މެދުއިރުމަތީގައި ހުރި އެމެރިކާގެ މިލިޓަރީ ބޭސްތަކަށް ހަމަލާދިނުމަށް ހިތްވަރުދީ ރައީސް މުހައްމަދު ދެއްކެވި ވާހަކަފުޅާ ގުޅިގެން ބައިނަލްއަގުވާމީ މައިދާނުގައި އެމަނިކުފާނު ހޫނުފެނަށް ވެއްޓުމުން އެމަނިކުފާނުގެ ދިފާއުގައި މީޑިއާ ކޮންޓްރޯލް ކޮމިޝަން ތެދުވެއްޖެ އެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަރަބި ގައުމުތަކުގައި އެމެރިކާއިން ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭން ހިތްވަރު ދެއްވައި ރައީސް މުއިއްޒު ވަނީ ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވާފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ބޭނުންވެވަޑައިގަންނަވަނީ އިރާނުން އިޒްރޭލަށް "ރެއާއި ދުވާލު" ހަމަލާދޭން ކަމަށެވެ.
މިކަމާ ގުޅިގެން ރައީސް މުއިއްޒު ހޫނުފެނަށް ވެއްޓިފައި ވަނިކޮށް ކުއްލި ގޮތަކަށް ކޮންޓްރޯލް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޒިންމާދާރުކަމާއެކު ނޫސްވެރިންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް ހަބަރު ފެތުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެ ކޮމިޝަނުން ވަނީ ހަބަރާއި މައުލޫމާތު ފެތުރުމުގައި ގައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އެދިފަ އެވެ. އަދި ވާހަކައިގެ މަފްހޫމު ނުގެއްލޭ ގޮތަށް މައުލޫމާތު ގެނެސްދޭން އެދިފައިވެ އެވެ.
"'އަސްލާ އެއްގޮތް މެނިޕިއުލޭޓް ކޮށްފައިވާ އަދި ފެބްރިކޭޓް ކޮށްފައިވާ ފޮޓޯއާއި އޯޑިއޯ ވީޑިއޯ، ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ބޭނުން ނުކުރުން' މި މައްދާތަކުގައި ބަޔާންކުރާ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވައި މީޑިއާތަކުން އެ ފަރާތްތަކުގެ ފަރުދީ ޒިންމާ، ޒިންމާދާރުކަމާއެކު އަދާކުރުމަށް މީޑިއާތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން މި ދަނޑިވަޅުގައި ދިވެހި އެންމެހާ ނޫސްވެރިންނަށް ހަނދާންކޮށްދެން،" ކޮންޓްރޯލް ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އަރަބި ގައުމުތަކުގައިވާ އެމެރިކާގެ މިލިޓަރީ ބޭސްތަކަށް އީރާނުން ހަމަލާދޭންވީ ކަމަށް ސާފު އިބާރާތުން ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
"އެއްވެސް ވަރަކަށް ފުރުސަތެއް ނުދޭނަން އިސްލާމީ ގައުމަކާ ދެކޮޅަށް ދޭ ހަމަލާއަކަށް ޖާގަ ދޭކަށް. އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން. އެ ހަނގުރާމަ ޖެހޭނީ މިހާރުން މިހާރަށް ހުއްޓެން. އެ ހަނގުރާމައިގައި ހަމަލާދޭ އެއްވެސް ފަރާތަކުން ދެމުން އެ ދަނީ ދީގެންވާނެ ހަމަލާއެއް ނޫން. އިރާނުން ހަމަލާ ދެންޏާ ދޭން ޖެހޭނީ ސީދާ އިޒްރޭލަށް. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތް. އިޒްރޭލަށް ހަމަ ހަމަލާ ދޭންވީ ހަމަ ރެ އާއި ދުވާލު. އަޅުގަނޑުމެން ވަރަށް ބޭނުން އެކަން އެގޮތަށް ދާން. އެހެނެއް ނޫން މުސްލިމު އަަރަބި ގައުމުތަކަށް ހަމަލާދިނީމައި މުސްލިމުން މަރުވާނީ. މުސްލިމުންގެ ތަންތަން ހަލާކުވާނީ ވެސް. އެހެނެއް ނޫން އިރާނުގެ ހަމަލާތައް އިޒްރޭލަށް އަދި މި ހަނގުރާމަ ކުރާ، އިރާނަށް ހަމަލާ ދޭ ދެ ފަރާތަށް، އެމެރިކާ އާއި އިޒްރޭލުގެ އެ ތަންތަނަށް، އެ ސަރަހައްދުގެ މުސްލިމުންނަށް ގެއްލުން ނުވާ ގޮތަށް އެކަން ހިނގުމަކީ ކަން ނޭނގެ މިކަން ވާން ޖެހޭނެ ގޮތަކީ. އެއީ އަޅުގަނޑު ހިތުން ދިވެހި ސަރުކާރުގެ ސިޔާސަތަކީ. އެހެންވީމާ އެއްގޮތަކަށް ވެސް ފުރުސަތު ނުދޭނަން، ރާއްޖެ ބޭނުންކުރަން، އެއީ މިލިޓަރީ އެއާކްރާފްޓް އެކަންޏެއް ނޫން، ޑިޕްލޮމެޓިކަލީ ވިޔަސް، އަދި އެހެން ކަހަލަ އިންތިޒާމީ ކަމެއްގެ ގޮތުން ވިޔަސް ރާއްޖެ ބޭނުންކުރުމުގެ ފުރުސަތު ނުލިބޭނެ މި ހަނގުރާމައަކަށް." ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ މި ވާހަކަފުޅާ ގުޅިގެން އެމެރިކާގެ ހާއްސަ މަންދޫބު ރާއްޖެއިން ފުރާވަޑައިގަތީ އެމަނިކުފާނާ އެކު ބާއްވަން އޮތް ބައްދަލުވުން ކެންސަލް ކުރެއްވުމަށްފަހު އެވެ.
ކުޑަ ދަރިފުޅަށް ކާން ދޭން އުނދަގޫތަ؟
އެނާޖީ ބުއިންތަކުން ދަރިމައިވުމުގެ ސިއްހަތަށް ގެއްލުންތަކެއް!
އީރާނުން އެމެރިކާއާއެކު މަޝްވަރާ ނުކުރާ ކަމަށް ބުނެފި
