ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވަކި ޕަސެންޓެއް ޒުވާނުންނާއި އަންހެނުންނަށް ހާއްސަކުރަން ގާނޫނަށް އިސްލާހު ހުށަހަޅަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ނިންމަވާފައި ވަނީ 30 އަހަރުން ދަށުގެ ޒުވާނުންނަށް މަޖިލީސް މެންބަރުންގެ ވަކި ޕަސެންޓެއް ކަނޑައެޅުމަށް ގާނޫނަށް އިސްލާހު ހުށަހެޅުމަށް ކަމަށެވެ. އަދި އަންހެނުންނަށް ވެސް މަޖިލިސް މެންބަރުންގެ ވަކި ޕަސެންޓެއް ހާއްސަކުރަން ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ކައުންސިލްގައި އޮވޭ ވަކި އަދަދެއް އަންހެނުންނަށް ހާއްސަކޮށްފައި. ނަމަވެސް މަޖިލިސް މެމްބަރުންގެ ނޯންނާނެ އެގޮތަކަށް. މަޖިލިސް މެމްބަރުންގެ އަދަދާއި މަޖިލިސް މެމްބަރުން އިތުރުވުން ހުއްޓުވުމަކަށް ގެނައުމާއި މެންބަރުންގެ ތެރެއިން ވަކި އަދަދެއް ޒުވާނުންނަށް ހާއްސަ ކުރުމާއި ވަކި އަދަދެއް އަންހެނުންނަށް ހާއްސަ ކުރުމަކީ މި ޕެކޭޖްގެ ތެރޭގައި ހުށަހެޅުމަށް ނިންމާފައިވާ ކަންތައްތައް." ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން މަޖިލިސް މެންބަރުންގެ އަދަދު އިތުރުވިޔަނުދީ އެއްވަރެއްގައި ހިފެހެއްޓުމަށް ވެސް އިސްލާހު ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދައުލަތުގެ ކަންކަން ރިފޯމްކޮށް އިސްލާހުކުރަން ޖެހޭ ކަމަށެވެ. އެގޮތުގެ މަތިން ބައެއް ކަންކަން އިސްލާހުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޝަރުއީ ދާއިރާ ރިފޯމްކުރުމަށްޓަކައި ކަމާބެހޭ ގާނޫނުތަކަށް ހުށަހަޅަންޖެހޭ އިސްލާހުތައް ހުށަހެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
އޭގެ އިތުރުން ގިނަ އިސްލާހުތަކެއް ގެންނަން އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ. މިސާލަކަށް ރިޔާސީ އިންތިހާބު އެއްބުރުން ބޭއްވުމަށް ދިރާސާއެއް ކުރިއަށް އެބަ ގެންދާ ކަމަށާއި އެއްބުރުން ވޯޓު ލާގޮތަށް ނިންމާ ނިންމުން ވެސް ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ނޮވެމްބަރު 17 ގެ ބަދަލުގައި ނޮވެމްބަރު 11 ގައި ދައުރު ފެށުން ވެސް އެކަމާ ވަނީ ގުޅިފައި ކަމަށް ރައީސް ވިދާޅުވި އެވެ.
ހަކުރު ބަލި ކޮންޓްރޯލް ކުރަން ގޭގައި ކުރެވިދާނެ ދެތިން ކަމެއް!
ގައުމީ އިނާމަށް ނަން ހުށަހެޅުން ބުދަ ދުވަހު ހުޅުވާލަނީ
