އިޒްރޭލުގެ ހައިފާގައި ހުންނަ ތެޔޮ ސާފުކުރާ ކާރުހާނާއަކަށާއި، ސެޓެލައިޓް މުވާސަލާތީ މަރުކަޒަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާނޭ ކަމަށް އީރާނުން ބުނެފި އެވެ.
އީރާނުގެ 'ހާތަމުލް އަންބިޔާ' އަސްކަރީ މަރުކަޒުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، އަލަށް ފެށި މި ހަމަލާތަކުގައި އިޒްރޭލުގެ ހަކަތަ އުފައްދާ އިންފްރާސްޓްރަކްޗާތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. މިގޮތުން، ހައިފާގައި ހުންނަ ތެޔޮ ސާފުކުރާ ކާރުހާނާއަކަށާއި ތެޔޮ ރައްކާކުރާ ތަންތަނަށް ޑްރޯން މެދުވެރިކޮށް ހަމަލާދީފައިވާ ކަމަށާއި، ތަލް އަވީވް ކައިރީގައި ހުރި ސެޓެލައިޓް މުވާސަލާތީ މަރުކަޒެއް ވެސް ސުންނާފަތިކޮށްލާފައިވާ ކަމަށް އީރާނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
މި ހަމަލާތަކަކީ އީރާނުގެ ތެޔޮ ގުދަންތަކަށް ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ދެމުންދާ ހަމަލާތަކުގެ 33 ވަނަ ބުރުގެ ތެރެއިން ދިން ހަމަލާތަކެއް ކަމަށްވެސް އެގައުމުން ބުނެ އެވެ.
މީގެ އިތުރުން، އިރާގުގެ އުތުރުގައި އޮންނަ ކުރުދީ ސަރަހައްދުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒެއް ކަމަށްވާ 'ހަރީރު ބޭސް' އަށް އަމާޒުކޮށް ފަސް މިސައިލް ފޮނުވާލާފައިވާ ކަމަށް ވެސް އީރާނުގެ އަސްކަރީ ތަރުޖަމާނު ހާމަކުރެއްވި އެވެ.
އީރާނުގެ މިސައިލް އުފެއްދުމުގެ ގާބިލުކަން ނައްތާލާފައިވާ ކަމަށް ބުނެ އެމެރިކާއިން ފަތުރަމުންދާ ވާހަކަތައް، އީރާނުން ވަނީ ދޮގުކޮށްފަ އެވެ. އައިއާރްޖީސީން ހާމަކުރި ގޮތުގައި، އެއް ޓަނަށްވުރެ ބަރު ވޯހެޑް އުފުލޭ ފަދަ ވަރުގަދަ މިސައިލްތައް ކުރިއަށްވުރެ ގިނަ އަދަދަކަށް މިހާރު ދަނީ ބޭނުންކުރަމުންނެވެ.
މި ހަމަނުޖެހުންތަކާ ގުޅޭގޮތުން އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވީ، ހަނގުރާމަ ފެށުނު ފަހުން އީރާނަށް އަމާޒުކޮށް ދޭ އެންމެ ވަރުގަދަ ހަމަލާތައް އަންގާރަ ދުވަހު ފެނިގެންދާނެ ކަމަށެވެ.
މީގެ އިތުރުން، މެދުއިރުމަތީގައިވާ އިޒްރޭލުގެ އަމާޒުތަކަށާއި އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް އީރާނުން ދެމުންދާ ރައްދު ހަމަލާތައް ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ. މި ހަމަލާތައް ބަހްރައިން، ކުވެއިތު، ޔޫއޭއީ އަދި ސައޫދީ އަރަބިއްޔާގައި ހުރި އެކި މަރުކަޒުތަކަށް ވަނީ އަމާޒުވެފަ އެވެ. މި ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން ބަހްރައިންގެ މަނާމާއިން އެކަކު މަރުވެފައިވާއިރު، އިޒްރޭލުން ދެ މީހަކު ވަނީ މަރުވެފަ އެވެ.
ރޭގަނޑުގެ ވަގުތުގައި އީރާނުގެ ވެރިރަށް ތެހެރާނަށް ވަނީ ހަނގުރާމައިގެ އެންމެ ނުރައްކާތެރި އަދި ވަރުގަދަ ބޮން އެޅުމުގެ ހަމަލާތަކެއް އަމާޒުވެފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ތެހެރާނުގެ ރިސާލަތު މައިދާން ކައިރިއަށް ދިން ހަމަލާތަކުގައި މަދުވެގެން 40 މީހުން ވަނީ މަރުވެފަ އެވެ.
ހަމައެއާއެކު، ލުބުނާނުގައި އިޒްރޭލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 500 އާ ގާތްވެފައިވާއިރު، އިޒްރޭލާއި ހިޒްބުالله އާ ދެމެދު ދަނީ މެދުކެނޑުމެއްނެތި ވަރުގަދައަށް ހަމަލާ ބަދަލުކުރަމުންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަނގުރާމަ ހުއްޓާލުމާއި ގުޅޭގޮތުން ވާހަކަދައްކަވާނެ ކަމުގެ އިޝާރާތެއް ކުރެއްވި ނަމަވެސް، އީރާނުން ވަނީ އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށް ބުނެފަ އެވެ.

އިންތިހާބުތައް އެއްކޮށްލުމުގެ ހަގީގީ މަގުސަދު ސާފުކޮށްދޭން ޖެހޭ
އެމްއެސްއެލް އިން މިސާލެއް: ސަރުކާރުން ތަކުރާރު ކުރާ ބޮޑު ގޯސް
ސިއްހީ އެހީއަށް އެދޭ ސްކޭމް ޕޯސްޓުތަކަށް ސަމާލުވާން އެދިއްޖެ