ބޭނުންވަނީ އީރާނުގެ ތެޔޮ އަތުލުމަށް ކަމަށާއި، މެދުއިރުމައްޗަށް އެމެރިކާގެ އެތައް ހާސް ސިފައިންނެއް ފޮނުވައިގެން، އީރާނުގެ ތެޔޮ ބޭރުކުރާ މައި މަރުކަޒު ކަމަށްވާ ޚާރްޖް އައިލެންޑް އެމެރިކާގެ ބާރުގެ ދަށަށް ގެނެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އާދީއްތަ ދުވަހު ފައިނޭންޝަލް ޓައިމްސް (އެފްޓީ) އަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، އޭނާ އެންމެ އިސްކަންދެއްވަނީ ތެޔޮ އަތުލުމަށް ކަމަށެވެ. އަދި މިއީ ވެނެޒުއޭލާގެ ލީޑަރު ނިކޮލަސް މަދޫރޯގެ ވެރިކަން ވައްޓާލުމަށްފަހު، އެ ގައުމުގެ ތެޔޮ ސިނާއަތް ވަކި މުއްދަތެއް ނެތް ގޮތަށް ކޮންޓްރޯލް ކުރުމަށް އެމެރިކާއިން ގެންގުޅޭ ސިޔާސަތާ އެއްފަދަ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
ރައީސް ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތި ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓި، އެއް މަސްދުވަހުގެ ތެރޭގައި ތެލުގެ އަގު 50 އިންސައްތައަށްވުރެ މައްޗަށް ގޮސްފައިވާ ދަނޑިވަޅެއްގަ އެވެ. ހޯމަ ދުވަހު އޭޝިއާގެ ބާޒާރުގައި ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 116 ޑޮލަރަށްވުރެ މައްޗަށް އަރާފައިވާއިރު، މިއީ ހަނގުރާމަ ފެށުނު ފަހުން އަގު އެންމެ މަތިވި އެއް ފަހަރެވެ.
"ތެދުތެދަށް ބުނާނަމަ، އަހަރެން އެންމެ ބޭނުންވަނީ އީރާނުގެ ތެޔޮ އަތުލަން. ނަމަވެސް އެމެރިކާގައި ތިބި ބައެއް މޮޔަ މީހުން ސުވާލުކުރޭ ތިޔަހެން ހަދަނީ ކީއްވެހޭ؟ އެއީ ހަމަ މޮޔައިން." ޓްރަމްޕް ވިދާޅުވި އެވެ.
މިފަދަ ފިޔަވަޅެއް އެޅުމަށްޓަކައި، އީރާނުގެ ތެޔޮ އެކްސްޕޯޓްކުރާ މައި ބަނދަރު ކަމަށްވާ ޚާރްޖް އައިލެންޑް ހިފަން ޖެހޭނެ އެވެ.
ޕެންޓަގަންއިން ވަނީ ބިން ހިފުމަށް ތަމްރީނުވެފައިވާ 10،000 ސިފައިން އެ ސަރަހައްދަށް ފޮނުވުމަށް އަމުރުކޮށްފަ އެވެ. އޭގެ ތެރެއިން 3،500 ސިފައިން މިދިޔަ ހުކުރު ދުވަހު އެ ސަރަހައްދަށް ގޮސްފައިވާއިރު، އިތުރު ސިފައިންނާއި މެރިންސް ވެސް ދަނީ ދަތުރުކުރަމުންނެވެ. ނަމަވެސް، ތެޔޮ ބޭރުކުރާ މަރުކަޒަކަށް ހަމަލާދީ އެތަން ހިފުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި، އޭގެ ސަބަބުން އެމެރިކާ ސިފައިން މަރުވާ މިންވަރު އިތުރުވެ، ހަނގުރާމައިގެ ހަރަދާއި މުއްދަތު ދިގުވެގެންދާނެ ކަމަށް މުހައްލިލުން ބުނެ އެވެ.
"ފަހަރުގައި އަހަރެމެން ޚާރްޖް އައިލެންޑް ހިފާފާނަން، ނުވަތަ ނުހިފާފާނަން. އަހަރެމެންގެ އަތުގައި ވަރަށް ގިނަ ގޮތްގޮތް އެބަހުރި،" ޓްރަމްޕް ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ އެތަން ހިފައިފިނަމަ ދުވަސްކޮޅަކު އެތަނުގައި މަޑުކުރަން ޖެހޭނެ ކަމަށެވެ. އަދި އީރާނުގެ ދިފާއީ ބާރުތަކާ ބެހޭގޮތުން ސުވާލުކުރުމުން އޭނާ ވިދާޅުވީ އެމީހުންގެ އަތުގައި އެކަށީގެންވާ ދިފާއީ ނިޒާމެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، ވަރަށް ފަސޭހައިން އެތަން ހިފިދާނެ ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު ސައުދީ އަރަބިއްޔާގައި ހުންނަ އެއާ ބޭސްއަކަށް ދިން ހަމަލާއެއްގައި އެމެރިކާގެ 12 ސިފައިން ޒަހަމްވެ، އަގުބޮޑު މަތިންދާބޯޓަކަށް ގެއްލުންވުމާ ގުޅިގެން މަސްރަހު ވަނީ އިތުރަށް ގޯސްވެފަ އެވެ. މީގެ އިތުރުން ޔަމަނުގެ ހޫތީން އިޒްރޭލަށް ބެލިސްޓިކް މިސައިލެއް ފޮނުވާލާފައިވާއިރު، މިއީ ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ކުރިމަތިވާނެ ބޮޑު ނުރައްކަލެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ނަމަވެސް، އީރާނުގެ ތެޔޮ ސިނާއަތް ހިފާނެ ކަމުގެ އިންޒާރު ދެއްވަމުންވެސް، ޕާކިސްތާނު މެދުވެރިކޮށް އީރާނާއެކު ކުރިއަށްދާ ނުރަސްމީ މަޝްވަރާތައް ކާމިޔާބު ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގަބޫލުކުރުމަށް އީރާނަށް އޭޕްރިލް 6 ގެ ނިޔަލަށް މުއްދަތެއް ދީފައިވާއިރު، އެހެން ނޫންނަމަ އީރާނުގެ ހަކަތައާ ބެހޭ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އެމެރިކާއިން ވަނީ ދީފަ އެވެ.
ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމާ ބެހޭގޮތުން ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވިދާނެ ކަމަށެވެ. އަދި އީރާނުން ޕާކިސްތާނުގެ ދިދަ ޖަހާފައިވާ 20 ތެޔޮ ޓޭންކަރެއް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ ދީފައިވާ ކަމަށާއި، މިއީ އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ޤާލީބާފްގެ ހުއްދައާއެކު ކުރި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓްރަމްޕް އިތުރަށް ދައުވާކުރެއްވި ގޮތުގައި، އީރާނުގެ ކުރީގެ ސްޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އިސް އޮފިޝަލުންތަކެއް ހަނގުރާމައިގެ ކުރީކޮޅު އަވަހާރަވުމާއި ގުޅިގެން، އީރާނުގެ ވެރިކަން މިހާރު ވަނީ ބަދަލުވެފަ އެވެ. އަދި މިހާރު މަޝްވަރާ ކުރަމުންދަނީ ވަރަށް "ޕްރޮފެޝަނަލް" ބައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ. މީގެ އިތުރުން، އީރާނުގެ އާ ސްޕްރީމް ލީޑަރު މޮޖްތަބާ ޚާމަނާއީ ވެސް އަވަހާރަވެފައި ނުވަތަ ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވި އެވެ. ނަމަވެސް އީރާނުން ބުނަނީ ހާމަނާއީގެ ހާލު ރަނގަޅު ކަމަށެވެ.
ވަރުން ބޭނުންވީ ހޮލީވުޑްގެ ފިލްމަކުން ފެންނަން!
މާ ގިނައިން ނިދާނަމަ ދިފާއީ ނިޒާމު ބަލިކަށިވެ ބަލިތައް ޖެހޭ!
އަދަދު ނޫހުގެ ސީއީއޯއާއި ނޫސްވެރިޔަކަށް މަރުގެ އިންޒާރު ދީފި