ޗާގޯސް ޖަޒީރާގެ ބޭރު ރަށްތަކުގައި މީހުން ދިރިއުޅުން މަނާކުރާ ގާނޫނު މިއަދު ބާތިލުކޮށް، އެ ރަށްތަކުގައި އަލުން ވަޒަންވެރިވުމުގެ ފުރުސަތު އޮތްކަމަށް ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ (ބީއައިއޯޓީ) ގެ ސުޕްރީމް ކޯޓުން، ކަނޑައަޅައިފި އެވެ.
މިއީ ރާއްޖޭގެ މަސްލަހަތާވެސް ނުހަނު ބޮޑަށް ގުޅިފައިވާ ނިންމުމެކެވެ. ސަރުކާރުން ވަކާލާތު ކުރަމުން ގެންދަނީ ޗާގޯސްއަކީ ދިވެހީންގެ ތަނެއް ކަމަށާއި، އެ ސަރަހައްދުގެ މައްޗަށް ދިވެހިންގެ ތާރީހީ އަދި ސިޔާދަތީ ހައްގުތަކެއްވާ ކަމަށެވެ. އިނގިރޭސިވިލާތުން މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ދޭން ނިންމި ނިންމުން ބަލައި ނުގަންނަކަން ރާއްޖެއިން ވަނީ ރަސްމީކޮށް އަންގާފަ އެވެ.
މިއަދު އިއްވި ހުކުމާއެކު، 2004 ވަނަ އަހަރުން ފެށިގެން ޗާގޯސްގެ ރައްޔިތުންނަށް އެމީހުންގެ އުފަން ވަޒަނަށް އެނބުރި ދިއުމަށް އޮތް ގާނޫނީ ހުރަސްތަކަށް ވަނީ ނިމުމެއް އައިސްފަ އެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅީ، މިދިޔަ ފެބްރުއަރީ މަހު ޗާގޯސްގެ ހަތަރު މީހަކު ހިމެނޭހެން ނުވަ މީހުންގެ ގްރޫޕަކުން ޑިއޭގޯ ގާސިއާއާ 135 މޭލު ދުރުގައި އޮންނަ ފަޅުރަށެއް ކަމަށްވާ އީލް ޑޫ ކޮއިންއަށް އެރުމާ ގުޅިގެންނެވެ. އެމީހުން އެ ރަށަށް އެރުމުން، އެތަނުން ފޭބުމަށް އިނގިރޭސި ސަރުކާރުން އެންގުމުން އެ މައްސަލަ ކޯޓަށް ހުށަހެޅީއެވެ.
ބީއައިއޯޓީގެ ޗީފް ޖަސްޓިސް ޖޭމްސް ލުވިސް ނެރުއްވި ހުކުމުގައި ބަޔާންކުރައްވާފައިވަނީ، މުޅި އާބާދީއެއް އެމީހުންގެ ވަޒަނުން ބޭރުކުރުމުގެ ބާރު އޮންނަން ވާނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށެވެ. އަދި ހަމައެކަނި އިދާރީ ބޭނުމަކަށް އެފަދަ ކަމެއް ނުކުރެވޭނެ ކަމަށްވެސް ފަނޑިޔާރު ވިދާޅުވި އެވެ. މީގެ އިތުރުން، އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ސަބަބުން، ސަލާމަތީ ސަބަބުތަކަށްޓަކައި މީހުން ވަޒަންވެރިވުން މަނާކުރުމަށް ދައްކާ ހުއްޖަތް މިހާރު ނެތް ކަމަށްވެސް ހުކުމުގައި ފާހަގަކުރައްވާފައިވެ އެވެ.
އިނގިރޭސިވިލާތުން މިހާރު ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށްފަހު، ޑިއޭގޯ ގާސިއާގައިވާ އަސްކަރީ މަރުކަޒު 99 އަހަރަށް ކުއްޔަށް ހިފުމަށް އެއްބަސްވެފަ އެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިއީ ވަރަށް ބޮޑު ގޯހެއް ކަމަށް ވިދާޅުވެ މި އެއްބަސްވުމަށް ފާޑުވިދާޅުވެފަ އެވެ.
ކޯޓުގެ މި ނިންމުމާ ގުޅިގެން އިނގިރޭސި ހާރިޖީ ވުޒާރާއިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި މައްސަލަ އިސްތިއުނާފު ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި އިނގިރޭސިވިލާތުގެ އިދިކޮޅު ކޮންޒަވޭޓިވް ޕާޓީގެ ޝެޑޯ ފޮރިން ސެކްރެޓަރީ ޕްރިޓީ ޕަޓޭލް ވަނީ، ބޮޑުވަޒީރު ކިއާ ސްޓާމާ ޗާގޯސްގެ ރައްޔިތުންނާ މެދު އަމަލުކުރައްވަނީ އުނދަގުލެއް ގޮތަށް ކަމަށް ސިފަކުރައްވައި، މޮރިޝަސްއާއެކު ވެފައިވާ އެއްބަސްވުން އުވާލުމަށް ގޮވާލައްވާފަ އެވެ.
ހަނގުރާމަ ދެތިން ހަފްތާގެ ތެރޭގައި ނިންމާލެވިދާނެ: ޓްރަމްޕް
މާޗް ވެސް ނިމުނީ، ދުވަސްތައް އަވަސް ވުމުގެ ހަގީގަތް!
އާމިރު ޚާން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލި ސަބަބު!