއި، ސަބްސިޑީތައް ކެނޑުމަކީ ސަރުކާރުން ނުކުރާނެ ކަމެއް ކަމުގެ ޔަގީންކަން ދިނުމަކީވެސް، ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ޖެހޭނޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ހީނާ ރާއްޖޭގައި ތަފާތު ކަމެއް ދަސްކޮށްފި
ދަރިން އޭއައި ބޭނުންކުރާ ގޮތާމެދު ސަމާލުވޭ!
