ދުބާއީ ބައިނަލްއަޤުވާމީ އެއާޕޯޓު ކައިރިއަށް ދިން ޑްރޯން ހަމަލާއެއްގައި ބޮޑު އަލިފާންގަނޑެއް ރޯވެ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އެއާޕޯޓުގެ ހުރިހާ ފްލައިޓެއް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
ދުބާއީ މީޑިއާ އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓު ކައިރީގައި ހިނގި ޑްރޯން ހާދިސާއެއްގައި ތެޔޮ ޓޭންކަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އެ އޮފީހުން ބުނި ގޮތުގައި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި އަލިފާން ފެތުރިފައި ނުވާ ކަމަށެވެ. އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ދުބާއީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ ދަތުރުވެރިންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ދުބާއީ އެއާޕޯޓުގެ ފްލައިޓްތައް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ. ދަތުރުވެރިން އެއާލައިންތަކާ ގުޅައިގެން އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ވެސް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެމިރޭޓްސް އެއާލައިނުން ވެސް ވަނީ ދުބާއީއަށް ދަތުރުކުރާ އަދި ދުބާއީން ފުރާ ފްލައިޓްތައް ވަގުތީ ގޮތުން މެދުކަނޑާލިކަން އިޢުލާނުކޮށްފަ އެވެ. އެ އެއާލައިނުން ވަނީ މީހުން އެއާޕޯޓަށް ނައުމަށް އިލްތިމާސްކޮށްފަ އެވެ.
ފެބްރުއަރީ 28 ގައި އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު ގުޅިގެން ފެށި އަސްކަރީ ކެމްޕޭނަށް ފަހު ގަލްފުގެ އަރަބި ޤައުމުތަކަށް 2،000 އަށް ވުރެ ގިނަ މިސައިލް އަދި ޑްރޯން ހަމަލާ ދީފައިވާކަމަށް ރޮއިޓާސް އިން ރިޕޯޓުކުރެ އެވެ. އީރާނުން ބުނަނީ ހަމަލާތައް އަމާޒުކުރަނީ އެމެރިކާއާ ގުޅުންހުރި ތަންތަނަށް ކަމަށެވެ.

އަލިފާނުގައި މަރުވި ދެ ބިދޭސީއެއްގެ ހަށިގަނޑު ގައުމަށް ފޮނުވައިފި
އަކްޝޭއާއެކު މަސައްކަތް ކުރަން ފަރާ ބޭނުންނުވި ސަބަބު!
އާތިފް އަސްލަމްގެ ބަންގީގެ އަޑަށް ތައުރީފް އޮހެނީ!