އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 61 ވަނަ ދައުރުގެ ބައްދަލުވުމެއްގައި ރާއްޖެއިން ހުށަހެޅި ބަޔާނެއްގައި ހަމައެކަނި އީރާނުގެ އަމަލުތައް ކުށްވެރިކޮށް، އިޒްރޭލާއި އެމެރިކާގެ ހަމަލާތަކުގެ ވާހަކަ ނުހިމެނުމުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.
ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވިދާޅުވީ، ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، ބަހުރޭން، ކުވެއިތު، އޮމާން އަދި އުރުދުންއަށް އަމާޒުކޮށް އީރާނުން ދެމުންދާ ހަމަލާތަކާ މެދު ރާއްޖެއިން ކަންބޮޑުވާ ކަމަށެވެ. އެ ހަމަލާތަކުގެ ސަބަބުން ސަރަހައްދީ މަސްލަހަތު ގޯސްވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، އީރާނުގެ ހަމަލާތަކާ ގުޅޭ ގޮތުން ހުށަހެޅި ގަރާރެއްގައި ރާއްޖެއިން ވަނީ ކޯ ސްޕޮންސަރެއްގެ ގޮތުގައި ބައިވެރިވެފަ އެވެ.
ބަޔާނުގައި ސަރަހައްދީ ހަމަޖެހުމަށް ޓަކައި ހަނގުރާމަ ހުއްޓާލުމަށާއި ޑިޕްލޮމެޓިކް މަގުން މައްސަލަތައް ހައްލުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައިވެ އެވެ. އެހެންކަމުން އދ. ގެ ޗާޓަރުގައި ބުނާ ގޮތުގެ މަތިން ބާރުގެ ބޭނުން ނުކޮށް ސުލްހަވެރިކަމާ އެކު، މައްސަލަތައް ހައްލުކުރަން އިސްކުރުމަށާއި އދގެ ސަލާމަތީ މަޖިލީހުގެ ގަރާރާ އެއްގޮތަށް މެދުއިރުމަތީގެ މަސްރަހު ފިނިކޮށް، ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ރާއްޖެ އިން ގޮވައިލި އެވެ.
ނަމަވެސް މި ބަޔާނާ ގުޅިގެން ސޯޝަލް މީޑިއާގައި ސިޔާސީ ބޭފުޅުންނާއި އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. ހާއްސަކޮށް އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި މެދުއިރުމަތީގައި އެމެރިކާއާއި އިޒްރޭލުން ހިންގާ ހަރަކާތްތަކުގެ ވާހަކަ ބަޔާނުގައި ހިމަނާފައި ނުވާތީ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
"ޓްރަމްޕްގެ ސުލްހައިގެ ޕްލޭނަށް ރައްދު ދޭނީ މިސައިލް ހަމަލާއިން"
ގަސް ހައްދަންވީ ހަމައެކަނި "ހޮބީ"އަކަށް ނޫން!