ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރު ޚާން އިނީ އޭނާގެ ތިންވަނަ ދަރިފުޅަށް ބަލިވެ ކަމަށް ބުނާ ހަބަރުތައް އިންޑިއާގެ މީޑިއާގައި ގިނަވެއްޖެ އެވެ.

މި އަޑުތައް ސޯޝަލް މީޑިއާގައި ގަދަވެފައި މިވަނީ މިފަހުން ކަރީނާ އޭނާގެ ފިރިމީހާ ސައިފް އަލީ ޚާންއާއެކު ހިއްސާކުރި ފޮޓޯއަކަށްފަހު އެވެ.

އެ ފޮޓޯގައި ސައިފްއާއި ކަރީނާ ކަޅު ކުލައިގެ ހެދުމެއްގައި އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެން ހުރިއިރު ކަރީނާގެ ބަނޑު ފުފިފައި ހުރިކަން އާއްމުންނަށް ފާހަގަވި އެވެ.

އެއާއެކު ކަރީނާ އިނީ ތިންވަނަ ދަރިފުޅަށް ބަނޑުބޮޑު ކަމަށް ނިންމައި ގިނަ ބަޔަކު ވަނީ އެ ދެމަފިރިންނަށް މަރުހަބާ ކިޔަން ވެސް ފަށާފަ އެވެ.

ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މިއީ މި އަޑުތައް ގަދަވި ފުރަތަމަ ފަހަރު ނޫން ކަމެވެ. މީގެ ކުރިން ވެސް އެތައް ފަހަރަކު މަތިން ކަރީނާ ބަނޑު ބޮޑު ކަމަށް ހަބަރު ފެތުރުނެވެ.

ކަރީނާއާއި ސައިފްގެ ކައިވެންޏަށް މީގެ ކުރިން ތައިމުރްއާއި ޖެހް ލިބިފައިވާއިރު ސައިފްގެ ފުރަތަމަ ކައިވެންޏަށް އިބްރާހިމް އަދި ސާރާ ލިބިފައިވެ އެވެ.