ރާއްޖެއަށް ކުރިމަތިވެފައިވާ ވައި ނުސާފުވުމުގެ މައްސަލައަކީ އާންމު ސިއްހަތަށާއި ތިމާވެއްޓަށާއި އިގުތިސާދަށް ވެސް އޮތް ނުރައްކަލެއް ކަމަށް ބަލައިގެން ސަރުކާރުން އެކަމަށް ހާއްސަ އިސްކަމެއް ދޭ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ވައި ނުސާފުވާ މައްސަލައާ ގުޅިގެން އާންމުންގެ ހުރި ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށާއި އަދި ޓްރާންސްބައުންޑާ ހޭޒް/ޕޮލިއުޝަންގެ ސަބަބުން ވައިގެ ނުސާފުވެ، އާންމު ދިރިއުޅުމަށާއި އިގްތިސާދަށް ނޭދެވޭ އަސަރު ކުރާނެކަން ގަބޫލުކުރާ ކަމަށެވެ. އެ ހާލަތަކީ މުޅި ދެކުނު އޭޝިއާ ސަރަހައްދަށް ކުރިމަތިވެފައިވާ މައްސަލައެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި ސަރަހައްދުގެ ގައުމުތަކުން ބޭރުކުރާ ވިހަ ގޭހާއި ދުންތައް މޫސުމީ ވަޔާއެކު، ރާއްޖެއާ ހަމައަށް ފޯރާ ކަމަށާއި ރާއްޖޭގެ ބިމުގެ ނިސްބަތް ކުޑަވުމާއެކު ކުޑަ ސަރަހައްދެއްގައި ގިނަ ބަޔަކު ދިރިއުޅޭތީ، އެފަދަ ތިމާވެށީގެ ބަދަލުތަކުގެ ނުރައްކާ ރާއްޖެއަށް ބޮޑު ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ މައްސަލަ ހައްލުކުރުމަށް މިނިސްޓްރީން ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތް ކުރަމުންދާ ކަމަށާއި އޭގެ ތެރޭގައި ސައިންޓިފިކް ދިރާސާތައް ކުރުމާއި މައުލޫމާތު ބަދަލުކުރުން އަދި ސަރަހައްދީ ގައުމުތަކާ އެކު މަޝްވަރާކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި ތިމާވެށި ރައްކާތެރިކުރުމަށް އިސްކަންދޭ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން، ވައިގެ ކޮލިޓީ ރަނގަޅު ކުރުމަށް ބޭރުގެ ފަރާތްތަކާއެކު ކުރާ މަސައްކަތްތައް ރާއްޖެއިން ހުއްޓުމެއް ނެތް ކުރިއަށް ގެންދާނެ އެވެ.

ރާއްޖޭގެ ޖައްވު ތަޣައްޔަރު ވަނީ އިރުވައި މޫސުން ފެށުމާ އެކު، އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަ ނުސާފު ވައިގެ ސަބަބުންނެވެ. އެ ތަޣައްޔަރު ވައިގައި އެކުލެވިގެން ވަނީ ހިރަފުހާއި ކާރުހާނާތަކުން އަރާ ދުމެވެ. އަދި ދަނޑުވެރިކަމުން އުފެދޭ ކުނި ނައްތާލުމަށް އެ ތަކެތި އެންދުމާއި ކަރަންޓު އުފެއްދުމަށް ކޯލް އެންދުން އަދި އުމްރާނީ ތަރައްގީއަށް ހިންގާ ބޮޑެތި ކޮންސްޓްރަކްޝަން މަސައްކަތްތަކުން އުފެދޭ ކުނޑި އާއި ދުން ވެސް ހިމެނެ އެވެ.

އެންވަޔަރްމަންޓް މިނިސްޓްރީން ޑިސެމްބަރު، 2024 ގައި އާންމުކޮށްފައިވާ "މޯލްޑިވްސް ނޭޝަނަލް އެކްޝަން ޕްލޭން އޮން އެއާ ޕޮލިއުޝަން" އިން އެނގޭ ގޮތުގައި މާލެ މަތީގައި އުފެދޭ ނުސާފުވައިގެ 70 ޕަސެންޓަކީ ސަރަހައްދީ ގޮތުން ރާއްޖެ މައްޗަށް ޖަމާވާ ނުސާފު ވަޔެވެ. ބާކީ 30 ޕަސެންޓަކީ ރާއްޖޭގައި ދުއްވާ އެކި ބާވަތުގެ އުޅަނދުތަކުން އަދި އެ ނޫން ވެސް ގޮތްގޮތުން އުފެދޭ ނުސާފު ވަޔެވެ.

ވައި ނުސާފުވާ ދުވަސްވަރު ރާއްޖޭގައި ނޭވާލާ ނިޒާމުގެ ބަލިތައް އަހަރަކަށް ވުރެ އަހަރަކު އިތުރުވަމުންދާކަން ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.