އަހުލާގު ރަނގަޅު، ހިދުމަތްތެރި ޒުވާނުންތަކެއް ބިނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައާރަފްކުރެއްވި މޯލްޑިވްސް ނެޝަނަލް ސާވިސް (ދިވެހި ވަތަނީ ހިދުމަތުގެ) ތިން ވަނަ ބުރަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ވަތަނީ ހިދުމަތަށް ފުރުސަތު ހުޅުވާލައި ޑިފެންސް މިނިސްޓްރީން ހޯމަ ދުވަހު ކުރި އިއުލާނުގައި ބުނީ އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ހުރިހާ ޒުވާނުންނަށް އެ ޕްރޮގްރާމަށް ކުރިމަތި ލެވޭނެ ކަމަށެވެ.
އަދި އެ ހިދުމަތާ ގުޅެން ބޭނުންވާ 18 އަހަރު ނުވާ ކުދިންނަށް އެ ކުއްޖެއްގެ ޝަރުއީ ނުވަތަ ގާނޫނީ ބަލަދުވެރިޔާގެ އިއުތިރާޒެއް ނެތި، ފުރިހަމަ ސިއްހަތެއްގައި ހުރި ނަމަ ބައިވެރިވެވޭނެ ކަމަށް ވެސް ޑިފެންސުން ބުންޏެވެ.
ތިން މަސް ދުވަހުގެ އެ ޕްރޮގްރާމްގެ ތަމްރީން ފެށުމަށް ނިންމާފައި ވަނީ އަންނަ މެއި މަހުގެ ފަހު ހަފުތާގެ ތެރޭގައި އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރު ޅ.މާފިލާފުށީގަ އެވެ.
މި ހިދުމަތުގެ ފުރަތަމަ ބެޗުގެ ޓްރެއިނިން ކުރިޔަށް ގެންދިޔައީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ. ނެޝަނަލް ސާވިސްގެ ފުރަތަމަ ބެޗުގެ ޓްރެއިނިންގައި 108 ރަށަކުން 350 ދަރިވަރުން ބައިވެރިވި އެވެ. އެއީ 64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުންނެވެ. އެ ދަރިވަރުންގެ އެވްރެޖް އުމުރަކީ 18 އަހަރެވެ. ޓްރެއިނިންގައި ބައިވެރިވި 350 ދަރިވަރުންގެ ތެެރެއިން 346 ދަރިވަރުން މިދިޔަ ޑިސެމްބަރުގައި ވަނީ ދަސްވެނިވެފަ އެވެ.
ދެވަނަ ބެޗުގެ ތަމްރީނުތަކަށް 350 ޒުވާނުން މިދިޔަ ޖެނުއަރީ 24ގައި މާފިލާފުށްޓަށް ވަނީ ފުރައިފަ އެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ތެރޭގައި އިތުރު 1،000 ޒުވާނުން އެ ތަމްރީންތައް ފުރިހަމަކުރުމެވެ.
އެ ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަކުރުމަށް ފަހު [email protected] އަށް އީމެއިލުން ނުވަތަ ބަންދުނޫން ދުވަސްތަކުގައި ރަސްމީ ގަޑީގައި ރިސެޕްޝަނަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

ދިރާގުން ތަރާވީސް ދަމަށް އަންލިމިޓެޑް ޑޭޓާ
ސިއްހީ އެހީއަށް އެދޭ ސްކޭމް ޕޯސްޓުތަކަށް ސަމާލުވާން އެދިއްޖެ
އިޒްރޭލާއި އެމެރިކާގެ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި