ރޯދަ ވީއްލަން ކާބޯތަކެތި ތައްޔާރު ކުރުމުގައި މަޝްހޫރު ބްރޭންޑް "ނެސްލޭ"ގެ އުފެއްދުންތައް ބޭނުން ކުރުމުން ބޮލީވުޑްގެ ތަރި ސްވަރާ ބާސްކަރްއަށް ގިނަ ބަޔަކު ފާޑުކިޔަމުން އެބަދެ އެވެ.
ދާދި ފަހުން ސްވަރާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރި ޕޯސްޓެއްގައި އިފްތާރު ތައްޔާރު ކުރުމުގައި އޭނާ އުޅޭ މަންޒަރު ފެންނައިރު ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ އޭނާ ބޭނުންކުރި ނެސްލޭ ކިރު ޕަކެޓެކެވެ.
ނެސްލޭއަކީ ފަލަސްތީނާ ދެކޮޅަށް ޒައަނިސްޓް އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ކުރިއަށް ގެންދާ ކެމްޕެއިންގެ ދަށުން ބޮއިކޮޓް ކޮށްފައިވާ އިޒްރޭލަށް ވާގިވެރިވާ ބްރޭންޑްތަކުގެ ތެރެއިން ބްރޭންޑެކެވެ.
އެކަން ފާހަގަ ކޮށް ބައެއް މީހުން އޭނާގެ ޕޯސްޓަށް ކޮމެންޓް ކުރުމުން ސްވަރާ ވަނީ އޭނާއަކީ ޒައަނިސްޓުންނާ ދެކޮޅަށް ވަކާލާތުކުރާ މީހެއް ކަމަށާއި އެ އުފެއްދުން ބޭނުން ކުރެވުނީ އޮޅިގެން ކަމަށް ބުނެ ވީޑިއޯއެއް އާއްމު ކޮށްފަ އެވެ.
ސްވަރާއަކީ ހިންދޫއެއް ނަމަވެސް އޭނާ ކައިވެނިކުރީ މުސްލިމް އެކްޓިވިސްޓެއް ކަމަށްވާ ފަހަދު އަހުމަދުއާ އެވެ. އެހެން ކަމުން ރަމަޟާން މަހުގެ ކަންކަމުގައި އޭނާ އަމަލީ ގޮތުން ބައިވެރިވެ އެވެ.
ސްވަރާގެ ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު އޭނާ އެންމެ ފަހުން ފެނިގެންދިޔައީ ފިރިމީހާ ފަހަދުއާއެކު ރިއަލިޓީ ޝޯ "ޕަތީ ޕަތުނީ އޯރް ޕަންގާ" އިންނެވެ.

ފިލްމް ޑައިރެކްޓަރު ނިމާލް ނިޔާވެއްޖެ
ހުޅުމާލެ އުތުރުން އެދެނީ އެޗްޑީސީގެ އަޅުވެތިކަމުން މިނިވަން ވާން
މަސައްކަތް މި ކުރަނީ ރައްޔިތުނާ ގާތުން ހިދުމަތް ކުރުމަށް: ރައީސް