އޭނާގެ ކުރެހުންތައް ފުރިހަމަވެފައި ރީއްޗެވެ. ކޮންމެ ކުރެހުމެއްގައި ވަނީ ތަފާތު މެސެޖެކެވެ. ކުރެހުންތެރިޔާ އާއި ބައްދަލުކޮށްލަން ބޭނުންވީ، ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުންނަ ފަރާތެއް ކަމަށް އަޑު އިވިފައި ވާތީ، އޭނާ މަސައްކަތް ކުރާ ގޮތް ދެކިލުމަށެވެ. އޭނާ އާ ބައްދަލު ކޮށްލުމަށް އެދި ފޮނުވި މެސެޖަށް ވަރަށް ފުރިހަމައަށް ޖަވާބު ވެސް ދިނެވެ. އިނގިރޭސި ބަހުން އައި ޖަވާބުގައި އޭނާއަކީ ނުކުޅެދުންތެރި މީހެއް ކަމަށް ބުންޏެވެ. އަދި ބައްދަލު ކުރުމަށް އެދޭ ނަމަ، އޭނާގެ މަންމަ އާއި ނުވަތަ ބޮޑު ބޭބޭއާ ގުޅުމަށް ބުނެ، އެ ދެ މީހުންގެ ނަންބަރު ފޮނުވި އެވެ.
އެއީ ނުކުޅެދުންތެރިކަން ހުރި ކުއްޖެއްކަން ޔަގީންވީ އޭނާ ފެނުމުންނެވެ. "ޕަވާ ޗެއާ" ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ މީހުން އިށީންނަ ފުރޮޅުލީ ގޮނޑިއެއްގައި އިންއިރު އޭނާގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. ވާހަކަ ދެއްކުމުގައި ދަތިކަމެއް ހުއްޓެވެ. ވީމާ އޭނާ އާ ބެހޭ ހުރިހާ މައުލޫމާތެއް ދިނީ އޭނާގެ މަންމަ އެވެ. އެ ވަގުތު ދެކެވެމުން ދިޔަ ވާހަކަ ކަނުލާ އަޑުއަހަން ކައިރީގައި އޭނާ އިނެވެ. އޭނާގެ މަންމަ ދޭ މައުލޫމާތުގައި މައްސަލައެއް އުޅޭނަމަ ރަނގަޅު ވެސް ކޮށްދިނެވެ. މިއީ އީމާންގެ ވާހަކަ އެވެ.
ފާތިމަތު އީމާން (އީމާން) ދުނިޔެއަށް އުފަންވިއިރު އެހެން ކުއްޖެކޭ އެއްވެސް ތަފާތެއް ނެތެވެ. ކުއްޖަކު އުފަންވުމުން ޖަހަން ޖެހޭ ހުރިހާ ވެކްސިންތައް ޖެހި އެވެ. ބޮޑުވަމުން ދިޔައީ އެހެން ކުދިންނެކޭ އެއްފަދައިންނެވެ. އެހެން ނަމަވެސް އުމުރުން 18 މަހުގައި ތަފާތު ކަމެއް ފާހަގަ ވާން ފެށި އެވެ. އެއީ ގާތުން ބުއިމުން މަނާވެގަތުމެވެ.
"އަޅުގަނޑުމެން އެކަމާ ކަންބޮޑުވެގެން އަވަހަށް ސެންޓްރަލް ހޮސްޕިޓަލްގެ ކުޑަކުދިންގެ ޑޮކްޓަރަކަށް ދެއްކިން. އީމާން ފެންނަ ފެނުމަށް ރަނގަޅު ނޫންކަން އެޑޮކްޓަރު ވެސް ފާހަގަކުރި. އަދި އިތުރު ފަރުވާއަށް އިންޑިއާށް ދިއުމަށް އެޑޮކްޓަރު ލަފާ ދެއްވި. ދެން އަޅުގަނޑުމެން އިންޑިއާގެ ޓްރިވެންޑްރަމްއަށް ގޮސް މެޑިކަލް ކޮލެޖުން ފަރުވާ ހޯދިން،" އަމީނިއްޔާ ސްކޫލްގެ ލީޑިން ޓީޗަރެއްގެ މަގާމު އަދާކުރާ އީމާންގެ މަންމަ އައިމިނަތު ސީމާ ކިޔައިދިނެވެ.
އިންޑިއާގައި ކުރި ޓެސްޓްތަކުން ދެއްކި ގޮތުގައި، އީމާންގެ ނުކުޅެދުންތެރި ކަމުގެ އަސްލަކީ "ސެރިބްރަލް ޕަލްސީ" ނުވަތަ ޅަފަތުގައި ސިކުޑިއަށް ލިބުނު ގެއްލުމެއްގެ ސަބަބުން ދިމާވި މައްސަލައެކެވެ.
މެޑިކަލް ކޮލެޖްގައި އެ ބައްޔަށް ދެވޭނެ ފަރުވާއެއް ނެތް ކަމަށާއި އެހެން ނަމަވެސް ފިޒިއޯތެރަޕީ ދީގެން ގައިގެ މަސްތަކުގެ ބާރުގަދަ ކުރެވިދާނެ ކަމަށް ޑޮކްޓަރުން އީމާންގެ މައިންބަފައިންނަށް އޮޅުންފިލުވައި ދެއްވި އެވެ. ފިޒިއޯތެރަޕީއަށް އެއްބަސްވެ އީމާންގެ ފަރުވާ ދެން ކުރިއަށް ގެންދިޔައީ ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށެވެ.
"އޭރު ކޮންމެ ސްކޫލް ޗުއްޓީއެއްގައި އީމާން ގޮވައިގެން ޓްރިވެންޑްރަމަށް ގޮސް "ޓްރީޓްމަންޓް" (ފަރުވާ) ނަގައިގެން މާލެ އަންނަނީ. އަދި މާލޭގައި ވެސް ޕިޒިއޮތެރަޕީ ނަގަން. ވާހަކަ ދައްކަން އުނދަގޫވީމަ ފަހުން ސްޕީޗް ތެރަޕީ ވެސް ދިނިން. އަދި އޮކިއުޕޭޝަނަލް ތެރަޕީ ވެސް ދިނިން. އޭގެ ދުވަސްކޮޅެއް ފަހުން އިންޑިއާގެ ވެއްލޫރުން ސާޖަރީއެއް ހެދިން. އަދި ދެ އަހަރު ވަންދެން ފިޒިއޮތެރަޕީ ދިނިން. އެއީ އޭނާގެ ހަށިގަނޑުގައިވާ 'ސްޓިފްނަސް' (ވާންކަން) ކަނޑުވާލަން،" ސީމާ ކިޔައިދިނެވެ.
ސާޖަރީއަށް ފަހު އީމާންގެ ފައިގައި "ކެލިޕާ" އަޅުވައި އަދި "ވޯކާ" ބޭނުންކޮށްގެން ހިނގަން ފަރިތަކުރުމުގެ ސެޝަންތަކެއް ކުރިއަށް ގެންދެވުނެވެ. އެހެންނަމަ ވެސް ނަސީބު ދިމާކުރީ ވަރަށް ދެރަކޮށެވެ.
ފަރުވާގެ އެންމެ މުހިންމު ހިސާބުން އިންޑިއާގައި ހުރުމުގެ ވިސާ ހަމަވެ، ފަރުވާ މެދުކަނޑާލާފައި މާލެ އަންނަން ޖެހުނެވެ. މާލޭގައި ހުރި މުއްދަތުގެ ތެރޭގައި އީމާންގެ ހަށިގަނޑަށް އަނެއްކާ ވެސް ކުރިން ހުރި "ސްޓިފްނަސް"އިއާދަވި އެވެ. ފިޒިއޮތެރަޕީ ހެދި ނަމަވެސް އިތުރަށް ރަނގަޅެއް ނުކުރެވުނެވެ.
"އޭރު މާލޭގައި ނުހުރޭ ސްޕެޝަލްނީޑްސް ކުދިންނަށް ކިޔަވާ ދެވޭނެ ސްކޫލެއް. އެހެން ނަމަވެސް އަޅުގަނޑުމެން ގެންދިޔައީ އީމާންއަށް ކިޔަވާދެމުން. ވާހަކަ ދައްކަން އުނދަގޫ ނަމަވެސް އޭނާއަށް އިނގޭނެ ދިވެހި އަދި އިނގިރޭސި ލިޔުންތައް ކިޔަން. ފޯން މެސެޖްތަކަށް އިނގިރޭސިން ޖަވާބު ދޭނެ. ހިންދީ ފިލްމް ބަލައިގެން ހިންދީ ބަސް ދަސްކުރި. އޭނާގެ ބައްޕަ އޭނާއަށް ކޮމްޕިއުޓާ ބޭނުންކޮށްގެން ކުރަހަން ދަސްކޮށްދީފައި ވެސް ވޭ،" ސީމާ ކިޔައިދިނެވެ.
އީމާންއަކީ 1998 ގައި ހުޅުވުނު ކެއާ ސޮސައިޓީގެ ވެސް މެންބަރެކެވެ. އެތަނުން އޭނާ ވަނީ ކިޔެވުމުގެ އިތުރުން ތަފާތު ހުނަރުތައް ދަސްކޮށްފަ އެވެ. އޭނާގެ އެންމެ ޚާއްސަ އެއް ސިފައަކީ ވަރަށް ބޮޑަށް ގަޑިއަށް ކަންކަން ކުރުމަށް ހޭނިފައިވުމެވެ. ނިދުން، ހޭލުން، ކެއުން އަދި ކުރެހުމަށް ގަނޑިތަކެއް ކަނޑައަޅާ އެ ގަޑިތަކަށް ފަރުވާތެރިވެ އެވެ. އީމާންއަކީ ވިސްނުމުގައި އެއްވެސް އުނިކަމެއް ނެތް ކުއްޖެއް ކަމާއި އެހެންކަމުން އެހެން ކުދިންނާ މާބޮޑު ތަފާތެއް ނެތް ކުއްޖެއް ކަމުގެ އިހްސާސް ކުރެވޭކަން، އޭނާގެ މަންމަ ވަރަށް އުފަލާއެކު ފާހަގަކުރި އެވެ.
އީމާން ކުރެހުމަށް ޝައުގުވެރިކަން އުފެދުނީ އޭނާގެ ބައްޕައާއެކު އެ މަސައްކަތް ކުރުމުގެ ތެރޭގަ އެވެ. ކުރެހުމުގައި އީމާންގެ ބައްޕަގެ ފަރާތު ބޮޑުބޭބެ، ކުރެހުންތެރިޔާ އަހުމަދު އަރީފްގެ އެހީތެރިކަން ވެސް ވަރަށް ބޮޑަށް ލިބެ އެވެ. އަދި ކުރެހުމަށް ބޭނުންވާ ތަކެތި ހޯދައިދިނުމުގައި އާއިލާގެ ހުރިހާ އެންމެންގެ އެހީތެރިކަން ވެސް ލިބެ އެވެ.
އީމާން ކުރަހަނީ އޭނާގެ އަމިއްލަ ވިސްނުމަށެވެ. ކުރަހަނީ ގުދުރަތީ މަންޒަރުތަކެވެ. އަދި އޭނާގެ އިހްސާސްތައް ބުނެދޭ މަންޒަރުތަކެވެ. ކުރެހުމަށް މުޅި އަތް ބޭނުންކުރުމުގެ ބަދަލުގައި ބޭނުން ކުރެވެނީ ހަމައެކަނި އިނގިލިތަކެވެ. އެހެން ނަމަވެސް އެ މަސައްކަތަށް ހުރި ޝައުގުވެރިކަމުން ގިނަ ވަގުތު ހޭދަކޮށްގެން ވެސް، މީހުން ހައިރާންވާ ފަދަ ރީތި ކުރެހުންތައް ކުރަހަ އެވެ. ފޭސްބުކްގެ "އީމާންސް ވާލްޑް އޮފް ވޮނޑާސް"އަކީ އޭނާގެ ޕޭޖެވެ. އެޕޭޖްގައި ހުރި ކުރެހުންތަކުން އީމާންގެ އިހްސާސްތައް ބުނެ އެވެ.
މީގެ 8 އަހަރު ކުރިން، 2017ގައި ބޭއްވި "ހީވާގި ކަނބަލުން"ގައި ބައިވެރިވެ އޭނާގެ ހުނަރު ގިނަ ބަޔަކަށް ދައްކަދީފައިވެ އެވެ. އެ ފަހަރު އޭނާ ބައިވެރިކުރި ކުރެހުންތަކުގެ ތެރެއިން، ދެ ކުރެހުމަކަށް 1 ވަނަ އަދި 2 ވަނަ ލިބުނެވެ.
"އެ މައުރަޒުގައި ބައިވެރިކުރަން އީމާން ވަރަށް ގިނަ ކުރެހުން ކުރެހި. އެ ކުރެހުންތައް އެފްބީއަށް ލުމުން ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެންދިޔަ. އީމާންގެ ކުރެހުންތައް ފެނި ވަރަށް ގިނަ މީހުން އޮންލައިންކޮށް ވެސް އެ ކުރެހުންތައް ގަނޭ އަދި ގެއަށް ވެސް ގަންނަން އާދޭ،" ސީމާ ބުންޏެވެ.
މިއަދު އީމާންއަކީ މޮޅުއާޓިސްޓެއްގެ ގޮތުގައި މީހުން އަންނަނީ ބަލައިގަންނަމުންނެވެ. އޭގެ ހެއްކަކީ އާޓް ގެލެރީގައި ބޭއްވި ކުރެހުމުގެ މައުރަޒެއް ހުޅުވުމުގެ ރަސްމިއްޔާތަކަށް "ސްޕެޝަލް ގެސްޓް"އެއްގެ ގޮތުގައި އީމާން އަށް ދައުވަތު ދިނުމެވެ. އީމާން މަންމަ ބުނިގޮތުގައި ކުރިއަށް އޮތްތަނުގައި އީމާން ގިނަ މުބާރާތްތަކެއްގައި ބައިވެރިވުމަކީ އޭނާގެ ވެސް އަދި އީމަންގެ ވެސް އުންމީދެވެ.