ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރުތަކާ ހިލާފުވާމިންވަރު އަންނަނީ އިތުރުވަމުން ކަމަށާއި އެގޮތުން މި އަމުރާއި ހިލާފުވެގެން މިދިޔަ އަހަރު 38 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފި އެވެ.
ފުލުހުންގެ ހިދުމަތުން ބުނި ގޮތުގައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކޯޓުތަކުން ނެރޭ ރައްކާތެރިކަމުގެ އަމުރުތަކާ ހިލާފުވާ މިންވަރު އިތުރުވަމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ.
މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވެގެން ޖުމްލަ 99 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ. މި މައްސަލަތަކާ ގުޅިގެން 38 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން 24 މައްސަލައެއްގައި ވަނީ ދައުވާ ކުރުމަށް ފޮނުވާފަ އެވެ.
ރައްކާތެރިކަމުގެ އަމުރަކީ ގެވެށި އަނިޔާގެ އަމަލެއް ތަކުރާރުވެދާނެ ކަމުގެ ބިރު އޮތް ހާލަތްތަކުގައި، އަނިޔާ ލިބޭ ފަރާތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކޯޓުން ނެރޭ ގާނޫނީ އަމުރެކެވެ. މި އަމުރުގެ ދަށުން އަނިޔާކުރާ ފަރާތުން ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ވަކި ކަންތައްތަކަކުން ދުރުހެލިވުމަށް އަންގަ އެވެ.
މިފަދަ އަމުރުތަކުގެ މައިގަނޑު މަގްސަދަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި، އެފަރާތްތަކުގެ އަސާސީ ހައްގުތައް ހިމާޔަތްކޮށްދިނުމެވެ.
ކަމާބެހޭ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ގެވެށި އަނިޔާގެ މައްސަލަތަކާއި ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓްކުރާ މިންވަރު އަދިވެސް ހުރީ މަތީގަ އެވެ. ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ގިނަކަން ތަފާސްހިސާބުތަކުން ދައްކަ އެވެ.
ދެކުނު ކޮރެއާގެ ކުރީގެ ރައީސް އުމުރަށް ޖަލަށްލާން ހުކުމްކޮށްފި
ރޯދަ މަލާފަތް: އެންމެންގެ މަގުބޫލު ކަށިކެޔޮ ކޭކު!
ނުރައްކާތެރި މިންވަރަށް ވައި ނުސާފުވެ ރެޑް އެލާޓުގައި!