ބީއެމްއެލް އިން ކުރިއަށްގެންދާ "ބީއެމްއެލް އެފޯޑަބަލް ހައުސިން" މަޝްރޫއުގެ ތެރެއިން 1،224 ޔުނިޓުގެ މަސައްކަތް ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން ސީއެމްއީސީ އިން މިރޭ ފަށައިފި އެވެ.

ބީއެމްއެލްއިން ޖުމްލަ ތިން ކޮޓަރީގެ 3،260 ހައުސިން ޔުނިޓުގެ މަސައްކަތް ކުރެއެވެ. މި ޔުނިޓުތައް ދޭނީ ރެންޓް-ޓު-އޯން މޮޑެލްއަށެވެ. މި މޮޑެލްއަކީ ކުލި ދައްކައިގެން ދިރިއުޅެ ވަކި މުއްދަތަކުން މިލްކު ކުރެވޭ މޮޑެލްއެކެވެ.

މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހުޅުމާލެ ތިންވަނަ ފިޔަވަހީގައި އިމާރާތްކުރާ 1,224 ހައުސިން ޔުނިޓުގެ ބިންގާ ވަނީ އަޅާފަ އެވެ.

މި މަޝްރޫއަކީ ރައްޔިތުންނަށް އަގުހެޔޮ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ފަށައިފައިވާ މަޝްރޫއުގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ހައުސިން ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށްދަނީ ވަރަށް ބާރު ދުވެލީގައި ކަމަށެވެ.

އެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްގެންދަން ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބެމުން އަންނަ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"މިއީ ސަރުކާރުގެ ސިޔާސަތުތަކުން ރައްޔިތުންނަށް ސީދާ ފައިދާވުމުގެ ރަނގަޅު މިސާލެއް،" އޭނާ ވިދާޅުވި އެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ކަނޑައަޅާފައިވާ ގަވާއިދުގެ ދަށުން، ރާއްޖޭގެ ކޮމާޝަލް ބޭންކުތަކުން ދޫކުރާ ޖުމްލަ ލޯނު ޕޯޓްފޯލިއޯގެ 10-15 ޕަސެންޓާ ދެމެދުގެ އަދަދެއް އެފޯޑަބަލް ހައުސިން އަށް ހާއްސަކުރަން ވަނީ ލާޒިމް ކޮށްފަ އެވެ.

ޝަރީފް ވިދާޅުވީ އެ ސިޔާސަތު ތަންފީޒުކުރަން ބީއެމްއެލް އިން މަސައްކަތް ކުރަނީ ގައުމީ ބޮޑު ޒިންމާއެއްގެ ގޮތުގައި ކަމަށެވެ.

މި މަޝްރޫއުގެ ސަބަބުން ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ގިނަ އާއިލާތަކަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.