1997 ވަނަ އަހަރު ރިލީޒްކުރި ޔާޝް ޗޯޕްރާގެ މިއުޒިކަލް ރޮމޭންސް "ދިލް ތޯ ޕާގަލް ހޭ" އަކީ ބޮލީވުޑްގެ ތާރީހުގައި ވެސް ފާހަގަ ކޮށްލެވޭ އެންމެ ކާމިޔާބު އެއް ފިލްމެވެ.
މި ފިލްމުގައި 'ނިޝާ' ގެ ރޯލުން ފެނިގެންދިޔަ ކަރިޝްމާ ކަޕޫރު ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވަނީ އޭނާއަށް އެ ރޯލު ލިބުމުގެ ކުރިން ބޮލީވުޑްގެ އެހެން ހުރިހާ މަޝްހޫރު ބަތަލާއިން އެ ރޯލު ގަބޫލު ނުކޮށް ދޫކޮށްލި ހަގީގީ ސަބަބު ހާމަ ކޮށްދީފަ އެވެ.
ކަރިޝްމާ ބުނި ގޮތުގައި އެ ފިލްމުގެ ރޯލު އެހެން ބަތަލާއިން ދޫކޮށްލީ ފިލްމުގެ މައިގަނޑު ބަތަލާ، މާދުރީ ޑިކްސިޓް އާއެކު ސްކްރީން ހިއްސާކޮށް، ނެށުމުގެ މުބާރާތެއްގައި ވާދަ ކުރަން ޖެހޭތީ އެކަމާ ބިރުންނެވެ.
ކަރިޝްމާ ބުނީ މާދުރީއަކީ އެ ދުވަސްވަރު ބޮލީވުޑްގައި ހުރި އެންމެ މޮޅު ނެށުންތެރިޔާ ކަމަށް ވުމުން، އޭނާއާ އެއް ހަމައެއްގައި ނަށަން ކެރޭނެ ދެވަނަ ބަތަލާއަކު އޭރު ނެތް ކަމަށެވެ.
"އެ ފިލްމު އުފެއްދި ދުވަސްވަރު، މާދުރީގެ އިދިކޮޅަށް އެ ރޯލު ކުޅެން އެއްވެސް ބަތަލާއަކު ބޭނުމެއް ނުވި. މާދުރީއާއެކު އެއް ސްކްރީނެއްގައި ނަށައި، ޑާންސް ފޭސް-އޮފް އެއްގައި އޭނާއާ ވާ ދަކުރަން އެންމެންވެސް ޖެހިލުންވި،" ކަރިޝްމާ ކިޔައިދިނެވެ.
ނަމަވެސް ކަރިޝްމާ އެ ގޮންޖެހުން ގަބޫލުކުރި އެވެ. ފިލްމުގައި ހިމެނޭ "ދިލް ލޭ ގަޔާ" ލަވައިގައި މާދުރީއާއި ކަރިޝްމާ ދެއްކި ފުރިހަމަ ނެށުމަކީ މިއަދާ ހަމައަށްވެސް ބޮލީވުޑްގެ ތާރީހުގައި ފެނުނު އެންމެ އައިކޮނިކް އެއް ނެށުމެވެ. މި ރޯލުގެ ސަބަބުން ކަރިޝްމާއަށް އެންމެ މޮޅު ސަޕޯޓިންގ ބަތަލާގެ ނޭޝަނަލް އެވޯޑްވެސް ލިބުނެވެ.
ކަރިޝްމާ ދެކޭގޮތުގައި 'ނިޝާ' ގެ ކެރެކްޓާއަކީ އޭގެ ކުރިން ހިންދީ ފިލްމުތަކުން ފެންނަ އާދަކާދައިގެ ބަތަލާއިންނާ މުޅިން ތަފާތު، ސިނަމާގެ ވިސްނުން ބަދަލު ކޮށްލި ރޯލެކެވެ.
އާންމުކޮށް ފިލްމުތަކުގައި ބަތަލު (ޝާހްރުކް ޚާން) ލޯބި ވަނީ ބަތަލާއަށެވެ. ނަމަވެސް މި ފިލްމުގައި ބަތަލު، ބަތަލާ 'ނިޝާ' ގެ ލޯބި ގަބޫލެއް ނުކުރެ އެވެ.
"އެހެންވެ އެ ރޯލާ މެދު ވިސްނާލުމުން އަދިވެސް ހީބިހި ނަގާ. އަހަރެން މިހާ ބޮޑަށް ލޯބިވާއިރު މަށަށް މިހެން މިވަނީ ކީއްވެބާއޭ ހިތަށްއަރާ އަންހެން ކުއްޖެއްގެ އިހުސާސްތައް ދެއްކުން އެއީ ވަރަށް ތަފާތު، ވަރަށް ގޮންޖެހުން ބޮޑު ކަމެއް،" ކަރިޝްމާ ބުންޏެވެ.
މި ވާހަކަތައް ތިލަވެފައި މިވަނީ، ދާދިފަހުން ރިއަލިޓީ ޝޯ "އިންޑިއާސް ބެސްޓް ޑާންސަރު 5" ގެ ސްޓޭޖުން މާދުރީއާއި ކަރިޝްމާ އަލުން ބައްދަލުވެ، އެ ދުވަސްވަރުގެ ހަނދާންތައް އާކުރުމާ ގުޅިގެންނެވެ.
އެ ޝޯގެ ޖަޖެއްގެ ގޮތުގައި ކަރިޝްމާ އިންނައިރު، މާދުރީ އެ ޝޯއަށް ދިޔައީ އޭނާގެ އައު ފިލްމު "މާ ބެހެން" ޕްރޮމޯޓް ކުރުމަށެވެ. މި ބައްދަލުވުމުގައި ދެ ތަރިން ވަނީ "ދިލް ލޭ ގަޔާ" ލަވައިގެ ކުޑަ ބައެއް ސްޓޭޖުގައި އަލުން ނަށައި ދައްކާލާފަ އެވެ.
އީރާނުން "ގޯސްކޮށް" އުޅޭނަމަ ބޮން އަޅާނަން: ޓްރަމްޕް
ކައިވެނި ރޫޅުމުގައި ކުށްވެރި ކުރާނެ ދެވަނަ މީހަކު ނެތް: ޖޭލޯ
ޖޯޑަންގެ ކޯޗު ބުނީ ޓީމާމެދު ފަހުރުވެރިވާ ކަމަށް