ހަ ކިލޯއަށް ވުރެ ގިނަ ޑްރަގް ރާއްޖެއަށް އެތެރެކުރަން އުޅުނު ތިން މީހަކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ގައްދޫ، ހިތިލާގެ، އަލީ އިރުފާނު 28، އާއި އިންޑިއާއަށް ނިސްބަތްވާ ދަނޫޝްކާނދަން ގޯޕާލް، 19، އާއި ހަމަ އެގައުމަށް ނިސްބަތްވާ ކަތިރިވިލް މަނިމަރަން، 21، އެވެ.
ފުލުހުން ބުނީ މި ތިން މީހުންނަކީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓައި، ފުލުހުންނާ ހަވާލުކުރި ތިން މީހުން ކަމަށެވެ.
އެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، ވިއްކައި، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މި މަހުގެ ތިންވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަލީ އިރުފާނު ޝަރީއަތް ނިމެންދެން އަދި އަނެއް ދެ މީހުން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކުރަން ފެށީ، އެ ތިން މީހުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އެ މީހުން ހިފަހައްޓައި، ފުލުހުންނާ ހަވާލު ކުރުމުންނެވެ.
މިއީ މި އަހަރުގެ ތެރޭގައި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް، މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެއްފަހަރާ އަތުލައިގަތް ފުރަތަމަ ފަހަރެވެ. ނަމަވެސް، މި އަހަރު ކަނޑުގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މިއަށްވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެތި މީގެ ކުރިން އަތުލައިގަނެފައިވެ އެވެ.

ޔުމް ކާމިޔާބު މީހަކަށްވީ ގަދަ ހިތްވަރުން!
އަކްޝޭއާއެކު މަސައްކަތް ކުރަން ފަރާ ބޭނުންނުވި ސަބަބު!
ކުރު ވާހަކަ: އެ ސިއްރު