ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީ ސްކޫލް ބަންދާއި ދިމާވާގޮތަށް ބަދަލުކުރަން ބަދަލު ކުރަން މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފި އެވެ.
ދިރާސީ އަހަރުގެ ކިޔެވުން އޮގަސްޓް މަހު ފަށާ ގޮތަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ނިންމައިފަ އެވެ. އެހެންކަމުން ދިރާސާ އަހަރުގެ ކިޔެވުން ނިމި ދަރިވަރުންނަށް ޗުއްޓީ ލިބޭނީ އަހަރުގެ ޖުލައި މަހަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން މަޖިލީހުގެ ދެވަނަ ދައުރު ހިނގަނީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށެވެ. އެހެންކަމުން ސްކޫލް ބަންދު ދިމާވާ ދުވަސްވަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޗުއްޓީއެއް ލިބިވަޑައެއް ނުގަންނަވަ އެވެ.
މިއަދު ބޭއްވުނު އާންމު ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވަނީ ކޮންމެ އަހަރެއްގެ މެއި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް މަޖިލީހުގެ ދެވަނަ ދައުރުގެ މުއްދަތު ބަދަލު ކުރާ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލު ކުރުމަށެވެ. އަދި އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ހިނގާ ތިންވަނަ ދައުރުގެ މުއްދަތަކީ ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ މެދު ތެރެއިން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށް ކޮމިޓީން ވަނީ ބަދަލުކޮށްފަ އެވެ.
އެ ބަދަލާއެކު މަޖިލީހުގެ ދެވަނަ ދައުރުގެ މުއްދަތު ކުރުވާނެ އެވެ. ނަމަވެސް ޖުމުލަކޮށް މުޅި އަހަރު މަޖިލީހުގައި މަސައްކަތް ކުރާ ދުވަސްތަކުގެ މުއްދަތަށް އެއްވެސް ބަދަލެއް އައިސްފައިނުވެ އެވެ.