އަންނަ މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ހުރިހާ މުވައްޒަފުންގެ މުސާރަ މި މަހުން ފެށިގެން ބޮޑުކުރަން ނިންމައިފި އެވެ.
މި ދެ މުއައްސަސާގެ މުސާރަ ބޮޑުކުރުމަކީ މި އަހަރަށް ފާސްކުރި ބަޖެޓުގައި ޕޭ ހާމަނައިޒް ކުރަން ހަރަދުކުރާ 1.6 ބިލިއަން ރުފިޔާގެ ތެރޭގައި ބަޖެޓުކޮށްފައި އޮތް ކަމެކެވެ. ނަމަވެސް ފުރަތަމަ ދެ މަހު މިކަން ތަންފީޒުނުކޮށް މަޑުކުރުމަށްފަހު، މި ބަދަލު ގެނެސްފައި ވަނީ އަންނަ މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބާއި ރެފަރެންޑަމް ވޯޓު ބޯމަތިވެފައި އޮއްވަ އެވެ.
މި ދެ މުއައްސަސާގެ މުސާރަ ބޮޑުކުރުމާ އެކު ދައުލަތުގެ ހުރިހާ ޔުނީފޯމް ބޮޑީސްތަކުގެ މުސާރަތައް ނޭޝަނަލް ޕޭ ހާމަނައިޒޭޝަން ސިޔާސަތާ އެއްގޮތަށް އެއްހަމަ ކުރެވުނީ އެވެ. މިހާރު ފުލުހުންނާއި ސިފައިންނާއި އިމިގްރޭޝަން އޮފިސަރުންނާއި ކަސްޓަމްސް އޮފިސަރުންނާއި ކަރެކްޝަންސް އޮފިސަރުންގެ މުސާރަ ލިބޭނީ ނޭޝަނަލް ޕޭ ފްރޭމްވާކްގެ ދަށުންނެވެ.
"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ކަރެކްޝަންސް އިން ވަނީ މުސާރައަށް ބަދަލު އަންނަކަން މުވައްޒަފުންނަށް އަންގައިފަ އެވެ.
މުސާރަ އެއްހަމަ ކުރުމުގެ ސިޔާސަތުގެ ބިންގަލަކީ 2016 ގައި ފާސްކުރި ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނެވެ. މި މަސައްކަތް ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.
ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ މި ސިޔާސަތު ކުރިއަށް ގެންދަވައި، މިދިޔަ އަހަރުގެ ތެރޭގައި ދައުލަތުގެ 20،000 އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފަ އެވެ. އޭގެ ތެރޭގައި ސިވިލް ސާވިސް މުވައްޒަފުންނާއި ޖުޑީޝަރީ މުވައްޒަފުންނާއި ކައުންސިލުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނެ އެވެ.

ގިނަ ގައުމުތަކުން ޓްރަމްޕްގެ ގޮވާލުމަށް ނޫނެކޭ ބުނެފި
އެމްޑީޕީގެ ކެމްޕޭން ބެނާތައް ނަގައި އެޗްޑީސީން ހަލާކުކޮށްލައިފި