މި އަހަރުގެ ހޫނު މޫސުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް އެމެރިކާއަށް އެތެރެވާ ބައެއް ގައުމުތަކުގެ ސަޕޯޓަރުން، ޓޫރިސްޓް ވިސާ ހޯދުމަށްޓަކައި 15،000 ޑޮލަރާ ހަމައަށް ބޮންޑެއް ދައްކަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
މި މައްސަލައާ ގުޅިގެން މުބާރާތް އިންތިޒާމުކުރާ ފަރާތް ކަމަށްވާ ފީފާއިން ދަނީ ކުޅުންތެރިންނަށް މި ގަވާއިދުން އިސްތިސްނާ ދިނުމަށް ޓްރަމްޕްގެ ސަރުކާރަށް ބާރު އަޅަމުންނެވެ.
މި ދަތިތައް ކުރިމަތިވާން ފެށީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ގެނައި ސިޔާސަތުތަކުގެ ބަދަލާ ގުޅިގެން، ބައެއް ގައުމުތަކުގެ މީހުން ބިޒްނަސް ނުވަތަ ޓޫރިސްޓް ވިސާގައި އެމެރިކާއަށް ދާއިރު ފައިސާގެ ބޮޑު އަދަދެއް ދައްކަން ޖެހޭ ގޮތަށް ނިންމުމުންނެވެ.
"ވިސާ ބޮންޑް ޕައިލެޓް ޕްރޮގްރާމް" ގެ ދަށުން ޖުމްލަ 50 ގައުމެއް ހިމެނޭއިރު އޭގެ ތެރެއިން ފަސް ގައުމެއް ވަނީ މިއަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ. މި ސިޔާސަތުގެ ސަބަބުން މިއަހަރުގެ ޖެނުއަރީ 21 އިން ފެށިގެން އަލްޖީރިއާ، ކޭޕް ވާޑް، ސެނެގާލް އަދި އައިވަރީ ކޯސްޓްގެ ރައްޔިތުންނަށް ވަނީ މިކަމުގެ އަސަރުކޮށްފަ އެވެ.
މީގެ އިތުރުން، ވޯލްޑް ކަޕްގައި ވާދަކުރާ ޓިއުނީޝިއާ ވެސް މިދިޔަ ހަފްތާގައި ވަނީ މި ލިސްޓަށް އިތުރުކޮށްފަ އެވެ. މި ނިންމުމަށް އަމަލު ކުރަން ފަށާނީ އަންނަ އޭޕްރިލް 2 ވަނަ ދުވަހުން ފެށިގެންނެވެ.
އެންމެ 525،000 މީހުންގެ އާބާދީއެއް އޮންނަ ކޭޕް ވާޑް ވަނީ އެ ގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ފިރިހެނުންގެ ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ.
މި އާ ގަވާއިދުގެ ސަބަބުން ގިނަ އަދަދެއްގެ ސަޕޯޓަރުންނަށް މުބާރާތް ބަލަން ދިއުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ. ފީފާއިން މިހާރު މަސައްކަތް ކުރަނީ މި ސިޔާސަތުގެ ސަބަބުން މުބާރާތުގެ ފޯރިއަށް އަސަރު ނުކުރާނެ ގޮތަކަށް ކަންކަން ހަމަޖެއްސުމަށެވެ.
"ފަލަސްތީނު މުސްލިމުން ގަތުލުކުރާ ތަން ދެކެން ދެން ކެތެއް ނުވާނެ"
ދިރާގުގެ ރަން ކާށި ބިނދެގެން އަގުހުރި އިނާމުތަކެއް!